12 ޑިސެންބަރު 2024 - 12:03 1
އަހުމަދު އާއިދު
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެފްއެސްއެމް މުވައްޒަފުންގެ ތެލުގެ ވައްކަމާ ގުޅިގެން ބާއްވާ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި --- ފޮޓޯ: މަޖިލިސް އިދާރާ
12 ޑިސެންބަރު 2024 - 12:03 1
ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް އެ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ލޯންޑާ ކުރާ ކަމަށް ޝައްކުކޮށް ފުލުހުން ބަލަމުންދާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބާއްވާ ބައްދަލުވުން ސިއްރުކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި މިއަދު އޮތީ ތެލުގެ ވައްކަމާ ގުޅިގެން އެފްއެސްއެމްގެ މައި ކުންފުނި އެސްޓީއޯގެ ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރުމެވެ.
ބައްދަލުވުން ފެށުމާއެކު ސިއްރުކޮށްގެން ކުރިއަށް ގެންދަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. އެ ހުށަހެޅުން ފާސްވީ ބައްދަލުވުމުގެ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
ފުލުހުން މި މައްސަލަ ބަލަމުންދާކަން އިއުލާނުކުރީ މި މަހުގެ ފުރަތަމަ ދުވަހުގެ ރޭ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެގޮތުން، އެ ޓީމުން މިހާތަނަށް 10 މީހަކާއި ދެ ގެއެއް އަދި ތެޔޮއުފުލާ ދެ ބާޖެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މި ރެއިޑުތަކުގައި މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔެކިޔުންތަކެއް ހޯދާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
"މި ތަހުގީގު ކުރިއަށް ދާވަރަކުން ފުލުހުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރައްވާނެ،" އޭނާ ލިޔުއްވާފައިވެ އެވެ.
އެފްއެސްއެމްއިން ތެލުގެ ވައްކަމެއް ފަޅާއަރާ އެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް ވަނީ ނޮވެމްބަރު 26، ގައި އިސްތިއުފާދެއްވާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment