13 ޑިސެންބަރު 2024 - 09:12 1
ރޫޙުލްއަމީން ޢަބްދުﷲ
13 ޑިސެންބަރު 2024 - 09:12 1
ނިމިގެންދިޔަ ހަފުތާ އެދިޔައީ ސޫރިޔާގެ ހުދުމުހުތާރުވެރިޔާގެ ވެރިކަމަށް ނިމުން ގެނައި އުފާވެރި ހަބަރައިގެންނެވެ. އެޔާއެކު ނުކުތް ނަތީޖާތަކުގެ ތެރެއިން އެސަރަހައްދުގެ ކޮންޓްރޯލް ނަގައިގެން އުޅޭ އިޒްރޭލަށް ވެސް އެކަމުން ލިބުނު ކާމިޔާބު ކުޑަނޫންކަމަށްޓަކައި އެ ހިތާމަވެރި ހަބަރާ ވެސް އެކުގަ އެވެ. ޝައްކެތް ނެތެވެ. މިއީ 2010 ވަނަ އަހަރު ތޫނިސްއިން ފެށުނު އަރަބި ރަބީއުގެ ބޮޅެކެވެ. މުޅި އަރަބި ކަރަޔާއި މެދު އިރުމައްޗަށް ފުޅާވެގެންދިޔަ އިސްލާހީ ހަރަކާތުގެ ބަޔެކެވެ. މީގެ ތެރެއިން ވެއްޓިގެންދިޔަ ހުދުމުހުތާރު ވެރިކަންތަކުގެ ތެރޭގައި ތޫނިސްގައި އޮތް ޒައިނުލްއާބިދީންގެ ވެރިކަމާއި މިސްރުގައި އޮތް ރައީސް މައުމޫންގެ އެކުވެރި ހުސްނީ މުބާރަކުގެ ވެރިކަމާއި ލީބިޔާގެ މުޢަމައްރުލްގައްޒާފީގެ ވެރިކަން ހިމެނެއެވެ.
ތާރީހީ ހަގީގަތަކީ މިއިން އެއްވެސް ވެރިކަމެއް ވެއްޓުމަށްފަހު ވެސް މެދުއިރުމަތީގެ ގައުމުތަކުން އެއްވެސް ކަމަކަށް އައި ހެޔޮ ބަދަލެއް ނުފެނުކަމެވެ. މި ގައުމުތަކުގެ ސީދާ މެދުގައި އޮތް ފަލަސްތީނަށް ތާރީހު ނުދެކޭ ވަރުގެ ހަމަލާތަކެއް އިޒްރޭލުން މިހާރު ދެމުން އެގެންދަނީ މި އަރަބި ރަބީއު ފެށި އޭގެ މެދުތެރެއިން އިސްލާމީ އެތައް ގައުމެއްގައި އޮތް ހުދުމުހުތާރު އަނިޔާވެރި އަދި ހިސާބަކަށް ލާދީނީ ވެރިކަންތައް ވެއްޓިދިއުމަށްފަހު އައި ވެރިކަންތައް އެހެން އޮއްވައެވެ.
އަރަބި ރަބީއުގެ ތެރެއިން ދުވަސްވީ ހުދުމުހުތާރު އެތައް ވެރިކަމެއް ވެއްޓި ބިންމަތިވެއްޖެއެވެ. އެކަމަކު އިސްލާމީ އުންމަތަށް އޭގެ ސަބަބުން އައި ބާރުވެރިކަމެއް އިއްޒަތެއް ނުފެނުނެވެ. ހާލުގައި ޖެހިފައި ތިބި ފަލަސްތީނު ރައްޔިތުން އިހުނަށްވުރެ ބިކަވެ ނިކަމެތިވިއެވެ. އޭގެ އިތުރުން، އަރަބި ގައުމުތަކުގެ ހާލަތުވެސް ދިޔައީ އިހުނަށްވުރެ ބޮޑު ތަނުން ދަށަށް އިހުނަށްވުރެ ބޮޑަށް ފަހަތަށް ކައްސާލައިގެންނެވެ. އިޖުތިމާއީ ގޮތުން ބެއްޔަސް އިގުތިސާދީގޮތުން ބެއްޔަސް ފެންނަނީ މި މަންޒަރެވެ. އައި ހެޔޮ ބަދަލެއް ހަމަ އޭގެ އެއްވެސް ގައުމަކުން ނުފެނެއެވެ. މިނިވަން އިންތިހާބުތަކެއް ވެސް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ އޭގެ ކުރިން ވެސް ތިބި ހުދުމުހުތާރު ވެރިން ފަދަ ނުވަތަ އެޔަށްވުރެ ވެސް ގޯސް ވެރިން ވެރިކަން ކުރާ މަންޒަރާއި ގައުމުތައް ކޮންޓްރޯލް ނުވެ ބޮއްސުންލައިފައި އޮންނަ މަންޒަރެވެ.
އެންމެ ފުރަތަމައަށް އެއްބަސްވާނީ އަޅުގަނޑެވެ. އެއިން ކޮންމެ ވެރިކަމެއް ބަދަލުވެދިޔަ ދިއުމަކީ ހެވެކެވެ. ގޯހަކީ އެފަހުން ހެވެއް ނައީތީއެވެ. ކުރުކޮށް ހުލާސާކޮށް ދަންނަވާނަމަ، މުސްލިމުން ވަރަށް ހޭލުންތެރި ހަރަކާތްތަކެއްގެ ތެރެއިން ދުނިޔޭގެ ރަސްގެފާނުކަމަށްވާ އެމެރިކާގެ ވެސް އެއްބާރުލުމާއެކު މުސްލިމް ގައުމުތަކުގެ ވެރިކަން ދާދި އަވަސް އަވަހަށް ބަދަލުކުރެއެވެ. އަދި އަޅުގަނޑުވެސް އެއްބަސްވާ ފަދައިން އެކަން ކުރަނީ، ކުރަންޖެހިގެންނެވެ. އެކަމަކު އެފަހުން ގައުމުތަކާއި އެގައުމުތަކުގެ ވެރިކަންތަކާއި ރައްޔިތުންގެ ހާލަތު އަދި އިހުނަށްވުރެ ވެސް ގޯސްވެފައި އޮންނަތަން ފެންނަނީ ހާދަހާވާ ދެރަވަރުކޮށް އަޖައިބުވެ އަންތަރީސްވާނެ ގޮތުގައެވެ.
ދެން އިސްލާމްދީނުގެ މާތްވެގެންވާ މަތިވެރި އިރުޝާދުތަކަށް ކަޅިއެއް އެއްލަމާހެވެ. ޤުދުސިއްޔަ ހަދީސެއްގައި ގަދަކީރިތިވަންތަ ﷲ މާތް ނަބިއްޔާއަށް އަންގަވާފައިވެއެވެ. "އޭ މުހައްމަދެވެ! އިބަ ބޭނުންވާ ފަދައިން ދިރިއުޅޭށެވެ! ހަމަކަށަވަރުން އިބަ މަރުގަންނަވާނެއެވެ. އަދި އިބަ ބޭނުންވާ އަމަލެއް ކުރާށެވެ! ހަމަކަށަވަރުން އިބައަށް އެކަމަކަށް ޖަޒާދެއްވޭނެއެވެ. އިބަ ބޭނުން މީހަކު ދެކެ ލޯބިވާށެވެ! ފަހެ ހަމަކަށަވަރުން އެމީހަކު އިބަ އާ ވަކިވެގެންދާނެއެވެ. އަދި ދަންނާށެވެ! ހަމަކަށަވަރުން މުއުމިނެއްގެ ޝަރަފުވެރިކަމަކީ ރޭއަޅުކަމެވެ. އަދި އޭނާގެ އިއްޒަތަކީ މީސްތަކުންގެ ކިބައިން ފުދިގެންވުމެވެ."
މިއަދުގެ މައުލޫއަށްޓަކައި އަޅުގަނޑުގެ ސަމާލުކަން ހުއްޓުނީ ފަހަތު ޖުމުލައަށެވެ. 'އަދި ދަންނާށެވެ! ހަމަކަށަވަރުން މުއުމިނެއްގެ ޝަރަފުވެރިކަމަކީ ރޭއަޅުކަމެވެ. އަދި އޭނާގެ އިއްޒަތަކީ މީސްތަކުންގެ ކިބައިން ފުދިގެންވުމެވެ.' އާދޭހެވެ. ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެއެވެ. ގުޑުގުޑު ނާޅާ ވަރަށް މީސްތަކުންގެ ކިބައިން ފުދިގެން ހުރުމީ އިއްޒަތްތެރި މުއުމިނުންގެ ސިފައެވެ. ކޮންމެ މުއުމިނެއް އިއްޒަތްތެރިވަނީ އެ ސިފަ ލިބުނީމައެވެ. ދައުލަތަކީ އެތައް ބަޔަކު އެކުވީމާ އުފެދޭ ޖަމާއަތަކަށްވާހިނދު، އިސްލާމީ ދައުލަތަށް ވެސް އޮންނާނީ މި ހަމަޔާއި އުސޫލެވެ.
މި ބަސްފުޅުން އެނގޭ ގޮތުގައި، ޝަރަފުވެރިކަން ލިބެނީ ރޭއަޅުކަމުންނެވެ. އެޔަކީ ސިއްރުން ކުރެވޭ އަޅުކަމެކެވެ. ފޮޓޯ ޓްވީޓްކުރެވޭ ގޮތުން ކުރެވޭ ފަރުޟު އަޅުކަންތަކާއި މި ހަދީސް ބަސްފުޅުގައި އައިސްފައި މިވާ ޝަރަފުވެރިކަމާއި އިއްޒަތުގެ ކޮންސެޕްޓް ލިބިގަނެވޭ ވަސީލަތް ތަފާތެވެ. އެގޮތަށް ތަފާތު އެވަނީ ރޭއަޅުކަމުގައި ދެއްކުންތެރިކަމެއް ނުވާހިނދު އޭގެ އަހުލުވެރިންނަށް ޝަރަފުވެރިކަން ލިބެނީ ﷲ ގެ ހަޒުރަތުގައެވެ. ފަރުޟު އަޅުކަމެއް ދެއްކުންތެރިކަމާއެކު ގެނެސްގަނެއްޖެނަމަ މީސްތަކުންގެ ގާތުގައި ޝަރަފުވެރިވިޔަސް އެއީ އީމާނީ ޝަރަފުވެރިކަމެއް ނޫންކަން މި ބަސްފުޅުން ދަލީލު ލިބެއެވެ.
އާދޭހެވެ! މީސްތަކުންގެ ކިބައިން ފުދިގެންވުމެވެ. އެފަދަ އިގުތިސާދީ އަދި އިލްމީ ގާބިލުކަން ލިބިގެންވުމެވެ. އޭރަށް އެވެނި މީހާއާއި އޭނާގެ ދަރިޔާ ވެސް ނުލައި ސަރުކާރު ހިންގިދާނެއެވެ. ސިޔާސީ ގޮތުން ވަކި މީހެއްގެ ނުފޫޒު ބޮޑު ކަމަށްޓަކައި އެމީހަކަށް ބައި ނާޅައި، ފުދިގެން ސަރުކާރު ހިންގިދާނެއެވެ. މިއީ ސިޔާސީ މީހެއްގެ ފަރުދީ ހައިސިއްޔަތުން ބަލައިފިނަމައެވެ. އިގުތިސާދީ ގޮތުން ފުދުންތެރި ބާރުވެރިކަމެއް ލިބިގަނެއްޖެނަމަ، މުސްލިމް ގައުމުތަކުގެ އިއްޒަތް ހޯދުމަށްޓަކައި ދުނިޔޭގެ ކާފަރު ގައުމުތަކުގެ ބާރުވެރިކަމުން ބާރު ލިބިގަންނާކަށް ނުޖެހޭނެއެވެ. މުސްލިމުން ތިބޭނީ ފުދިގެންނެވެ.
އިއްޒަތްތެރިކަން ލިބޭނެ މަގަކީ، ސިޔާސީ މަސައްކަތްކުރާ މީހާއަކީ ފިކުރީ ގޮތުންނާއި މާލީގޮތުން ފުދުންތެރި ގާބިލު އަނެކުންގެ ތައްޕާހުން ހުސްދުރުވުމުގެ ގާބިލުކަން ލިބިގެންވާ މީސްމީހުންނަށްވުމެވެ. އިއްޒަތްތެރިކަން ލިބޭނެ މަގަކީ އިސްލާމީ ދައުލަތްތަކަކީ ދުނިޔޭގެ އެހެން ބޮޑެތި ބާރުވެރި ގައުމުތަކުން ދަރަންޏާއި އެހީއަށް އެދެން ނުޖެހޭ ފަދައިން އިގުތިސާދީ ބާރުވެރިކަން ލިބި ގުޑުގުޑު ނާޅާވަރަށް ފުރިފައި ތިބި ބަޔަކަށްވުމެވެ. އެކަމަށް މަސައްކަތްކޮށް އެކަމުގެ މަގުތައް ތަނަވަސްކުރުމެވެ. އެކަމަށް އަހުލުވެރިވުމެވެ.
އެއްވެސް ހެޔޮ ބަދަލެއް ގެނެވެނީ މީހެއްގެ ލާރީގައި އެހެން މީހެއްގެ ތައްޕާހުގައިކަމަށްވެފައި، އެބަދަލަކަށްފަހު ވެރިކުރެވޭ ފަރާތަކީ އޭގެ ބަދަލު ދޭންޖެހޭ ފަރާތަކަށްވާހާހިނދަކު، ގާއިމުކުރެވޭ ވެރިކަމަކީ އިސްލާމީ ވެރިކަމެއްގެ ބިންގާއެއް ނެތް އޭގެ ވަސްމުޑިވެސް ބިނާކުރެވިފައި ނުވާ ހަލަބޮލިގަނޑެކެވެ. މުސްލިމް ދައުލަތްތައް ހިނގަނީ ކާފަރު ދައުލަތްތަކުގެ އެކިބާވަތުގެ މަދަދަށް އެދެންޖެހޭ ގޮތަށްކަމަށްވާހާ ހިނދަކު ގެނެވޭ އެއްވެސް ބަދަލަކުން ނުކުންނާނެ މޮޅެއްނެތެވެ. އިއްޒަތް އޮތީ އެހެން މީސްތަކުންގެ ކިބައިން ފުދިގެންވުމުގެ ގާބިލުކަމުގެ މައްޗަށެވެ. އެކަމުގެ ވާގި މާތް ﷲ ދެއްވާނީ ޝަރަފުވެރިކަން ލިބޭނެ ދެއްކުންތެރިކަމެއް ނެތް ރޭ އަޅުކަމުގައި ދެއްކުންތެރިކަމެއް ނެތި އެކަލާނގެއަށް ދެންނެވުމުންނެވެ.
ކިތަންމެ ވަރަކަށް ސަރުކާރުތައް ބަދަލުކުރިޔަސް، ތިމާމެން ނޫން އަނެކުންގެ ކިބައިން، ކާފަރުންގެ ކިބައިން ފުދިގެންވާ އިގުތިސާދީ ގޮތުން ބާރުވެރި، އިލްމީ ގޮތުން ތަނަވަސް ބަޔަކަށް ވެގެން މެނުވީ އިއްޒަތެއް ލިބޭނެ ހަމައެއްވެސް ގޮތެއް ނެތެވެ. މާތްވެގެންވާ އިސްވެދިޔަ ގުދުސިއްޔަ ހަދީސްފުޅުގައި މާތް ﷲ އަހަރެމެންގެ މާތް ނަބިއްޔާއަށް ދެއްވާފައިވާ ނަބީކަމުގެ ތަރުބަވީ ފިލާވަޅަކީ އެއީ އެވެ.
Comment