3 ޖުލައި 2025 - 13:09 1
މާލޭގައި ހުންނަ އެމްބަޑްލިޔުއެސްސީގެ މައި އޮފީސް ހުންނަ ފެން ބިލްޑިން: އެމްޑަބްލިޔުއެސްސީއަކީ ދިވެހި ދައުލަތާއި ޖަޕާނުގެ ހިޓާޗީ ކޯޕަރޭޝަނުން ހިއްސާވާ ކުންފުންޏެއް -- އަދަދު ފައިލް ފޮޓޯ
3 ޖުލައި 2025 - 13:09 1
ފެނާއި ނަރުދާމޭގެ ހިދުމަތްދޭ ސަރުކާރު މެޖޯރިޓީ ހިއްސާވާ ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސްވްރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 226 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އޮޑިޓުކުރުމަށް ފަހު ނެރެފައިވާ އެމްޑަބްލިޔުއެސްސީގެ މިދިޔަ އަހަރުގެ މާލީ ބަޔާނުގައިވާ ގޮތުގައި، އެ ކުންފުންޏާއި އެ ކުންފުންޏާއި ޗަމްޕާ ހޯލްޑިންސްއިން ހިއްސާވާ ސަބްސިޑަރީ ކުންފުނި، އައިލެންޑް ބެވަރޭޖަސް މޯލްޑިވްސްއަށް މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.
އެމްޑަބްލިޔުއެސްސީގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރަށް ވުރެ ހުރިހާ ގޮތަކުން ވެސް އެ ކުންފުނީގެ ޕާފޯމަންސް ރަނގަޅެވެ.
މިދިޔަ އަހަރު އެމްޑަބްލިޔުއެސްސީއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ، އެ ކުންފުނީގެ މައިގަނޑު ހިދުމަތް ކަމުގައިވާ ޔުޓިލިޓީ ހިދުމަތުންނެވެ. އެ އަދަދު އެއް ބިލިއަން ރުފިޔާއަށް ވުރެ އިތުރެވެ. ދެން އެ ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބުނީ އިމާރާތްކުރުމުގެ ޕްރޮޖްކެޓުތަކާއި (347 މިލިއަން ރުފިޔާ) ފެނާއި އައިސް ވިއްކައިގެން (236 މިލިއަން ރުފިޔާ) އެވެ.
އެމްޑަބްލިޔުއެސްސީގެ އިދާރީ ހަރަދުތަކަށް 398 މިލިއަން ރުފިޔާ ހަރަދުކުރިއިރު، އޭގެ ދެ ބައި ކުޅަ އެއް ބަޔަށް ވުރެ ބޮޑު ބަޔަކީ މުވައްޒަފުންގެ ހަރަދެވެ. މުވައްޒަފުންނަށް އެކަނި 221 މިލިއަން ރުފިޔާ ހަރަދުވި އެވެ.
މިދިޔަ އަހަރު ލިބުނު ފައިދާއިން އެ ކުންފުނިން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި 68 މިލިއަން ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. އެކަމަކު މިއީ އޭގެ ކުރީ އަހަރު އެ ކުންފުނިން ހިއްސާގެ ފައިދާއަށް ބެހި 114 މިލިއަން ރުފިޔާއަށް ވުރެ ދަށް އަދަދެކެވެ.
އެމްބަޑްލިޔުއެސްސީން ވަނީ އެ ކުންފުނިން އަދާކުރަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދު ވެސް ނިމުނު އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެ ކުންފުނިން ބަރާބަރަށް ލޯނުތައް ދައްކަމުން ދިޔުމާއި ނެގި ލޯނުތަކުގެ އަދަދު ނިސްބަތުން ކުޑަކަމުން، އޭގެ ކުރީ އަހަރުގެ ނިޔަލަށް 338 މިލިއަން ރުފިޔާއިން މަތީގައި ހުރި ޖުމްލަ ދަރަނީގެ އަދަދު ވަނީ މިދިޔަ އަހަރުގެ ނިޔަލަށް 279 މިލިއަން ރުފިޔާއަށް ތިރިވެފަ އެވެ.
އެމްޑަބްލިޔުއެސްސީގެ ކޮންޓްރޯލިން ހިއްސާދާރަކީ ސަރުކާރެވެ. އެ ކުންފުނީގެ އަނެއް ހިއްސާދާރަކީ ޖަޕާނުގެ ހިޓާޗީ ކޯޕަރޭޝަނެވެ. އެ ކުންފުނިން މައިގަނޑު ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދެނީ މާލެ ސަރަހައްދުގަ އެވެ.
Comment