about 9 hours 0
މުހައްމަދު ޝަހްޒާން
މާލޭގެ މަގެއްގެ މަތިން ޓެކްސީތަކެއް ދުއްވާފައި ދަނީ -- ފޮޓޯ: އަދަދު ފައިލް
about 9 hours 0
ސަރުކާރުން ފަށަން އުޅޭ ޓެކްސީގެ ހިދުމަތަށް ބޭނުންވާ ކާރާއި އެ ނޫން ވެސް އެހެނިހެން ހަރަދުތައް ކުރާނެ ވަކި ގޮތެއް އަދި ހަމަޖެހިފައި ނުވާ ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރުދެއް ކަމަށްވާ އިބްރާހިމް ނިޔާޒު ޓްރާންސްޕޯޓް މިނިސްޓްރީގައި އެދުނީ ސަރުކާރުން ފަށަން ތައްޔާރުވަމުންދާ ޓެކްސީގެ ހިދުމަތް ދިނުމަށް ބޭނުންވާ ކާރުތައް ރާއްޖެ ގެނެސްފައި ވޭތޯ އާއި އޯޑަރު ޖެހި ކާރުގެ އަދަދާއި އަދި، އެކަމަށް ހަރަދު ކުރަނީ ކޮން ގޮތަކަށްތޯ ސާފު ކުރުމަށެވެ.
އެ ސުވާލުތަކަށް ޓްރާސްޕޯޓް މިނިސްޓްރީން މިއަދު ދިން ޖަވާބުގައި ބުނެފައި ވަނީ ޓެކްސީ ހިދުމަތް ފެށުމަށް ބޭނުންވާ އެއްވެސް ކާރަކަށް މިހައިތަނަށް އޯޑަރު ޖަހާފައި ނުވާ ކަމަށާއި އެއްވެސް ކާރެއް ރާއްޖެއަށް އަދި ގެނެސްފައި ވެސް ނުވާ ކަމަށެވެ.
އޭގެއިތުރުން އެ ހިދުމަތް ފެށުމަށް ހަރަދު ކުރާނެ ވަކި ގޮތެއް އަދި ހަމަޖެހިފައި ނުވާ ކަމަށާއި އެކަމަކަށް އަދި ހިލޭ އެހީއެއް ވެސް ހަމަޖެހިފައި ނުވާ ކަމަށް މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވެ އެވެ. އަދި، އެ ހިދުމަތް ދިނުމަށް ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާ ކަމަށް ވެސް ޖަވާބުގައި ބުނެފައިވެ އެވެ.
ސަރުކާރުގެ ޓެކްސީ ހިދުމަތް ރަސްމީކޮށް ފަށައި އިއުލާނު ކުރަން ނިންމާފައި ވަނީ ކޮން ތާރީހެއްގައި ތޯ އެހި ސުވާލުގެ ޖަވާބުގައި މިނިސްޓްރީން ބުނެފައި ވަނީ އަދި ވަކި ތާރީހެއް އަދި ކަނޑައެޅިފައި ނެތް ކަމަށެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.
އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.
އަމީން އެ ދުވަހު ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ ޓެކްސީ ހިދުމަތް ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ކުރުވުމަށް ކަމަށާއި އެ ހިދުމަތް ދޭން ފަށާނީ މިހާރު ޓެކްސީކަން ކުރާ ޑްރައިވަރުންގެ އެއްވެސް ބާރެއް ނުހިނގާ ގޮތަށް ކަމަށެެވެ.
އަމީން ވިދާޅުވީ ޓެކްސީ ހިދުމަތް ދޭން ފަށާނީ 50 ޕަސަންޓް ފުލްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާއި އަނެއް 50 ޕަސަންޓް ޕާޓް ޓައިމްކޮށް މަސައްކަތް ކުރާ މުވައްޒަފުންނާ އެކުގައި ކަމަށާއި ރަނގަޅު ޝަރުތުތަކެއް އެކަމަށް ކަނޑައެޅިފައި ހުންނާނެ ކަމަށެވެ.
ޓެކްސީ ހިދުމަތް ދޭން ފަށާނީ ސޮއިކޮށްފައި ހުރި ކޮންވެންޝަންތަކާ އެއްގޮތަށް އިލެކްޓްރިކަލް ވެހިކަލްތައް ވެސް ބޭނުން ކޮށްގެން ކަމަށާއި ސްޓެލްކޯގެ ޕަވާ ގްރިޑަށް އެކަށީގެންވާ ވަރަށް 20 ޕަސަންޓާއި 25 ޕަސަންޓާ ދޭތެރޭގައި އިލެކްޓްރިކް ވެެހިކަލްތައް ބޭނުން ކުރާނެ ކަމަށް ވެސް އެ ދުވަހު އަމީން ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment