16 ޑިސެންބަރު 2024 - 13:10 1
މުހައްމަދު ޝަހްޒާން
ސަފީރުކަމުގެ ފަތްކޮޅު ފުއާދަށް ރައީސް މުއިއްޒު އަރުވަނީ: ފުއާދަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް -- ފޮޓޯ: ރައީސް އޮފީސް
16 ޑިސެންބަރު 2024 - 13:10 1
ކިންގްޑަމް އޮފް ތައިލެންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މއ. ތަޅުމުދިގެ، ފުއާދު ތައުފީގު މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި މަގާމުގެ ފަތްކޮޅު ފުއާދަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެ މަގާމަށް ފުއާދު އައްޔަނު ކުރެއްވުމުގެ ކުރިން އެނާ ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބަސެޑާ އެޓް ލާޖުގެ މަގާމުގަ އެވެ.
ފުއާދަކީ ފާއިތުވި ދެ ދައުރުގައި ވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެކެވެ. އޭނާ އެ ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ. ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބާއި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު އީސީގެ ރައީސަކަށް ހުންނެވީ ފުއާދު އެވެ.
ފުއާދަކީ މީގެ ކުރިން ވެސް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ. އެގޮތުން 2008 ގައި، އެންމެ ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ބޭއްވިއިރު ވެސް އެ ކޮމިޝަނުގައި ފުއާދު ހުންނެވި އެވެ.
ތައިލެންޑުގެ ސަފީރުކަމަށް ފުއާދު އައްޔަނުކުރަން ފެނޭތޯ ބެލުމަށް އޭނާގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ ނޮވެމްބަރު 25، ގަ އެވެ. އެ މަގާމަށް އޭނާ އައްޔަނުކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 58 މެންބަރުންގެ އިއްތިފާގުން މި މަހުގެ 9، ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment