Advertisement

ފުޓްބޯޅަ ފޯރި އޮތީ މުޅި ރާއްޖެއާ ގުޅިފައި؛ ނެތީ ހަރުދަނާ ސިސްޓަމެއް!

31 ޑިސެންބަރު 2024 - 21:46 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އޭދަފުށި ކުޅުނު މެޗުގެ ތެރެއިން ގިނަ އަދަދެއް ސަޕޯޓަރުން ޓީމަށް ތަރުހީބު ދެނީ.--- ފޮޓޯ: އަތޫފް އާތިފް/ އަދަދު


ފުޓްބޯޅަ ފޯރި އޮތީ މުޅި ރާއްޖެއާ ގުޅިފައި؛ ނެތީ ހަރުދަނާ ސިސްޓަމެއް!

31 ޑިސެންބަރު 2024 - 21:46 0

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަރުގަދަ ކޮމިޓީއެއް އެކުލަވާލައި، 2023/2024 ވަނަ އަހަރުގެ ފުޓްބޯޅަަ ސީޒަން މުޅި ރާއްޖެ އަށް ހޯމް އެންޑް އަވޭ ސިސްޓަމަށް ކުރިއަށްގެންދަން ކަމަށް ބުނެ ގަލޮޅު ދަނޑުގައި ކުލަގަދަކޮށް ބޭއްވި ބޮޑު ހަފްލާއެއްގައި އެކަން އިއުލާނުކުރި އެވެ. އެކަމަކު، އެ ސީޒަން ފަށަން ޖެހޭ ދުވަސް އައިއިރު، 2023 ވަނަ އަހަރު އޮތީ އެފްއޭއެމް ބަނގުރޫޓުވާ ހާލަތަށް ގޮސްފަ އެވެ. އަދި، 2024 ވަނަ އަހަރު ނިމެންދާއިރު، ރާއްޖޭގައި ރަސްމީ ލެވަލްގެ ފުޓްބޯޅަ މުބާރާތެއްގެ މެޗެއް ނުކުޅެ އަހަރު ގުނަައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން، މުޅި ރާއްޖެ އަށް ފުޅާކޮށް، ކުރިއަށްގެންދަން ބުނި ހޯމް އެންޑް އަވޭ ލީގުގެ ކޮލިފިކޭޝަން ބުރުގެ މަސައްކަތް އެފްއޭއެމުން ކުރިއަށްގެންދިޔަ އެވެ. އެކަމަކު، ވަކި ހިސާބަކުން، އެ ލީގުގެ ކޮލިފިކޭޝަން ޒޯނުގެ ތެރެއިން އެއް މުބާރާތް ބާއްވަން ދިން ސްޕޮންސަރު ފައިސާ އަށް ވީ ނުވީއެއް ވެސް ނޭނގި، އެ ލީގު މިހާރު ވީ ހިސާބެއް ބުނެދެވޭނެ މީހަކު ވެސް ނެތެވެ.

މުޅި ރާއްޖެ އަށް ފުޅާކޮށް މިދިޔަ އަހަރު ފަށަން ނިންމި އެ ލީގަކީ، ގިނަ ބަޔެއްގެ އުންމީދުތަކަކާ އެކު މަސައްކަތް ފެށި ލީގެއް ވެސް މެ އެވެ. އެކަމަކު، އެ ކަން ވެސް ދިޔައީ އެފްއޭއެމުން އިއުލާނުކުރި ގިނަ ޕްރޮޖެކްޓްތައް ދިޔަ ގޮތަށް ފެނަށެވެ.

އޭގެ ފަހުން، އަމިއްލަ ފަރާތެއް ކަމަށްވާ، ނައިންޓީ ޕްލަސް އިން ގޯލްޑް ކަޕްގެ ނަމުގައި، ރާއްޖޭގެ 17 ރަށެއް (ސިޓީއެއްގެ ނަމުގައި ވާދަކުރި ދެ ޓީމު ހިމެނޭހެން)، ބައިވެރިވި ފޯރިގަދަ މުބާރާތެއް މިދިޔަ މަހާއި މި މަހު ކުރިއަށްގެންދިޔަ އެވެ. ގަލޮޅު ރަސްމީ ދަނޑުގައި ވަރަށް ވެސް ފޯރިގަދަ މުބާރާތެއް ނިމިގެން އެ ދިޔައީ މެޗުތައް ބަލަން ރަށްރަށުން ލޯންޗްތަކުގަޔާއި ފްލައިޓްތަކުގައި މީހުން ދަނޑަށް އައިސް، އަބަދުވެސް ފެނިފައި އޮތް ހަގީގަތެއް އަނެއްކާ ވެސް ހަނދާން އާ ކޮށްދެމުންނެވެ. އެއީ، ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އޮތީ އަތޮޅުތަކާ ގުޅިފަ ކަމެވެ. އަތޮޅުތަކުގެ ބައިވެރިވުން ނެތި، ނޫނީ އެ ފަރާތްތައް ޝާމިލުކޮށްގެން މެނުވީ މަރުވަމުންދާ ދިވެހި ފުޓްބޯޅަ ފޯރި އަލުން ގެނެވޭނެ އިތުރު މަގެއް ނެތްކަން އަނެއްކާ ވެސް ސާބިތުވެގެންދިޔައީ އެވެ.

ރަށްރަށުގެ ފުޓްބޯޅަ ފޯރި ގަލޮޅު ދަނޑުން ފެނުމަކީ، ހަމައެކަނި ގޯލްޑް ކަޕުން ފެނިގެންދިޔަ ކަމެއް ނޫނެވެ. އެފްއޭއެމް އިން ކުރިއަށްގެންދިޔަ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި، 2016، 2017 އަދި 2018 ވަނަ އަހަރު ވެސް ގަލޮޅު ދަނޑުގައި، އަތޮޅު ފުޓްބޯޅައިގެ އެެ ފޯރި ވަރަށް ވެސް ގަދަކޮށް ފެނިގެންދިޔަ އެވެ. ފަހަރުގައި އޭރު މެޗުތައް ކުޅެފައިވަނީ، މިހާރަށް ވުރެ، ސޯޝަލް މީޑިއާގެ ނުފޫޒު ކުޑަ ޒަމާނެއްގައި ކަމަށްވާތީވެ، އެންމެ އެކަށޭނެ މިންވަރަށް މީހުންގެ ލޮލަށް އެ މަންޒަރުތައް ފެނިފައި ނުހުރެދާނެ އެވެ.

އެކަމަކު، އޭރު ވެސް ފުޓްބޯޅަ އަށް ޝައުގުވެރިކަން ބަހައްޓައި، މި ކަންކަމަށް ނަޒަރު ހިންގާލި މީހުންގެ ސިކުނޑީގައި އެ މަންޒަރުތައް ކުރެހިފައި ހުންނާނެ އެވެ.

ގޯލްޑް ކަޕާ އެކު، އަނެއްކާ އަޑުގަދަވި ބަހުސަކީ، ހޯމް އެންޑް އަވޭ ސިސްޓަމަށް ރާއްޖޭގެ ލީގެއް ބޭއްވުމުގެ ވާހަކަ އެވެ. މާލެ އަށް ހާއްސަކޮށް ބަރޯސާވެފައި އޮންނަގޮތަށް، ސެންޓްރަލައިޒްކޮށްގެން، ފުޓްބޯޅަ މި ކުޅޭ ސިސްޓަމަށް ބަދަލެއް ގެނެސް، އަތޮޅުތަކުގެ ބައިވެރިވުން މީގެ އަށް އިތުރުވެ، ފުޓްބޯޅައިގެ ފޯރި އެންމެން ބޭނުންވާ ލެވަލަށް ގެންދިއުމުގެ ވާހަކަތަކެވެ. ޔަގީންކަމަކީ، ފޯރި އޮތީ އަތޮޅުތަކުގެ ބައިވެރިވުން ބޮޑު ގޮތަކަށް ގެންގޮސްގެންނެވެ. އެއީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

އެކަމަކު، ކުއްލިއަކަށް ބަދަލެއް ގެނެސްގެން ޓެސްޓްތަކެއް ކުރަން ކަމެއް ކުރުމަށް ވުރެ، ރާއްޖޭގެ ފުޓްބޯޅަ އަށް މި ވަގުތު ބޭނުންވަނީ، ދެމެހެއްޓެނިވި ސިސްޓަމެކެވެ. އެންމެންނަށް އިތުބާރު ކުރެވޭނެ މިސްރާބުތަކެއް ފެންނަ އުސޫލުތަކެއްގެ މައްޗަށް އޮތް ފުޓްބޯޅައިގެ ސިސްޓަމެކެވެ.

އަތޮޅުތަކުގެ ޓީމުތައް މާލެ ގެނައުމަކީ "ހައްލެއް ނޫން!"

ރާއްޖޭގައި ކުޅިވަރުތަކުގެ ފޯރި ގަދަވީ އަށްޑިހައިގެ އަަހަރުތަކުގެ ތެރެއިން ފެށިގެންނެވެ. ފުޓްބޯޅައިގެ ފޯރީގެ ވާހަކަ ވެސް ފަށަން ޖެހެނީ އެ ހިސާބުންނެވެ.

އެ ގޮތުން، ސަރުކާރުން 1986 ވަނަ އަހަރު އަތޮޅު ފުޓްބޯޅަ މުބާރާތެއް ތައާރަފްކުރުމާ އެކު، ގިނަ ރަށްތަކެއްގައި ފުޓްބޯޅައިގެ ފޯރި ވައިގައި ހިފި އެވެ. އެ މުބާރާތް އޭރު ރާވާފައި އޮތް ގޮތަށް ބަލާއިރު، ރަށެއްގެ ޓީމަކަށް ފުރަތަމަ ޑިވިޝަނަށް އައުމަށް އޮތީ އުނދަގޫ ރާސްތާ އެކެވެ.

ފުރަތަމަ އަތޮޅު މުބާރާތެއް ކުޅުމަށް ފަހު އޭގެއިން އެއް ވަނަ އާއި ދެ ވަނަ ޓީމު ހޮވެނީ ރާއްޖެ ފަސް ސަރަހައްދަކަށް ބައިކޮށް ކަނޑައަޅާފައިވާ ޒޯނަށެވެ. އެއަށް ފަހު، ކޮންމެ ޒޯނެއްގެ އެއް ވަނަ އާއި ދެ ވަނަ ޓީމު މާލޭގައި ބާއްވާ ޒޯން ޗެމްޕިއަންސް ލީގަށް ހޮވެ އެވެ. އަދި ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ލިބެނީ ރާއްޖޭގެ ދެ ވަނަ ޑިވިޝަނުގެ ޖާގައެކެވެ. އެ ފަދަ ޖާގަތަށް ހޯދައިގެން، ފުޓްބޯޅައިގެ ދެ ބާރު ކަމަށްވާ، ކ. ހުރާ އާއި ބ. އޭދަފުށިން ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ވާދަކުރި އެވެ. ފެންވަރު ސާބިތުކޮށްދިނެވެ. މިހާރު ވެސް އެ ދެ ރަށަކީ ފުޓްބޯޅައިގެ ގަދަ ބާރުތަކެވެ.

ބައިނަލްއަގުވާމީ ލެވަލްގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއަރަމުން ދިޔުމާއި ރާއްޖޭގެ ފުޓްބޯޅައިގެ ސިސްޓަމް ރަނގަޅުކުރުމާއި މި ހުރިހާ ކަމަށް ވިސްނައި، އަތޮޅު ފުޓްބޯޅައިން އަންނަ ހުނަރުތައް އިތުރުކުރުމުގެ މަގުސަދާ ވެސް އެކު، 2000 ވަނަ އަހަރު ވުޖޫދުވި ދިވެހި ލީގުން ވެސް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު އޮތެވެ. އޭރު، އޮތް އޮނިގަނޑުގެ ތެރެއިން، އެފްއޭއެމުން ނިންމީ މާލޭ ޓީމުތަކުގެ މެދުގައި މާލޭ ލީގެއް ކުޅެފައި، އޭގެ ގަދަ ހަ ޓީމާއި ޒޯން ޗެމްޕިއަންސް ލީގުގެ އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް ދިވެހި ލީގުން ފުރުސަތު ދޭ ގޮތަށް ކަނޑައެޅުމަށެެެވެ. އެއާ އެކު، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަތީ ލެވަލްގައި، އަތޮޅުތަކުގެ ޓީމުތަކަށް ފުުރުސަތު އޮތެވެ. އެ ގޮތަށް ދެހާހުގެ ކުރީކޮޅުގައި ރަނގަޅަށް މުބާރާތްތައް ކުރިއަށްދިޔަ އެވެ.

އެކަމަކު، އެ ފަހުން، އަތޮޅުތަކުގެ ފުރުސަތުތައް އަހަރަކަށް ފަހު އަހަރެއް ފަނޑުވަމުން ދިޔައީ އެވެ. ފަހުން، އެކި ފަހަރު ފޯމެޓް ބަދަލުކުރަމުންދިޔައިރު، މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމަށް ނޫނީ ފައިނަލަށް ދަތުރުކުރާ ދެ ޓީމަށް ނޫނީ ޗެމްޕިއަނަށް އެކަނި ދިވެހި ޕްރިމިއާ ލީގުން ޖާގަ ދީފައި ވެ އެވެ. މި ކަމުގައި ފެނުނީ އެފްއޭއެމުން އެކި ފަހަރު އެކި ގޮތަށް އަމަލުކުރި ތަނެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި، މިދިޔަ އަހަރުތަކުގައި ވާދަކުރި ރަށްތަކަށް ބަލާއިރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، އއ. މާޅޮސް، ބ. ފެހެންދޫ، ށ. މިލަންދޫ، ށ. ފޯކައިދޫ، ފ. ނިލަންދޫ އަދި ތ. ތިމަރަފުށި ހިމެނެ އެވެ.

2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފައިނަލުގައި ތިމަރަފުށްޓާއި އޭދަފުށި ވާދަކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީީ


މީގެ ތެރެއިން، ގިނަ ރަށްތަކުގެ ޓީމުތައް ހިންގަން އުޅުނު ފަރާތްތަކުން ދިވެހި ފުޓްބޯޅައިގެ އެންމެ ހިތި ތަޖުރިބާތައް ކުރަން ޖެހިފައި އެބަހުއްޓެވެ. ސެންޓްރަލައިޒްކޮށްފައި އޮތް ދިވެހި ފުޓްބޯޅަ މާލެ އަށް ބަރޯސާވެފައި މި އޮތްއޮތުމުގެ ތެރޭގައި، އަހަރު ދުވަހަށް ދިގު ދެމިގެންދާ ގޮތަށް އޮންނަ ފުޓްބޯޅަ ސީޒަނެއް ކުޅެން ޖެހުމުން، އެ އުފުލަން ޖެހުނު ބުރަ އާއި ތަކުލީފާ ހެދި، ފުޓްބޯޅައިގެ ހިންގުމުގެ ކަންކަން މަތިން، ފޫހިވި މީހުން ވެސް މަދެން ނޫނެވެ.

"އޭރު ވީ ގޮތަކީ، ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް (ސަރުކާރުން ފުރަތަމަ ދިނީ، ދެން ފަހުން އެފްއޭއެމް އިން) ތިން މިލިއަން ރުފިޔާ ދީފައި، އަތޮޅުތަކުން އައި ޓީމުތަކަށް ލިބެން ޖެހޭ ފައިސާ އަށް ވީ ނުވީ އެއް ނޭނގި ދިޔައީ، ހަގީގަތުގައި އަހަރު ދުވަހު އެހެން މާލެ ތިބެ ފުޓްބޯޅަ ކުޅެގެން މުސާރަ ދެވޭނެ މެކޭނިޒަމެއް ނެތް އޭރު ވެސް އަދި މިހާރު ވެސް. އެއް އަހަރު ނޫނީ ދެ އަހަރު ފަރުޖައްސާލެވިދާނެ، އެކަމަކު ދެެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން އެއީ،" މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައި، ދިވެހި ޕްރިމިއާ ލީގުގައި ކުޅެން ފުރުސަތު ލިބުނު ޓީމެއްގެ އޮފިޝަލަކު، އޭނާގެ ޝުއޫރުތައް ހިއްސާކުރި އެވެ.

މި ފަހަރުގެ ގޯލްޑް ކަޕަކީ، ހަމައެކަނި މަސް ދުވަހަށް ނޫނީ ދޮޅު މަސް ދުވަހަށް ދިގުދެމިގެންދިޔަ މުބާރާތެކެވެ. ކުރު މުއްދަތެއްގައި، ބޭއްވޭ މި ފަދަ މުބާރާތެއްގެ ފޯރި މިހާ ގަދަކޮށް ދިޔަ ކަމުގައި ވިޔަސް، 8 ނޫނީ 10 މަސް ދުވަހަށް ދިގުދެމިގެންދާ ސީޒަނެއްގައި، މާލެ އައިސް މި ފޯރި ނަގައިގެން ކުޅެވޭ ވަރުގެ މާލީ ތަނަވަސްކަމެއް ޓީމުތަކުގައި ހުންނާނެތޯ އެއީ ޖަވާބު ހޯދަން ޖެހޭ ސުވާލެކެވެ.

އެ ސުވާލުތަކަށް ޖަވާބެއް ލިބޭނީ، ސިސްޓަމެއްގެ ތެރެއިން އެފްއޭއެމް ބާރުވެރިކޮށްގެން، މި ގައުމުގެ ފުޓްބޯޅަ ކުރިއަށް ގޮސްގެންނެވެ. އެފްއޭއެމާ ނުގުޅި ދެމެހެއްޓެނިވި ގޮތަކަށް އަމިއްލަ ފަރާތަކަށް ވެސް އެކަން ކުރަން އުނދަގޫވާނެ ސަބަބުތައް ބައިވަރެވެ.

މިދިޔަ 15 ވަރަކަށް އަހަރަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ކުޑަވަމުން ދިޔަ ދުވެލި އަވަސްވި މުއްދަތެކެވެ. ފުޓްބޯޅައިގެ ވާހަކަ ދައްކާ މީހުން މި ކަމުގެ ސަބަބުތައް ގުޅުވަނީ އެކި ކަންކަމާ އެވެ. ސިޔާސީ އޮއެެވަރުގައި، ދިވެހިންގެ މެދުގައި އެ އައި ބައިބައިވުމާ ގުޅޭ ކަންތައްތަކާ ގުޅުވުމަކީ އެންމެ ފަސޭހަ ގޮތް ކަމަށް ދެކިގެން އެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ. އެކަމަކު، ހަގީގަތާ ކުރިމަތިލައި، ކެރިގެން ހުރި މައްސަލަތަކުގެ ވާހަކަ ދައްކާ އެންމެން ވެސް ބުނާ އެއް ވާހަކަ އަކީ، މިތަނުގައި ނެތީ ބަދަލުވަމުން އައި ޒަމާނާ އެއްވަރުގެ ހަރުދަނާ ފުޓްބޯޅަ ސިސްޓަމެއް ކަމެވެ.

ފުޓްބޯޅަ ކްލަބްތައް ޕްރޮފެޝަނަލް ކުރުމުގެ ނިޒާމަށް ބަލާއިރު، އޭއެފްސީ ކްލަބް ލައިސަންސް ހޯދަން ޖެހޭ ގޮތަށް ޓީމުތައް އެ ކަމަށް އަހުލުވެރި ކުރުމަށް، އޭއެފްސީ އާއި ފީފާ އިން އޮތީ އެފްއޭއެމަށް އަންގައިފަ އެވެ. ރަށު ކައުންސިލް ނޫނީ ސިޓީ ކައުންސިލަކީ، ފުޓްބޯޅައިގެ ސިސްޓަމްގެ ތެރޭގައި ހިމެނޭ ބައެއް ނޫނެވެ. އެއީ ކުޅިވަރުގެ ތެރެއިން ޖަވާބުދާރީ ކުރެވޭނީ ކުޅިވަރު ސިސްޓަމްގެ ތެރޭގައި އޮތް ބައެއް ކަމަށް ބުނާތީ އެވެ. އޭއެފްސީ ފީފާ އިން ކަނޑައަޅާފައިވާ ކްލަބް ލައިސަންސް ލިބެނީ، އެ ގައުމެއްގެ ގާނޫނުގެ ތެރެއިން ކަންކަން ފުރިހަަމަވެ، ކްލަބް ހިންގަން ކަނޑައަޅާފައިވާ އޮނިގަނޑަށް ބަރާބަރަށް ކަންކަން ފުރިހަަމަ ޓީމުތަކަށެވެ.

"އަދަދު ސްޕޯޓްސް" އަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކުން ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި ލައިސަންސް ކަންކަން ފުރިހަމަވެފައި ނުވެ އެބައޮތެވެ. މީގެ ތެރޭގައި، އަތޮޅުތަކުން އައިސް ފުރަތަަމަ ޑިވިޝަނުގައި ވާދަކުރި ދެ ޓީމެއްގެ ނަން ވެސް ހިމެނެ އެވެ. އޭގެއިން އެއް ޓީމެއްގެ ޖޫރިމަނާ އަށް އަރާފައި އޮތް ފައިސާގެ ޖުމްލަ އަދަދު އޮތީ "ދެ ލައްކަ ޑޮލަރާ ހަމައިގަ" އެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ނުކުޅޭތާ މި މަހުގެ 19 ވަނަ ދުވަހަށް އެއް އަހަރު ފުރުނުއިރު، އެ ޑިވިޝަނުގެ ގިނަ ކްލަބްތަކެއް އޮތީ މުސާރަ މައްސަލައިގައި ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވޭ ގޮތަށް ފީފާގެ ބޭން އެއްގަ އެވެ.

ފުޓްބޯޅަ ސީޒަން އަވަހަށް ފެށޭތޯ ސްޕޯޓްސް މިނިސްޓްރީއާ އެކު، ކްލަބްތަކުން ބޭއްވި ބައްދަލުވުމުގައި ވެސް ޝަކުވާތައް އޮއްސާލީ އެފްއޭއެމް އިން ވައުދުވި ގޮތަށް ފައިސާ ދީފައިނުވާތީ، ކްލަބްތައް އޮތީ މާލީ ގޮތުން އަޑިއަޅާލައިފައި ކަމަށް ބުނެ އެވެ.

މި މައްސަލަތައް ހައްލުނުވެ، އަލުން ފުޓްބޯޅަ ނުފެށޭނެ ހާލަތުގައި އޮތްއިރު، ސަރުކާރާއި ފީފާގެ ފަރާތުން ލިބޭ ފައިސާ އިން ކްލަބްތަކުގެ މި މައްސަލަތަކަށް ހައްލުވެ، ފެބްރުއަރީ މަހު ސީޒަން ފެށޭތޯ އެފްއޭއެމް އިން ވަނީ ކަލަންޑަރު ފައިނަލްކޮށްފަ އެވެ.

އެފްއޭއެމް ބާރުވެރިކޮށްގެން ނޫނީ ދިވެހި ފުޓްބޯޅަ އަށް ކުރިމަގެއް ނެތް

މި ފަހަރުގެ ގޯލްޑް ކަޕާ ދިމާކޮށް، އެންމެ ގިނަ ބަޔެއްގެ ސުވާލު އަމާޒުވި އެއް ކަމަކީ، ގޯލްޑް ކަޕާއި އެފްއޭއެމް ނުގުޅުނީ ކީއްވެތޯ އެވެ.

ދިވެހި ފުޓްބޯޅަ ބޮޑު ހުސްކަމެއްގައި، އަހަރު ދުވަހު ފުޓްބޯޅަ ނުކުޅެ ތިބެން ޖެހިފައި އޮއްވައި، ފުޓްބޯޅަ ފޯރި އާލާ ކުރަން، "އަލުން ދަނޑަށް" އެ ޝިއާރުގެ ދަށުން، ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) އާއި އޭ ލައިސަންސް ކޯޗު، އަލީ ނިސްތާރު މުހައްމަދު، އިސްގަނައިގެން ފެށި މި މަސައްކަތުގައި އެފްއޭއެމްގެ ޝާމިލުވުން ނެތީ ކީއްވެތޯ ވަރަަށް ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލާ ގުޅޭ ކޮރަޕްޝަނާއި އެ ނޫން ވެސް މައްސަލަތަކާ ހެދި ދިވެހި ފުޓްބޯޅައިގެ އަގުވެއްޓުމުގެ ސަބަބުން މި ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންގެ ކުރިމަތީގައި އޮތީ އެފްއޭއެމްގެ އިތުބާރު ގެއްލިފަ އެވެ.

އެކަމަކު، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާއިން ރާއްޖޭގެ ފުޓްބޯޅަ ސަސްޕެންޑް ނުކުރާހާ ހިނދަކު، އެފްއޭއެމް އަކީ މި ގައުމުގެ ފުޓްބޯޅައިގެ ބެލެނިވެރި ފަރާތެވެ. ބައްސާމްގެ ލީޑަޝިޕުން ހަލާކުކޮށްލާފައި އޮތް ދިވެހި ފުޓްބޯޅައިގެ ނިޒާމު ރަނގަޅުކޮށް، ދިވެހި ފުޓްބޯޅައިގެ ކަންކަން ރަނގަޅު މަގުން ކުރިއަށް ގެންދިއުމަކީ، އެފްއޭއެމް މި ވަގުތު ހިންގަން ފީފާއިން ހަވާލުކޮށްފައި އޮތް، ނޯމަލައިިޒިން ކޮމިޓީގެ ޒިންމާ އެކެވެ.

އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީން ގޯލްޑް ކަޕާ ދެކޮޅު ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށީ، އެފްއޭއެމްގެ އިންޓާނަލް މެމޯއެއް ލީކުވުމާ ގުޅިގެންނެވެ. އެ މެމޯގައި އެފްއޭއެމްގެ ބައިވެރިވުމެއް ނެތް މުބާރާތްތަކުގައި އެފްއޭއެމްގެ ސްޓާފުންނާއި އެފްއޭއެމާ ގުޅުން ހުރި ފަަރާތްތައް ބައިވެރިނުވަން ވަނީ އަންގައިފަ އެވެ. އެކަމަކު، ފަހުން އެ ކަންކަން މަޝްވަރާކޮށްގެން ކޮންމެވެސް ވަރެއްގެ ހައްލަކާ ހަމައަށް ވަނީ އަތުވެފަ އެވެ.

ފީފާ އާއި އޭއެފްސީގެ އުސޫލުތަކާ އެއްގޮތަށް ދާ މުބާރާތެއް ކަމަށްނުވާތީ، އެފްއޭއެމަށް ގޯލްޑް ކަޕާ ސީދާކޮށް ބައިވެރިވެން ނެތް ކަމުގައި ވިޔަސް، ސަރުކާރުން ރުހުން ދީގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، ނުރަސްމީ ހައިސިއްޔަތުން ނަމަވެސް އެފްއޭއެމުން ވަނީ ގޯލްޑް ކަޕަށް ސަޕޯޓް ދީފަ އެވެ.

ކުރިން ކުޅިވަރާ ބެހޭ މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި، އެފްއޭއެމްގެ ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން، އަހުމަދު ޒުހޫރު، "އަދަދު ސްޕޯޓްސް" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހަގީގަތަކީ އެފްއޭއެމްގެ އުސޫލުތަކާ ނުފެތޭތީ ގޯލްޑް ކަޕަށް ރަސްމީކޮށް އެފްއޭއެމް އިން ދެވޭނެ އެއްބާރުލުމެއް ނެތްކަން ކަމަށެވެ.

އަދި، މުބާރާތެއް ބާއްވާނަމަ ބައިވެރިވާ ޓީމުތަކުން، ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ވެސް ވާން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ހޯދި ހޯދުމުން ގޯލްޑް ކަޕްގައި ބައިވެރިވި ޓީމުތަކުގެ މި ފަދަ ކަންކަން ވެސް ކަށަވަރުނުވާ ޓީމުތަކެއް ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"އެއްވެސް ޕްރޮސީޖާ އަަކަށް އެ ނުފެތޭ. އެފްއޭއެމްގެ އުސޫލުތަކުގެ ތެރެއަށް ނުފެތޭ. ރާއްޖޭގައި އެފަދަ ކަމެއް ކުރާ ކަމަށްވަންޏާ އެކަން ކުރަން ޖެހޭ އުސޫލުތަކެއް އެބައޮވޭ. ސްޕޯޓްސް ކޮމިޝަނަރުގައި ވެސް ރަޖިސްޓްރޭޝަން އިންނަން ޖެހޭނެ، އެ އަންނަ ޓީމުތަކަކީ އެ ފަދަ ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަ ވެގެން އަންނަ ޓީމުތަކެއް ނޫން ކަމަށް އަޅުގަނޑުމެން މައުލޫމާތު އޮޅުންފިލުވީމަ އެ ބޭފުޅުން ވެސް ބުނީ. އަދި އެ ބޭފުޅުން ރަޖިސްޓްރީ ނުކުރާ ކަމަށްވަންޏާ އެއްގޮތަަަކަށް ވެސް އޭގެ ތެރެއަށް އަޅުގަނޑުމެންނަށް ނުވަދެވޭނެތާ، ފީފާ/ އޭއެފްސީ ގަވާއިދުތަކުގެ ތެރެއަށް ނުފެތި، އެފްއޭއެމްގެ ސްޓެޓިއުޓްސް ތެރެއަށް ނުފެތި އަޅުގަނޑުމެންނަށް ދެވޭނެ އެއްވެސް އެއްބާރުލުމެއް ނޯންނާނެ،" ޒުހޫރު ވިދާޅުވި އެވެ.

ގޯލްޑް ކަޕްގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު އެވެ. އަރިހުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު (ރާއްޕެ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެކަމަކު، އެ މުބާރާތުގެ ފައިނަލް މެޗުގައި ގަލޮޅު ދަނޑުގެ ރޮސްޓްރަމުން ސަރުކާރުގެ އިސް ފަރާތްތައް ވަޑައިގެންތިއްބެވިއިރު، އެފްއޭއެމްގެ ބައިވެރިވުމެއް ފެންނަން ނެތުމުން، މި ގައުމުގެ ފުޓްބޯޅައިގެ ރަސްމީ ކަންކަން މިދާ މިސްރާބެއް ސާފުވާން ޖެހެ އެވެ. ދިވެހި ސަރުކާރުގެ ވެސް ލަފާ އަހައިގެން، ފީފާ އިން ގެނައި، ނޯމަލައިޒިން ކޮމިޓީއަކާ ގުޅިގެން، މުބާރާތްތައް ކުރިއަށް ދިއުމުގެ ރަނގަޅު އުސޫލު ފެންނަން ޖެހެ އެވެ.

ގޯލްޑް ކަޕްގެ ފައިނަލް މެޗު ބަލާލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސް ވެރިން ބައިވެރިވިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެއްވެސް ފަރާތެއް ބައިވެރިނުވާތީ އެކަން ވަނީ ގިނަ ބަޔަކު ފާހަގަކޮށްފައި.


ނައިންޓީ ޕްލަސް އިން ގޯލްޑް ކަޕް ކުރިއަށްގެންދަން ކުރި މަސައްކަތަށްޓަކައި، ދެ ކޯޗުން ކަމަށްވާ ޝާޒް އާއި ނިސްތާރަށް، ދިވެހި ފުޓްބޯޅަ އަށް ސަޕޯޓްކުރާ މީހުން ވަރަށް ބޮޑަށް ޝުކުރު އަދާކުރެ އެވެ. ގިނަ ބަޔަކު އެ ހިދުމަތުގެ އަގުވަޒަންކުރަނީ، ނެތެމުންދާ ދިވެހި ފުޓްބޯޅަ ފޯރި އާލާ ކުރަން އިސްނަގައި، އަގުހުރި މަސައްކަތްތަކެއް ކުރުމުންނެވެ. އެއީ، ފުޓްބޯޅަ އަށް ކުރި ހިދުމަތެއްގެ ގޮތުގައި ދައްކަން ޖެހޭ ވާހަކަ އެކެވެ.

އެކަމަކު، ދިވެހި ފުޓްބޯޅަ ދާން ޖެހޭ އަސްލު މިސްރާބުގައި ކުރިއަށްދިއުމަށްޓަކައި، އެފްއޭއެމް ބާރުވެރިކުރުވަން ޖެހޭއިރު، މި ފަދަ މުބާރާތްތައް ކުރިއަށްދާއިރު އެފްއޭއެމްގެ ބައިވެރިވުން އޮންނަންޖެހެ އެެވެ. ފުޓްބޯޅައިގައި ރާއްޖެ އަށް ކުރިއެރުމެއް ލިބެން އޮތީ އެ ގޮތަށް ގޮސްގެންނެވެ.

އެހެންކަމުން، ގޯލްޑް ކަޕް ވިޔަސް ނޫނީ މިފަދަ އެހެން މުބާރާތެއް ވިޔަސް ދާން ޖެހޭނީ އެފްއޭއެމާ ގުޅިގެންނެވެ. ނޫންނަމަ ދެބަސްވުންތަކާއި އެ ނޫން ވެސް މައްސަަލަތައް ފެންމަތިވެ، ފުޓްބޯޅައިގެ ކަންކަމުގައި މި އޮންނަން ޖެހޭ ހަގީގީ އެއްބައިވަންތަކަން ގެއްލިގެންދާނީ އެވެ. ކުޅިވަރު ގާނޫނުންނާއި ރަސްމީ ހައިސިިއްޔަތުން ވެސް ގައުމީ ކުޅިވަރު އެސޯސިއޭޝަނަކަށް، އެ ކުޅިވަރެއް ރާވާހިންގުމަށް ލިބިފައި އޮތް ބާރު ކަނޑުވާލައިގެން ކުރިއަށްދާނަަމަ، މުޅި ދިވެހި ކުޅިވަރަށް ވެސް އެދެވެނީ ނުރަނގަޅު މެސެޖެކެވެ.

އަތޮޅުތަކުގައި ކްލަބް ފުޓްބޯޅައިގެ ފޯރި އަބަދުވެސް އޮވޭ

މީގެ ނުވަ ވަރަކަށް އަހަރު ކުރިން، 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި އެޅި ރަބަރުގަނޑެއްގެ ސަބަބުން އެ ވިނަގަނޑު މަރުވެގެން، ފުޓްބޯޅަ ސީޒަން ކަލަންޑަރަށް ބަދަލުގެންނަން ޖެހުނެވެ.

އެ ބަދަލުތަކުގެ ތެރެއިން، ޕްރެޒިޑެންޓްސް ކަޕް ކުޅެން ޖެހުނީ، ހދ، ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގަ އެވެ. އެއީ، އެ ދެ ސަރަހައްދުގައި ގާއިމްކޮށްފައިވާ ޒޯން ސްޓޭޑިއަމްގަ އެވެ.

ރާއްޖޭގެ ކްލަބް ފުޓްބޯޅަ އަތޮޅު ތެރޭގައި ކުޅުމުން ފޯރި އޮތް މަންޒަރު އެ މުބާރާތުގެ އެ މެޗުތަކުން އުތުރާއި ދެކުނުން ވެސް ފެނިގެންދިޔަ އެެވެ.

އަލިފުށީގައި 2022 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އޭގެ ފަހުން، މީގެ ދެ އަހަރު ކުރިން، ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗު ރ. އަލިފުށީގައި ކުޅުނުއިރު، އަނެއްކާ ވެސް ފެނިގެންދިޔައީ، އަތޮޅު ތެރޭގައި މައި ފުޓްބޯޅަ ފޯރި އޮތް މިންވަރެވެ. އެ މެޗު ބަަލަން އެކި ރަށްރަށުން ވެސް އަލިފުށްޓަށް މީހުން ޒިޔާރަތް ކުރި އެވެ.

އެހެންކަމުން، އެއްވެސް އިރެއްގައި ދިވެހި ފުޓްބޯޅައިގައި ފޯރި އޮތް ދިމާލަކާ މެދު ސުވާލެއް އުފެއްދޭނެ ޖާގައެއް ނެތެވެ. އަތޮޅު ތެރޭގައި އަބަދުވެސް އިންތިހާ އަށް ގަދަކޮށް ފުޓްބޯޅަ ފޯރި އޮވެ އެވެ. ފުޓްބޯޅައިގެ ތެރެއިން ފުރޭނިގެން އެ އައި ފޯރި މިހާރު އޮތީ ފުޓްސަލްގައި ވަރަށް ބޮޑަށް ވައިގައި ހިފައިފަ އެވެ.

އޭދަފުށީގެ ކާމިޔާބީން ބުނެދޭ ހަގީގަތް "ބޮޑު"

ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަނޑީގައި ބ. އޭދަފުށީގެ ނަން ނެތްއިރެއް ނެތެވެ. ފުޓްބޯޅައިގައި އުޅޭ މީހުން އެ ރަށަށް ބްރެޒިލްގެ ނަމުން ކިޔާ އެއް ސަބަަބަކީ ވެސް އެއީ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އެންމެ ގަދައިރުން ފެށިގެން ފޯރި ނެތޭ މީހުން ކިޔާ ދުވަސްވަރުގައި ވެސް ގައުމު ތަމްސީލްކުރާ ލެވަލަށް އޭދަފުށިން ނެރެދޭ ކުޅުންތެރިންގެ ނިސްބަތް މަދެއް ނޫނެވެ. ފުޓްބޯޅަ ކުރިއެރުވުމުގެ އެ ޖޯޝް އަބަދުވެސް އެ ރަށުގެ މީހުންގެ މެދުގައި އޮވެ އެވެ.

މާލެ އިން ބޭރުން، ރަށެއްގެ ކުޅުންތެރިއަކު ގައުމީ ޖޯޒީގައި އެންމެ ފުރަތަމަ މެޗެއް ކުޅުނީ އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. ގައުމުގެ ފުޓްބޯޅައިގެ އެންމެ މަތީ ފަނޑީގެ އެ ބޮޑު ބަދަލަށް، 30 އަށް ވުރެ ގިނަ އަހަރުވީއިރު، އެ ފަހުން އައި އެއްވެސް ގައުމީ ޓީމެއްގައި އޭދަފުށީގެ ބައިވެރިވުން ނެތް އިރެއް ނުދެ އެވެ.

މި ފަަހަރުގެ ގޯލްްޑް ކަޕްގެ ފައިނަލުގައި 2-0 އިން އައްޑޫ ސިޓީ ބަލިކޮށް، ޗެމްޕިއަންކަން ހޯދައި، އެ ހާސިލްކުރި ކާމިޔާބީ އަކީ މުޅި ރާއްޖޭގެ ބައިވެރިވުން ހިމެނޭ ލެވަލްގައި، މި ފަހުން، އޭދަފުށިން ހޯދި ދެ ވަނަ ތަށްޓެވެ. މީގެ ކުރިން، 2016 ވަނަ އަހަރު، އެފްއޭއެމް އިން ބޭއްވި މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި އޭދަފުށްޓަށް، ކުޅިވަރުގެ ރަސްމީ އެއްވެސް އިދާރާއަކުން ސަމާލުކަން ދީގެން ފުޓްބޯޅައިގެ ރަނގަޅު އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށްދީފައިނުވެ އެވެ.

އެކަަމަކު، މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދު ނަޒީރު މީގެ ފަހެއް ނޫނީ ހަ ވަރަކަށް އަހަރު ކުރިން ވައުދުވެ، އެ ވައުދު ފުއްދުމަށްޓަަކައި، މިލިއަން ރުފިޔާ ހަރަދުކޮށް ދުނިޔޭގެ ފެންވަރު ކުންފުނިތަކުގެ އެހީއާ އެކު ކުރި މަސައްކަތުން އޭދަފުށީގައި މިހާރު އެ ވަނީ މަތީ ފެންވަރުގެ ސްޓޭޑިއަމެއް ގާއިމްކޮށްފަ އެވެ.

ގޯލްޑް ކަޕްގެ ކާމިޔާބީ އަށް ފަހު އޭދަފުށީގައި ބޭއްވި އުފާފާޅުކުރުމުގެ ތެރެއިން.


މީގެ އަށް ވަރަކަށް އަހަރު ކުރިން، މިނިވަން ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން އޭދަފުށީގައި އުފާފާޅުކުރަށް ދިޔައިރު އޮތީ ވެލި ދަނޑެކެވެ. އެކަމަކު، މި ފަހަރު، ގޯލްޑް ކަޕްގެ ތަށި ހިފައިގެން ގޮސް ރަތް ދޫލައިގެ މަރުހަބާ އަަކަށް ފަހު އުފާފާޅުކުރުމުގެ ބޮޑު އިވެންޓެއް ކުރިއަށްގެންދިޔައީ، ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންް ވެސް އައިސް ކުޅެވޭނެ ފެންވަރުގެ ރަނގަޅު އޭދަފުށީގެ ފަހުރެއްގެ ގޮތުގައި އޮތް ސްޓޭޑިއަމެއްގަ އެެވެ.

މިއީ، ހުރިހާ ގޮތަކުން ބެލިޔަސް އޭދަފުށްޓަށް ލިބުނު މޮޅެކެވެ. ވަސީލަތްތައް އަމިއްލަ އަށް ހޯދައިގެން ވެސް ފުޓްބޯޅައިން ކުރިއަށްދާން ކުރި މަސައްކަތުގެ އަގުހުރި އިނާމެކެވެ.

އޭދަފުށިން ފުޓްބޯޅަ އަށް ކުރި އިންވެސްޓްގެ ވާހަކަ ހަމައެކަނި ފަރުޖައްސާލަން ޖެހެނީ ރަނގަޅު ދަނޑެއް ނޫނީ ސްޓޭޑިއަމެއް އެޅުމަކާ ހަމައިންނެއް ނޫނެވެ. އެ ރަށުގެ ފުޓްބޯޅަ ރަނގަޅު ޓްރެކުގައި ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށްގެންދިއުމަށްޓަކައި، ރާއްޖޭގެ ފުޓްބޯޅައިގެ މަތީ ފަންތީގެ ތަޖުރިބާ ހުރި ދެ ކޯޗުން ގެންގޮސްގެން މަސައްކަތް ކުރި އެވެ. އެ ގޮތުން، ދިވެހި ފުޓްބޯޅައިގައި ތަޖުރިބާ ބޮޑު ދެ ކޯޗުން ކަމަށްވާ، އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި މުހައްމަދު އާތިފް (އާތީ) ވަނީ އޭދަފުށީ ޓީމުގައި މިދިޔަ ފަސް ވަރަކަށް އަހަރު ތެރޭ އެ ރަށުގައި ހުރެގެން ފުޓްބޯޅައިގެ މުހިންމު މަސައްކަތްތަކެއް ކޮށްދީފަ އެވެ.

މިއީ، ފުޓްބޯޅަ އަށް އޭދަފުށިން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބަހައްޓާ ހާއްސަ އަހައްމިއްޔަތުކަމާއި އެ ރަށުގައި ފުޓްބޯޅަ ހުނަރު މެދުކެނޑުމެއްނެތި ގައުމީ ލެވަލަށް ސަޕްލައި ކުރުމަށް ޒަމާނުއްސުރެން ހިނގަމުން އަންނަ ކަންކަމުގެ ފަހަތުގައި ބުރަކޮށް ކުރެވެމުން އަންނަ މަސައްކަތުގެ ތެރެއިން، ފާއިތުވި އަހަރުތަކުން ފެންނަން އޮތް ހަގީގަތެވެ.

މުޅި ރާއްޖޭގެ ބައިވެރިވުން ހިމެނޭ ފޯރިގަދަ ފުޓްބޯޅައިގެ ސިސްޓަމެއް ނުނީ އޮނިގަނޑެއް ގާއިމްކުރާނަމަ، އެ މަސައްކަތް ކުރަން ޖެހޭ އެއް ތަނަކީ އޭދަފުށި ކަން އެ ރަށުގެ މަސައްކަތާއި ކާމިޔާބީން އެ އޮތީ ފެންނާށެވެ.

ފުޓްބޯޅަ މުޅި ރާއްޖެ އަށް؛ ވިސްނަން ޖެހޭ ކަންކަން އިންތިހާ އަށް ގިނަ!

ފުޓްބޯޅަ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދުގެ އިސްލާހަށް ފުޅާދާއިރާއެއްގައި މަސައްކަތް ކުރެވިގެންދިޔައީ، 2015 ވަނަ އަހަރު އެވެ. އެ ފަހަރު ގެނެވުނު ބަދަލުތަކާ އެކު، އަތޮޅުތަކަށް ވެސް އެފްއޭއެމް ހިންގުމުގައި ބަސްބުނުމުގެ ބާރު ލިބޭ ގޮތަށް ލިޔެވިގެންދިޔަ އެވެ.

އެހެން ނަމަވެސް، އެ ފަހުން، އެކި ފަހަރު މަތިން އަސާސީ ގަވާއިދަށް ގެނެވުނު ބަދަލުތަކާ އެކު، އަދިވެސް ފުޓްބޯޅައިގައި އަތޮޅުތަކަށް ސީދާ ބާރު ލިބި އެކަމުގައި ބައިވެރިވެ، ބަސް އިއްވޭނެ ނިޒާމެއް ނެތެވެ. އެފްއޭއެމްގެ ރައީސަކު ހޮވަން އެންމެ ފަހުން ބޭއްވި ތިން އިންތިހާބުގައި ވެސް، ވޯޓު ދީފައިވަނީ، މާލޭގައި ސެންޓްރަލައިޒްކޮށްފައި، އޮތް ފުޓްބޯޅަ ނިޒާމުގެ ތެރޭގައި އޮތް، ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަންގެ ޓީމުތަކަށެވެ.

އެ އަށް ބަދަލުގެންނަން ޖެހޭކަން ފުޓްބޯޅައިގެ އިސްކޮށް ހިންގަން މަސައްކަތްކުރި ފަރާތްތަކުން ވެސް ގަބޫލުކުރެ އެވެ. ހަރު އަޑުން އެ ވާހަކަތައް ދައްކާ ނިސްބަތް މިހާރު ގިނަ އެވެ.

"އެފްއޭއެމް ފެޑެރޭޝަނަކަށް ބަދަލުކޮށް ރީޖަނަލް އެސޯސިއޭޝަންތައް ހަދަން ފުރުސަތު ދޭން ޖެހިއްޖެ ކަމުގައި އަތޮޅުތަކުން ދައްކައިފި،" މިއީ، އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އަދި އައްޑޫ ސިޓީގައި ފުޓްބޯޅައިގެ ފާހަގަކުރެވޭ ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު ޝަރީފް (ޑުންގާ) އޭނާގެ ސޯޝަލް މީޑިއާގައި ލިޔެފައިވާ ޕޯސްޓެއްގެ ލިޔުންކޮޅެވެ.

އައްޑޫގައި ފުޓްބޯޅަ ޑިވެލޮޕްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމުގެ އިތުރުން, އެފްއޭއެމްގައި ވެސް އެކި މަގާމުތަކެއް ފުރުއްވި ޑުންގާ, ގައުމީ އަންހެން ފުޓްބޯޅަ ޓީމާ އެކު މަސައްކަތްކުރިއިރު ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް


އެފްއޭއެމްގެ ހިންގުން ފެޑެރޭޝަނަކަށް ބަދަލުވެ، ޒޯން އޮފީސްތަކެއް ގާއިމްކޮށް، މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކޮށް، ހޯމް އެންޑް އަވޭ ލީގެއް ކުރިއަށްދިއުން، މި މަސައްކަތްތަކުގެ ވާހަކަތައް ނޫސްތަކުގެ ސުރުހީތަކަށް އެކި ފަހަރު މަތިން އަރައިފި އެވެ.

އެކަމަކު، ލޮލަށް ފެންނަން އޮތް ހަގީގަތަކީ، މީގެއިން އެއްވެސް ކަމެއްގެ އަމަލީ ސިފައެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާތަނެއް ފެންނަން ނެތް ކަމެވެ. މީގެ ބައެއް ކަންކަން އޮތީ، 2015 ވަނަ އަހަރު ވުޖޫދުވި، ރާއްޖޭގެ ކުޅިވަރު ގާނޫނުގައި ހުރި ބައެއް މާއްދާތަކާ ހެދި ހުއްޓިފައި ކަމަށް ވެސް ބުނެފައި އެބަހުއްޓެވެ. އެކަމަކު، އެއީ ޖުމްލަަކޮށް ބަލާއިރު ހަގީގަތެއް ނޫނެވެ. އެއީ، ވައުދުވާ ކަންކަން ފުރިހަމަ ނުކުރަން ދައްކާފައި ހުންނަ އުޒުރުކަން މި ވަގުުތު ފެންނަން ހުރި ކަންކަމަށް ބަލާއިރު ސާފުވެ އެވެ.

ކުޅިވަރުގެ ކަންކަން ރަނގަޅު މަގުން ކުރިއަށް ގެންދަން ބަލާއިރު، މިއަދުގެ ސަރުކާރުން ހުށަހަޅާފައި އޮތް ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރޭގައި ކުޅިވަރު އެސޯސިއޭޝަނެއް ފެޑެރޭޝަނަކަށް ބަދަލުވާން ފުރިހަަމަވާން ޖެހޭ ކަންކަން ލިޔެވިފައި އެބަހުއްޓެވެ. އެހެންކަމުން، ކުޅިވަރު ގާނޫނުގެ މި އިސްލާހާ އެކު، އެފްއޭއެމުން މި ބަދަލު ފެނިދާނެ ކަމަށް އަނެއްކާ ވެސް އުންމީދު ކުރެވިދާނެ އެވެ.

މިިދިޔަ ސަރުކާރުން ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި 100 ޓާފް ދަނޑު އަޅަން އަމާޒުހިފައި ކުރި މަސައްކަތުގެ ތެރެއިން، އެންމެ ވަރުގަދަ އަށް ދެއްކި ވާހަކަ އަކީ މިއީ މުޅި ރާއްޖެ އަށް ހުޅުވާލެވޭ ހޯމް އެންޑް އަވޭ ލީގެއް ބޭއްވުމަށް ދެކޭ ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"ޓީވީ އިން މެޗުބަލަން އިންދާ މުބާރާތުގައި (ގޯލްްޑް ކަޕްގައި) ވާދަކުރި 17 ރަށުގެ ނަން އިޢުލާނުކުރިއިރު، އެރަށްރަށުގައި 18 ބޮޑު ފުޓުބޯޅަ ދަނޑު ތަރައްގީކޮށްދެވިފައިވާތީ ވަރަށް އުފާވި. 400 ގެ އާބާދީ އޮތް ތުރާކުނުގައި 1 ދަނޑު ތަރައްގީ ކޮށްދިނުމުން ފެށިގެން 30000 އިން މަތީގެ އާބާދީ އޮތް އައްޑޫ ސިޓީގައި 4 ދަނޑު ތަރައްގީ ކުރެވުނުއިރު، 70 ރަށެއްގައި ބޮޑު ދަނޑު ނިންމާ އަދި 70 އަށް ވުރެ ގިނަ ރަށުގެ މަސައްކަތް ފެށިފައިވާތީ ހިތްހަމަޖެހޭ. އުންމީދަކީ މިފަދަ ވާދަވެރި މުބާރާތްތައް ގިނަވެ، މިދަނޑު ތަކުން ހުނަރުވެރި ޒުވާނުންތަކެއް އުފެދިގެން އައުން. ދިވެހި ފުޓުބޯޅައަށް ކުރިއެރުމާއި ކާމިޔާބަށްއެދެން," މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ސޯޝަލް މީޑިއާގައި ލިޔުއްވާފައިވެ އެވެ.

މިދިޔަ އަހަރު ލ. ގަމު ސްޓޭޑިއަމްގައި ގައުމީ ޓީމުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ


އެކަމަކު، ސަރުކާރުތަކުން މަސައްކަތް ކޮށްގެން ނިސްބަތުން ގިނަ ރަށްތަކެއްގައި ޓާފް ދަނޑުތަކެއް އަޅައި، ވާހަކަ ދެެކެވުނު، އެ ބޮޑު ލީގު ފަށަން ވިސްނާލިއިރު، ދިވެހި ފުޓްބޯޅައިގެ ބެލެނިވެރިފަރާތް، އެފްއޭއެމް އޮތީ، ކޮރަޕްޝަންގެ ހާއްޔަކަށް ބަދަލުވެ، ބަނގުރޫޓްވާ ހާލަތަށް ވެއްޓިފަ އެވެ.

އެފްއޭއެމް އަލުން ހަމައިސްކޮޅަށް ތެދުވަން ކުރަން ޖެހޭ މަސައްކަތް އިންތިހާ އަށް ބޮޑުއިރު، އެކަން ކުރުމުގެ ބަދަލުގައި ފުޓްބޯޅައިގެ މީހުން ބައިބައިވެގެން އެކި މިސްރާބުން ދާނަމަ މީގެ ނިކަމެތިކަން ލިބެނީ ހަމަ ދިވެހި ފުޓްބޯޅަ އަށެވެ.

ރާއްޖޭގެ ފުޓްބޯޅައިގައި ހަރުދަނާ ނިޒާމެއް ގާއިމްކުރާނަމަ، ފުރިހަމަކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ޒަމާނުއްސުރެން ރާއްޖޭގެ ފުޓްބޯޅައިގައި ކަންކަން ހިނގާފައި ހުރި ގޮތް ބަލައި، އިބުރަތް ހާސިލްކުރަން ޖެހެ އެވެ. ބައިނަލްއަގުވާމީ ގޮތުން ހެދިފައި ހުރި ގަަވާއިދުތަކުގެ ތެރެއިން ކުރިއަށްދާން ބާރު އަޅަން ޖެހެ އެވެ.

"އަހަރެމެން މުޅި ރާއްޖެ އަށް ފުޅާކުރެވިފައި އޮތް ލީގެއް ފަށާ ވާހަކަ އެންމެން މި ދައްކަނީ، މި ކަން ކުރަން ބޭނުންވާ ބަޖެޓާއި އިންފްރާސްޓްރަކްޗާ ހުރިތޯ ވެސް ކަށަވަރުކުރަން ޖެހޭ، ހުރި އިންފްރާ ސްޓްރަކްޗާތަކުގެ ބޭނުންހިފައިގެން ލީގެއް ބާއްވަން މަސައްކަތް ކުރެވޭނީ ކިހިނެއްތޯ ވެސް ބަލަން ޖެހޭ، އޭއެފްސީ އާއި ފީފާ އިން ކަނޑައަޅާފައިވާ ކްރައިޓީރިއާގައި ބާރު އަޅަނީ މަދުވެގެން 10 ޓީމެއްގެ ލީގެއް، މަދުވެގެން ހަ މަސް ދުވަހަށް ދިގު ދެމިގެންދާ ގޮތަށް ގެންދަން ކަމަށް އޮންނަނީ، މި އަށް ފެތޭ ގޮތަށް ކުރިއަށް ދޭތޯ ވެސް ބަލަންޖެހޭ،" ރާއްޖޭގެ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގައި 15 އަށް ވުރެ ގިނަ އަހަރު މަސައްކަތްކޮށްފައިވާ، އަދި އަތޮޅު ފުޓްބޯޅައިގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތަކުން، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

އަމިއްލަ ފަރާތަކުން ބ. އޭދަފުށީގައި ގާއިމްކޮށްފައިވާ މަތީ ފެންވަރުގެ ދަނޑު: މިއީ މިހާތަނަށް ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅުކޮށް ގާއިމްކޮށްފައިވާ އާޓިފިޝަލް ފުޓްބޯޅަ ޕިޗް.


"ދިގު މުއްދަތެއްގެ ލީގަަކަށް ބަޖެޓް ހޯދައިގެން، ކުޅުންތެރިން ރަށުގައި ބަހައްޓައިގެން، ބަރާބަރަށް ކުޅުންތެރިންގެ މުސާރަ ހަމައަށް ދީގެން، މި ގޮތަށް ކުރިއަށްދެވޭނެ ނިޒާމެއް ވެސް ހޯދައިގެން މުޅި ރާއްޖޭގައި ލީގެއް ބާއްވައިފިނަމަ އަހަރެމެން މި ބޭނުންވާ ލެވަލަށް ދާނެ،"

"ސުވާލަކީ އެ ކަންކަން ކުރަން އަހަރެމެން ތައްޔާރުވާނީ ކިހާ ހިސާބަކުންތޯ،"

ދުނިޔޭގައި މިހާރު ދުވަސް ގުނަމުން އަންނަ އެކާވީސްވަނަ ގަރުނުގެ ތެރޭގައި، ފުޓްބޯޅަ އަށް އައި ޓެކްނޮކޮލޮޖީގެ ބަދަލުތައް އެ ހުރީ ހީވެސް ނުކުރާހާ އުހުގަ އެވެ. މި ކަންކަން ދިރާސާކޮށް ހަދާ ދިވެހި ފުޓްބޯޅަ ސަޕޯޓަރުން ވެސް ތިބީ ވަރަށް ބޮޑަށް މި ކަންކަމަށް ތަރައްގީވެފަ އެވެ. ދުނިޔޭގެ ކޮންމެ ބައްރެއްގައި ހިނގާ ފުޓްބޯޅައިގެ ކޮންމެ ކަމަކާ ގުޅޭ ބަހުސެއް ކުރަން ވެސް ދިވެހި ސަޕޯޓަރުން ތިބީ ތައްޔާރަށެެވެ. މައުލޫމާތުގެ ގޮތުންނާއި ކުޅިވަރުގެ އިލްމީ ގޮތުން، މި ކަމުގެ ތަސައްރަފު ފުދިފައި ތިބި މޮޅެތި މީހުން ވެސް މި ގައުމުގައި ހާހުން އެބަތިބި އެވެ.

އެކަމަކު، މި ފަދަ ގައުމެއްގައި، އަހަރެމެންގެ ލޭ ކައްކުވާލާ މި އެއް ވަނަ ކުޅިވަރު ކަމަށްވާ ފުޓްބޯޅަ ކުރިއަށްގެންދާނެ ރަސްމީ ނިޒާމެއް ނޫނީ ސިސްޓަމެއް އަދިވެސް ގާއިމްވެފައި ނެތެވެ.

ލެބޯޓަރީއެއްގައި ބާއްވައިގެން ތަފާތު ކަލަންޑަރުތަކަށް އެކިއެކި ފޯމެޓަށް މުބާރާތްތައް ކުރިއަށްގެންގޮސްގެން ދިވެހި ފުޓްބޯޅައިގެ ތަފާތު ޓެސްޓްތަކެއް ކޮށް، އޭގެއިން އެކި ކަހަލަ ފައިދާނަގާ މީހުން އަތަށް ފުޓްބޯޅައިގެ ބާރުތައް ދީގެން މަންޒަރުތައް ބަލަން ދެން ތިބެވޭކަށް ނެތެވެ. އެއްބަައިވަންތަ ކަމުގެ ސިފަތަކުގެ ތެރެއިން ފުޓްބޯޅައިގެ މައިގަނޑު އަސާސް ވެސް ގަބޫލުކުރާ ޓީމުވޯކް ކުރިއަށް ދައްކައި، ރާއްޖޭގެ ފުޓްބޯޅައިގެ ރަސްމީ ސިސްޓަމެއް ގާއިމްކުރަން ޖެހޭ ވަގުތު ޖެހިފައި އޮންނަތާ އެތައް އަހަރެއް ފާއިތުވެއްޖެ އެވެ. މިއީ އެ އަށް އަމަލުކުރަން، ފުޓްބޯޅަ ފޯރީގައި އެންމެން މަސައްކަތްކުރަން ބޭނުންވާނެ ފަދަ ރޫހެއް އޮތް މުނާސަބު ވަގުތެކެވެ. އެކަން އެންމެންގެ އަމަލުން ވެސް ދައްކަންވީ އެވެ.