Advertisement

އައިބީއެމްއަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމުގެ އެއްބަސްވުން ބާތިލު ކުރަން އަންގައިފި

އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖިނާން (ކ) އަދި އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން (ވ): އައިބީއެމްއަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމުގެ އެއްބަސްވުން ބާތިލު ކުރަން އެމްޑަބްލިއުއެސްސީން ވަނީ އަންގާފައި


އައިބީއެމްއަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމުގެ އެއްބަސްވުން ބާތިލު ކުރަން އަންގައިފި

އައިލެންޑް ބެވަރެޖް މޯލްޑިވްސް (އައިބީއެމް) އަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމާ ގުޅޭ އާ އެއްބަސްވުން ބާތިލުކޮށް، އެ ޕްރޮސެސް އަލުން ކުރިއަށް ގެންދަން އެމްޑަބްލިއުއެސްސީން އަންގައިފި އެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި އައިބީއެމްއަށް ލޭބާ އެކޮމޮޑޭޝަނެއް ހޯދުމުގެ ޕްރޮސެސް އާއި އަގުތަކާ ގުޅޭ ޝަކުވާއެއް އައުމާ ގުޅިގެން އެކަންތައް ބެލުމަށްފަހު އެއްބަސްވުން ބާތިލު ކޮށްފައިވާ ކަމަށެވެ.

"އައިބީއެމްއަށް ލޭބާ އެކަމޮޑޭޝަން ހޯދުމުގެ ޕްރޮސް އާއި އަގުތަކާއި ގުޅޭ ޝަކުވާއެއް އަޅުގަނޑުމެނަށް މީގެ ދުވަސްކޮޅެއް ކުރިން ލިބުމާ އެކު އެކަން ކުރިޔަށް ގޮސްފައިވާ ގޮތާއި އަގުތައް އިންޓާނަލް އޮޑިޓް ޓީމުން ބެލުމަށްފަހު އެމްޑަބްލިއުއެސްސީގެ ބޯޑުގައި މަޝްވަރާކުރެވި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އައިބީއެމްއަށް އަންގާފައި،" އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އައިބީއެމްއިން އެކޮމޮޑޭޝަން ބްލޮކް ފަސް އަހަރު ދުވަހަށް ކުއްޔަށް ނެގީ ޓެލެ މޯލްޑިވްސް ކިޔާ ކުންފުންޏެއް މެދުވެރިވެގެން ބިޑިން ޕްރޮސެސްއަކާ ނުލައި މަހަކު ދެ ލައްކަ ރުފިޔާ ދައްކާ ގޮތަށެވެ.

އާ އެއްބަސްވުން ހެދީ އިތުރު ފްލޯއެއް ވެސް ކުއްޔަށް ނަގާ ގޮތަށް، އެތަނުގެ މާރާމާތަށް އައިބީއެމްއިން ހަރަދު ކުރާ ގޮތަށްކަން އެއްބަސްވުމުން އެނގެ އެވެ.

އައިބީއެމްއިން ލޭބާ އެކޮމޮޑޭޝަން ކުރިން ކުއްޔަށް ނަގާފައި ހުރީ މަހަކު 60،000ރ. ދޭ ގޮތަށްކަން ލިޔުންތަކުން އެނގޭއިރު، އެ ލޭބާ އެކޮމޮޑޭޝަން ވެސް ކުއްޔަށް ނެގީ ޓެލެ މޯލްޑިވްސް އިންނެވެ.

އައިބީއެމްއިން ލޭބާ އެކޮމޮޑޭޝަންގެ އެއްބަސްވުން ފުރަތަމަ ހަދާފައި ވަނީ މިދިޔަ އޮގަސްޓް 27، ގަ އެވެ. ނަމަވެސް އެ އެއްބަސްވުން ބަދަލުކޮށް އާ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އޮކްޓޯބަރު 22، ގަ އެެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގުޅިގެން ކޮރަޕްޝަންގެ އެކި ކަހަލަ ކަންކަން އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ފެންމަތިވީ ކޮރަޕްޝަންގެ ކަންކަން ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ.

މީގެއިތުރުން ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނު އެޗްޑީސީގެ އިބްރާހިމް ފަޒުލް ރަޝީދު އަދި ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.