Advertisement

ބަންކަރިންގެ ހިދުމަތް ދޭން ފެށިތާ ފަސް މަސް ފަހުން އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

16 ފެބުރުވަރީ 2025 - 15:03 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯ އާއި ވިޓޯލްއިން އެއްބަސްވުމުގައި ސޮއިކުރި ދުވަހު --- ފޮޓޯ: އެސްޓީއޯ


ބަންކަރިންގެ ހިދުމަތް ދޭން ފެށިތާ ފަސް މަސް ފަހުން އެކަމާ ގުޅޭ ބިލެއް މަޖިލީހަށް ހުށަހަޅަނީ

16 ފެބުރުވަރީ 2025 - 15:03 0

ރާއްޖޭގައި ބަންކަރިންގެ ހިދުމަތް ދޭން ފެށިތާ ފަސް މަސް ފަހުން އެ ކަމާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ބޮޑު މެދުކެނޑުމަކަށް ފަހު ރޭ ބޭއްވި "އަހާ ފޯރަމް"ގައި، ބަންކަރިންގެ ސަބަބުން ސަރުކާރަށް ފައިދާއެއް ވޭތޯ އާންމުންގެ މީހަކު އެހުމުން، ސައީދު ވިދާޅުވީ ހަމަ ގައިމުވެސް މި މަޝްރޫއުގެ ސަބަބުން ސަރުކާރަށް ގެއްލުމެއް ނުވާނެ ކަމަށެވެ.

މިހާތަނަށް ތެލުގެ ދެ ޝިޕްމަންޓެއް ގެނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި، ބަންކަރިންގެ ހިދުމަތާ ގުޅޭ އިތުރު ކަންކަމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިންޓަނޭޝަނަލް ބަންކަރިންއާ ބެހޭ ބިލެއް މިހާރު އެ އޮތީ ފަރުމާ ކުރެވިގެން މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގަ. އިރާދަކުރެއްވިއްޔާ ޓްރާންސްޕޯޓުން އެ މަސައްކަތް ނިމުނީމަ ދެ އެ އޮންނަ ތަރުތީބަކުން ފާސްޓް ޓްރެކް ކުރެވިގެން މަޖިލީހަށް އެ ބިލު ދާނެ،" ސައީދު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ދިނުމުގައި ޝާމިލުވާ މުއައްސަސާތަކުން މީގެ ކުރިން ނުކުރާ އެތައް ކަމެއް މިވީ ފަސް މަސްދުވަހުގެ ތެރޭގައި ކޮށްފައިވާ ކަމަށް ވެސް އިގުތިސޯދީ ވަޒީރު ރޭ ވިދާޅުވި އެވެ.

އެގޮތުން ކަސްޓަމްސް އާއި އިމިގްރޭޝަން އަދި އެހެން އިދާރާތައް ގުޅިގެން ހއ. އަތޮޅުގައި އޮފް-ޝޯ ސަރަހައްދެއް ގާއިމުކޮށްފައިވާ ކަމަށާއި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ދޭ ގައުމެއްގެ ގޮތުގައި ރާއްޖެ މިހާރު ލިސްޓު ކޮށްފައިވާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އިގުތިސާދަށް ބޮޑު ފައިދާއެއް ވާނެ ކަމަށް އަންދާޒާކޮށް ސަރުކާރުން ބަންކަރިންގެ ހިދުމަތް ފެށީ ސެޕްޓެމްބަރު 19، 2024 ގަ އެވެ.

ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭނީ ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެންނެވެ. އެގޮތުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.

ހއ. އަތޮޅުގައި ސަރުކާރުގެ އިދާރާތަކުގެ އޮފީސްތަކެއް އިމާރާތް ކޮށް މި ހިދުމަތް ދޭން ފެށީ އެ އަތޮޅުގައި އޮފް ޝޯ ބަންކަރިން ދިނުމުގެ އަމާޒުގަ އެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތް ދިނުމަށް ގެނައި ދެ ބޯޓުގެވެސް އޭގެ މަހެއްހާ ދުވަސް ފަހުން މާލެ ސަރަހައްދަށް ވަނީ އައިސްފަ އެވެ.

ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު އެ ދެ ބޯޓު ތެޔޮ އެޅުމުގެ ހިދުމަތް ދެމުންދިޔައީ މާލެ ސަރަހައްދުގަ އެވެ. އަދި ކައިރި ބައެއް އަތޮޅުތަކަށްވެސް ދަތުރުކޮށްފައިވެ އެވެ. މި ހިދުމަތާއި އެކަމުން ލިބޭ އާމްދަނީއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ތަފާސްހިސާބެއްވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.