21 ޑިސެންބަރު 2024 - 17:56 0
މާލެ ސިޓީ ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު
21 ޑިސެންބަރު 2024 - 17:56 0
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މާލެ ސިޓީ 3-2 އިން ބަލިކޮށް، ބ. އޭދަފުށިން ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ, އަށް އަހަރަށް ފަހު, އޭދަފުށިން ގަލޮޅު ދަނޑުގައި ކުޅޭނެ ފުރަތަމަ ފައިނަލެވެ. އެ ޓީމުން ވަނީ، އެންމެ ފަހުން ރަސްމީ ދަނޑުގައި ކުޅުނު ފައިނަލު ކަމަށްވާ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތ. ތިމަރަފުށި ބަލިކޮށްފަ އެވެެ.
ގޯލްޑް ކަޕް ފައިނަލުގައި މާލެ ކުޅެން ޖެހޭނީ ދެ ވަނަ ސެމީ ފައިނަލުގައި އައްޑޫ ސިޓީ އާއި ރ. އަލިފުށި ކުޅެގެން މޮޅުވާ ޓީމަކާ އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޭދަފުށިން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. މި މެޗުގައި އޭދަފުށިން ވެސް ހަމްޒާ މުހައްމަދު (ހަމްޕު) ފުރަތަަމަ އެގާރައިގައި ހިމަނައިގެންނެވެ. ކުއާޓާ ފައިނަލުގައި ޅ. ނައިފަރު އަތުން މޮޅުވި މެޗުގައި ހަމްޕު ކުޅެން އެރީ ބަދަލަކަށެވެ.
އެ ގޮތުން، އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން އޭދަފުށިން ލީޑުނެގީ ހަމްޕު ޖެހި ގޯލުންނެވެ. އޭދަފުށީގެ ދެ ވަނަ ލަނޑު ޖެހީ ވެސް ހަމްޕު އެވެ. އޭނާ މި ފަހަރު ގޯލު ޖެހީ އައިހަމް އަހުމަދު (އައިހު) ނެގި ހިލޭޖެހުމަކުން ބޮލުންނެެވެ.
އޭދަފުށީގެ ތިން ވަނަ ގޯލު ޖެހީ ސައްޓު އެވެ. މިއީ، އައިހު ނެގި ހުރަހަކުން އޭރިއާތެރެއިން ބޯޅަ ހޯދުމަށް ފަހު ގޯލުގެ މާތީ ދާގަނޑަށް ބޯޅަ ފޮނުވާލައިގެން ސައްޓު ޖެހި ގޯލެކެވެ.
ދެ ވަަނަ ހާފުގައި ކުޅެން ނުކުމެ މާލޭން ވަނީ ފުރަތަމަ ދެ މިނިޓް ތެރޭ ގޯލެއް ޖަހައިފަ އެވެ. މިއީ އަރިމަތިން އަވަސްކޮށް ކުޅުނުއިރު، މާލޭގެ އަލީ ޝިޔާހު (ޝިޔަޅޭ) ނެގި ބޯޅައެއް ގޯލަށް ވަނީ އޭދަފުށީގެ އަބްދުﷲ ޒިޔަޒަން ބޯމަތިން އޮއްސިގެން ގޮހެވެ.
އޭގެ ފަހުން، މެޗުގެ 65 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން މާލެ ސިޓީން ދެ ވަނަ ގޯލު ޖެހި އެވެ. މާލެ ސިޓީގެ މި ޕެނަލްޓީ ކާމިޔާބުކުރީ ރިލްވާން ވަހީދު (ރިލޭ) އެވެ. މިއީ، އޭރިއާތެރެއިން މާލެ ސިޓީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް އޭދަފުށީގެ ބިދޭސީ ކުޅުންތެރިޔާ، މުހައްމަދު ކަވާލް އެލްވަނީ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.
އޭދަފުށްޓަށް ގޯލު ޖަހައިދޭން އޭރިއާތެރެއިން އަލީ ފާސިރު (ސެންޓޭ) ޖެހި ބޯޅައަކާއި ލިބުނު ހިލޭޖެހުމަކުން އޭނާ ފޮނުވާލި ހަމަލާ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ވަނީ މަތަކޮށްފަ އެެވެ.
މިއީ، މި ފަހަރުގެ ގޯލްޑް ކަޕްގައި މާލެ ސިޓީ އަތުން އޭދަފުށި މޮޅުވި ދެ ވަނަ މެޗެވެ. ގްރޫޕް ސްޓޭޖުގައި އޭދަފުށިން ވަނީ 2-0 އިން މާލެ ސިޓީ ބަލިކޮށްފަ އެވެ.
Comment