17 ޑިސެންބަރު 2024 - 16:44 2
ސާއިފް ޝިޔާދު
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ބައެއް މީހުން. ރާއިދު (ކ), ޝާހިދު (މ) އަދި ޝިއުނާ (ވ). ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ޕާފޯމަންސް ދަށް އެ ކުންފުންޏަކީ އަބަދުވެސް އެމްއައިޓީޑީސީ --
17 ޑިސެންބަރު 2024 - 16:44 2
ރާއްޖޭގައި މެދު ފަންތީގެ ޓޫރިޒަމް ކުރިއެރުވުމަށް 2016 ގައި ސައްތައިން ސައްތަ ސަރުކާރު ހިއްސާ އޮންނަ ގޮތަށް އުފެއްދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިހާތަނަށް އެއްވެސް ފައިދާއެއް ނުނެރެވި 164 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އެ ކުންފުންޏާ ގުޅޭގޮތުން އޮޑިޓުން އޮފީހުން ހެދި ހާއްސަ އޮޑިޓުން ދައްކައިފި އެވެ.
އޮޑިޓު އޮފީހުން އޮޑިޓު ކުރީ ކުންފުނި އުފެއްދި ތާރީހުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށެވެ. ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ފުރަތަމަ ކުރެއްވީ މި ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި މުހައްމަދު ޝާހިދު އެވެ. އެމްޑީޕީ ސަރުކާރުގައި މުހައްމަދު ރާއިދު އެ މަގާމު ފުރުއްވިއިރު މިހާރު އެ މަގާމުގައި ހުންނެވީ ހައްވާ ޝިއުނާ ހާލިދު އެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި 2016 އިން 2023 ގެ ނިޔަލަށް އެ ކުންފުންޏަށް 164.2 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު އެމްއައިޓީޑީސީގެ އެސެޓުތަކުގެ އަގަކީ 3.1 މިލިއަން ރުފިޔާ އެވެ.
އެމްއައިޓީޑީސީން ތިން ޕްރޮޖެކްޓެއް ފެށިއިރު އޭގެ ތެރެއިން އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތް ނިންމާލެފައި ނުވެ އެވެ. އަދި, އެ ޕްރޮޖެކްޓުތަކަށް 52.3 މިލިއަން އެ ކުންފުނިން ވަނީ ހަރަދުކޮށްފަ އެވެ.
މި ތިން ޕްރޮޖެކްޓަށް އެމްއައިޓީޑީސީން ފައިސާ ހަރަދުކުރީ ބަރެސްދޫ ޕްރޮޖެކްޓުގެ ދަށުން ހެދި އެއްބަސްވުންތަކުން ލިބުނު އެޑްވާންސް ފައިސާ އާއި ފިނޭންސުން ދިން އެއް މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރަކަށް މިވަގުތު ހުރި ޝާހިދު އެމްޑީއަކަށް ހުރިއިރު ފެށި ބަރެސްދޫ ޕްރޮޖެކްޓުގެ އިމާރާތް ކުރުމުގެ މަސައްކަތްތައް ހަވާލުކުރި ޖައުސާ ކޮންސްޓްރަކްޝަނަށް އެޑްވާންސްގެ ގޮތުގައި 975,000 ޑޮލަރު ނުވަތަ ގާތްގަނޑަކަށް 15 މިލިއަން އޮތީ ދީފަ އެވެ. ނަމަވެސް, ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްނުދާއިރު ވެސް އެ ފައިސާ އަނބުރާ ހޯދާފައި ނުވެ އެވެ.
އެޕްރީލް 24, 2017 ގައި ހެދި މި އެއްބަސްވުމުގެ ދަށުން ބަހައްޓަން ޖެހޭ 910,000 ޑޮލަރުގެ ޕާފޯމަންސް ގެރެންޓީ ވެސް އެމްއައިޓީޑީސީން ހޯދާފައި ނުވެ އެވެ. މިއީ ވެސް ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެކެވެ.
ބަރެސްދޫ ޕްރޮޖެކްޓަށް އަމިއްލަ 35 ފަރާތަކުން 55.3 މިލިއަން ރުފިޔާ އިންވެސްޓް ކުރި ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން 18 މިލިއަން ރުފިޔާ ދައްކާފައިވާއިރު ބާކީ 22 ފަރާތަކަށް 36 މިލިއަން ރުފިޔާ ދޭން ޖެހެ އެވެ.
ކާށިދޫ ޓޫރިސްޓު ވިލެޖުގެ ނަމުގައި ފެބްރުއަރީ 3, 2018 ގައި ޝާހިދު އެމްޑީއަކަށް ހުންނަވައި ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި 1.8 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ވެސް ނިމުނީ އެންމެ 35 ޕަސެންޓެވެ. ނަމަވެސް, ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވައްސަށް ކަނޑައެޅި ފައިސާގެ 52 ޕަސެންޓު އެ އަހަރު އޮތީ ދޫކޮށްފަ އެވެ.
ޖެނުއަރީ 26, 2019 ގެ ނިޔަލަށް އެ މަޝްރޫއުއަށް 26.7 މިލިއަން ރުފިޔާ އެމްއައިޓީސީން ހަރަދުކުރިއިރު އެ މަސައްކަތުގެ ކޮންޓްރެކްޓަރު ހޮވުމާއި ބީލަމާ ގުޅޭ އެއްވެސް ލިޔެކިޔުމެއް އެ ކުންފުނީގައި ނެތެވެ.
މިހާތަނަށް އައިއިރު ވެސް އެކަށީގެންވާ އާމްދަނީއެއް އެމްއައިޓީޑީސީއަށް ހޯދިފައި ނުވާއިރު އެ ކުންފުނިން ފަށާފައިވާ އެއްވެސް ޕްރޮޖެކްޓެއް އަވަސް މުސްތަގުބަލެއްގައި ނިންމޭނެ ކަމަށް ނުބެލެވޭ ކަމަށް ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން, އެކަށީގެންވާ އާމްދަނީއެއް ކުންފުންޏަށް ހޯދޭނެ ގޮތްތަކެއް ނުހޯދައި ކުންފުނި ނުހިންގަން އޮޑިޓުގައި ވަނީ ލަފާ ދީފަ އެވެ.
އެމްއައިޓީޑީސީ އުވާލުމަށްފަހު، އެ ކުންފުނީގެ މަޝްރޫއުތަކާއި މަސައްކަތްތައް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމްއެފްއެމްސީ) ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލު ކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.
Comment