15 ޑިސެންބަރު 2024 - 09:31 1
ލީވާން އަލީ ނާސިރު
ދަރުބާރުގޭގެ ބޭރުގައި ހަރުކޮށްފައިވާ އޮފީސްތަކުގެ ނަން ބޯޑަށް މުވައްޒަފަކު ބަލަނީ. އެ މިނިސްޓްރީތަކުން ދެމުން ދިޔަ ހިދުމަތްތައް ދަރުބާރުގެއިން ލިބޭނެ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
15 ޑިސެންބަރު 2024 - 09:31 1
ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މަސައްކަތް ހުއްޓުމަކަށް އައި ތިން މިނިސްޓްރީ އާއި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ވަގުތީ ގޮތުން ދަރުބާރުގެ އަށް ބަދަލުކޮށް، ހިދުމަތްތައް މިއަދު ފަށައިފި އެވެ.
އަލިފާނުގެ ހާދިސާގައި އެއްކޮށް އަނދައިގެން ދިޔައީ ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އިތުރުން ގްރީން ބިލްޑިންގައި ހުންނަ އެންވަޔަރަމެންޓު މިނިސްޓްރީ އެވެ. އީޕީއޭ ވެސް ކުރިން ހިންގަމުން ދިޔައީ ގްރީން ބިލްޑިންގުގަ އެވެ.
މި އޮފީސްތައް ހިންގުން ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހު އެވެ. އެ މަސައްކަތް ނިންމައި މިއަދު މުވައްޒަފުން ވަނީ އޮފީހަށް ނުކުންނަން ފަށައިފަ އެވެ. ދަރުބާރުގެއަށް ހިދުމަތް ބަދަލުކުރި ބައެއް އޮފީސްތަކުގެ މުވައްޒަފުން ބުނީ ހިދުމަތް ފުރިހަމައަށް އަދި ދެވެން ނުފެށޭ ކަމަށެވެ.
"އެންމެ ބޮޑު މައްސަލައަކީ ޖެމްސްއަށް ވެސް ނުވަދެވޭކަން،" އޮފީހެއްގެ ވެރިޔަކު ވިދާޅުވި އެވެ.
ޖެމްސްއަކީ ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެވެ.
އެހެން މުވައްޒަފަކު ބުނީ އޮފީހުގެ ސާވާގައި ހުރި މައުލޫމާތު ރިކަވާ ނުކުރެވޭތީ، މަސައްކަތްތަކަށް ލަސްކަމެއް އަންނާނެ ކަމަށާއި ނަަމަވެސް އެކަންކަން ވެސް އަވަހަށް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދަރުބާރުގެއަށް އޮފީސްތައް ވަގުތީ ގޮތުން ބަދަލުކުރުމުގެ މަސައްކަތް ހަފުތާ ބަންދުގެ ތެރޭގައި ނިންމުމަށް، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ފޯރުކޮށް ދިނެވެ. އަދި އާންމުންގެ އެހީތެރިކަން ލިބުނު ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.
މި ތިން މިނިސްޓްރީގައި ހުރި ލިޔެކިޔުންތަކާއި ސާމާނުގެ އިތުރުން މާލޭ ރައްޔިތުންގެ އުފަން ދުވަހުގެ ސެޓްފިކެޓާއި، ގޯތީގެ ރަޖިސްޓްރީގެ އިތުރުން މުހިންމު ލިޔެކިޔުން ހުންނަ ކައުންސިލުގެ އިމާރާތަށް އަލިފާނުގެ ހާދިސާގައި ގެއްލުން ލިބި، ބައެއް ލިޔުންތައް އެނދި އެވެ. އަދި ފެނުގެ އަސަރުކޮށް ބައެއް ލިޔުންތައް ހަލާކުވި އެވެ.
އަލިފާނުގެ ހާދިސާއަށް ފަހު، އުފަން ދުވަހުގެ ރަޖިސްޓްރީ ހެއްދުން ހުޅުމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ އޮފީހަށް ވަނީ ބަދަލުކޮށްފަ އެވެ.
Comment