3 ޖަނަވަރީ 2025 - 20:42 0
ލީވާން އަލީ ނާސިރު
ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: 85 ޕަސަންޓު ގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބުނު
3 ޖަނަވަރީ 2025 - 20:42 0
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި ރަށުގެ 85 ޕަސަންޓު ގެއަށް ފެން ވަދެ، ގެއްލުންތަކެއް ލިބިއްޖެ އެވެ.
ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު "އަދަދު" އަށް ވިދާޅުވީ މިއަދު ހެނދުނު 06:00 އިން ފެށިގެން މެންދުރު 2:00 ޖެހުމާ ހަމައަށް ހުއްޓާ ނުލައި އެ ރަށަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މީހުން ދިރިއުޅޭ 278 ގެއެއްގެ ތެރެއިން 85 ޕަސަންޓު ގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބުނު ކަމަށެވެ.
"278 ގެއެއްގައި މީހުން އުޅޭ. 85 ޕަސަންޓު ގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބުނު. ހިފާ ގެންގުޅޭ ތަކެއްޗާއި އަލަމާރި، އެނދުފަދަ ތަކެއްޗަށް މައިގަނޑު ގޮތެއްގައި ގެއްލުން ލިބުނީ،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އަލީ އަހުމަދު ވިދާޅުވީ ވާރޭ ވެހުމުގެ ސަބަބުން ބައެއް ގެތަކުން ކަރަންޓު ވެސް ދިޔަ ކަމަށާއި ކަރަންޓުގެ ހިދުމަތް އަނބުރާ ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރަށުގެ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުންދާއިރު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދަނީ ފެން ހިންދުމުގެ މަސައްކަތް ކަމަށް އަލީ އަހުމަދު ވިދާޅުވި އެވެ.
ފ. ނިލަންދޫއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: 85 ޕަސަންޓު ގެއަށް ފެން ވަދެ ގެއްލުންތަކެއް ލިބުނު
އަލީ އަހުމަދު ވަނީ ފުލުހުންނާއި އެމްއެންޑީއެފްގެ އިތުރުން އެމްޓީސީސީ އަދި ރައްޔިތުން ނުކުމެ ފެން ހިންދުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ.
ޖުމްލަ 2،400 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނިލަންދޫގައި 1،700 އެއްހާ މީހުން ދިރިއުޅެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދ. ކުޑަހުވަދޫއިން 10 ގެއަށް އަދި ދ. މީދޫއިން 10 އަކަށްވުރެ ގިނަ ގެއަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ކ. ގުރައިދޫއިން 60 ގެއަކަށް ފެން ވަދެގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި އދ. މާމިގިލިން ހަތަރު ގެއަކަށް ގެއްލުންވެގެން ރިޕޯޓު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނުންޏެވެ. އަދި މާމިގިލިން ދެ ގެއަކަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށް ވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށް ފަހު ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
Comment