Advertisement

މާލެ އަށް 162 މިލިމީޓަރު، ހުޅުމާލެ އަށް 164 މިލިމީޓަރުގެ ވާރޭ ވެހުނު

4 ޖަނަވަރީ 2025 - 06:36 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިއްޔެ ހެނދުނުން ފެށިގެން ވެހެމުން ދިޔަ ވާރޭގައި މާލޭ ފެނު އަޑީގައި އޮތްއިރު، އަމީނީ މަގުން މީހަކު ސައިކަލްގައި ދުއްވާފައި އަންނަނީ. މާލޭގައި ބޮޑުވި ފެންގަނޑު ހިންދައިލެވުނީ ރޭ ދަންވަރު. -- ފޮޓޯ: އަދަދު


މާލެ އަށް 162 މިލިމީޓަރު، ހުޅުމާލެ އަށް 164 މިލިމީޓަރުގެ ވާރޭ ވެހުނު

4 ޖަނަވަރީ 2025 - 06:36 0

މުޅި ރާއްޖެ އަށް އިއްޔެ ކުރި ވިއްސާރައިގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލޭ ސަރަހައްދަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓު އޮފީހުގެ އެސިސްޓެންޓު މީޓިއޮރޮލޮޖިސްޓު ހުސެއިން ވަހީދު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ ރޭ 11:00 އާ ހަމައަށް މާލެ އަށް 162 މިލިމީޓަރު، އަދި ހުޅުމާލެ އަށް 164މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ.

މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ދިރިއުޅެން އުނދަގޫވި ހާލަތަށް ދިޔަ 36 ގޭބިސީއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި، ކެއިންބުއިން ފޯރުކޮށްދީފައިވާ ކަަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން ބުނެފައިވެ އެވެ.

އެ ސެންޓަރުން ބުނީ ފެން ބޮޑުވުމުގެ ސަބަބުން އެހީތެރިކަމަށް އެދި 774 ތަނަކުން ރިޕޯޓުކުރި ކަމަށާއި، އޭގެތެރެއިން 554 ފަރާތުން އެދުނީ ފެން ވަނުން މައިތިރިކުރަން ވެލި ބަސްތާ ޖަހައި ދިނުމަށް ކަމަށެވެ.

ފެން ބޮޑުވެ، މާލޭގެ އާންމު ދިރިއުޅުން ހުއްޓުނުއިރު، ބޮޑުވި ފެންގަނޑު ހިންދުނީ ރޭ ދަންވަރު އެވެ.

މުޅި ރާއްޖެ އަށް ކުރި ވިއްސާރައިގައި މާލޭގެ އިތުރުން އަށް ރަށެއްގައި އިއްޔެ ފެން ބޮޑުވެ، ގެތަކަށް ގެއްލުން ލިބިފައިވެ އެވެ. އަދި ދެ ރަށަކަށް އުދަ އަރައިގެން ވެސް ގެއްލުން ލިބުނެވެ.