11 ޑިސެންބަރު 2024 - 02:26 1
ލީވާން އަލީ ނާސިރު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް އަހުމަދު ސަލީމް: މިއަދު ރާއްޖޭގައި ޖަވާބުދާރީ ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ
11 ޑިސެންބަރު 2024 - 02:26 1
ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހުދުމުހުތާރު ސިޔާސަތުތަކާއި ނިންމުންތަކުން "އަނދިރި ސަފުހާއެއް" އިޔާދަވެދާނެ ކަމުގެ ނިޝާންތައް ފެންނަ ކަމަށާއި، ނަމަވެސް، އެމްޑީޕީގެ މަސައްކަތުން ރައްޔިތުންގެ ބާރު އަނބުރާ ހޯދާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ސަލީމް ވިދާޅުވީ މިހާރު ފެންނަމުން ދަނީ ހުދުމުހުތާރު ވެރިންގެ ހިތަށް އެރި ކޮންމެ ކަމަކަށް ގާނޫނު ހަދަމުން ދިޔަ ގޮތަށް ރައީސް މުއިއްޒު ވެސް ކަންކުރައްވާ މަންޒަރު ކަމަށެވެ.
މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ މަޝްވަރާއެއް ނެތި، ދެތިން ގަޑިއިރުގެ ތެރޭގަ އެވެ. ޓެކްސް ބޮޑުނުކުރާނެ ކަމަށް ވިދާޅުވެފައި، ބައެއް ޓެކްސްތަކާއި އެއާޕޯޓު ފީތައް ވަނީ ބޮޑުކޮށްފަ އެވެ. ވޭޕް މަނާކުރަން ވަނީ ގާނޫނު ހަދައިފަ އެވެ.
ގާނޫނުއަސާސީއަށް ގެނައި ކުއްލި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ބާރު ކެނޑިގެންދާ ކަމަށް ބުނެ، ގާނޫނޫ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.
ގާނޫނުއަސާސީގެ ބާރު ކެނޑި ޖަވާބުދާރީ ކުރުމުގެ އުސޫލުތައް ނެތި، ނިންމާ ނިންމުންތަކާއި ކަންކަން ބަދަލުވާ ގޮތުން ހަމަ އެއްކަމެއް ވެސް ދިވެހި ރައްޔިތަކަށް މިއަދު ނެތް ކަމަށް ސަލީމް ފާހަގަ ކުރެއްވި އެވެ.
"ސަރުކާރުން ރުހޭ ބަޔަކަށް ނޫނީ ހެޔޮ އަގުގައި ކާޑު ލިބޭނެ ގޮތެއް ނޯންނާނެއޭ ހިތަކަށް ނާރާތޯ. ހޮވާލެވޭ ވަކި ބަޔަކަށް ބޭސްފަރުވާގެ އެހީ ނުލިބޭނެއޭ ހިތަށް އަރަން ނުފަށާތޯ. ރުހޭ މީހާއަށް ނޫނީ ވަޒީފާގަނޑެއް ވެސް ނުލިބޭނެ ކަމުގެ ނިޝާންތައް އަޅުގަނޑުމެންގެ ތެރެއިން ފެންނަމުން ނުދޭތޯ،" އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ ވެރި މީހާ އަތުގައި ހުރިހާ ބާރެއް އޮތުމުގެ ބަދަލުގައި ހުރިހާ ބާރެއް ރައްޔިތުން އަތުގައި ބޭއްވުމަކީ މާ ކުރިން ވެފައި އޮތް ވައުދެއް ކަމަށާއި އެ ވައުދަށް ގުޑުމެއް އަތުވެދާނެ ކޮންމެ ފަހަރަކު ކުރެވޭ އިހުސާސަކީ ރާއްޖޭގެ ދިގު ތާރީހު ދައްކާފައިވާ ވެރިންނާއި އަޅުންގެ ސަގާފަތް ކަމަށެވެ.
ބުނެވޭ އެއްޗަކުން ޝަރީއަތެއް ނުކޮށް ދިވެހިންނަށް އަނިޔާކޮށް ގަނަތެޅުވި ޒަމާން އަލުން އިޔާދަވަނީއޭ މިއަދު ހިތަށް އަރާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ ހިތްވަރަކީ ދައުލަތުގެ މުގައްދަސް ސިފަތައް މިގޮތަށް ގެއްލި ނުދިއުމަކީ ދިވެހިންގެ ޒަމާންވީ އަޒުމެއްގެ ގޮތުގައި އޮތް އޮތުން،" އޭނާ ވިދާޅުވި އެވެ.
ރޭގެ ޖަލްސާ ފެށުމުގެ ކުރިން ކާނިވާ ސަރަހައްދުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ނިންމި ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެމްޑީޕީން އެހީތެރިވުމަށް ފާސްކުރުމާއި، އިދިކޮޅު ސިޔާސީ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކޮށް އެކި ކަންކޮޅުތަކުގައި އިހުތިޖާޖުތައް ރާވައި ހިންގުން ހިމެނެ އެވެ.
އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައަޅާފައިވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ވިދާޅުވި އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment