Advertisement

އިސްތިއުފާ ދިން ފިނޭންސް މިނިސްޓަރު ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް އައްޔަނުކޮށްފި

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: އޭނާއަކީ ކުރިން އެޗްޑީއެފްސީގެ ސީއެފްއޯ -- ފޮޓޯ: އަދަދު


އިސްތިއުފާ ދިން ފިނޭންސް މިނިސްޓަރު ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް އައްޔަނުކޮށްފި

ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސެޕްޓެމްބަރު 31, ގައި އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑު ޑިރެކްޓަރެއްގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި އިދާރާ ކަމަށްވާ ޕްރައިވަޓައިޒޭޝަން ބޯޑުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި އެ މަގާމަށް ޝަފީގު އައްޔަނުކުރީ ޑިސެމްބަރު ދޭއްގަ އެވެ. މީގެ ކުރިން ވެސް ޝަފީގު ވަނީ އެޗްޑީއެފްސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މަގާމު ފުރުއްވާފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޝަފީގުގެ އިސްތިއުފާއާ ގުޅޭގޮތުން މިހާތަނަށް އާންމުކޮށް ވާހަކަ ދައްކަވާފައި ނުވެ އެވެ. އެހެންވެ, އޭނާގެ އިސްތިއުފާގެ ސަބަބެއް އަދިވެސް ނޭނގެ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ލުއި ލޯނުތަކެއް ތައާރަފުކުރަން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން ހިންގާ "ހިޔާވެހި ފައިނޭންސް ސްކީމް" ގެ މަސައްކަތްތައް ބަލަހައްޓަނީ އެޗްޑީއެފްސީންނެވެ.

ހިޔާވެހި ފައިނޭންސް ސްކީމްގެ ލޯނުތައް ވަނީ ދެ ބާވަތަކަށް ބަހާލާފަ އެވެ. އެއީ އަތޮޅުތެރޭ ރަށްތަކަށް ހާއްސަ ސްކީމާއި ގްރޭޓާ މާލޭ ސަރަހައްދާއި މި ސަރުކާރުން ކަނޑައަޅާފައިވާ އާބަން ސެންޓަރުތަކަށް ހާއްސަ ސްކީމެވެ.

އެޗްޑީއެފްސީއަކީ ސަރުކާރުގެ މައިނޯރިޓީ ހިއްސާ (49 ޕަސެންޓު) އޮންނަ ގެދޮރުވެރިކަމުގެ ފައިނޭންސިންއަށް ހާއްސަ ކުންފުންޏެކެވެ. މި ކުންފުނީގައި ދެންތިބި ހިއްސާދާރުންނަކީ:

  • އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) - 18 ޕަސެންޓު
  • އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) - 18 ޕަސެންޓު
  • އެޗްޑީއެފްސީ އިންޑިއާ - 15 ޕަސެންޓު