2 ޑިސެންބަރު 2024 - 22:32 1
މުހައްމަދު ޝަހްޒާން
ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން؛ އޭނާ ވިދާޅުވީ ޕީޕީއެމްގައި ތިބި މެންބަރު ޕީއެންސީއަށް ބަދަލުވާން އިލްތިމާސް ކުރައްވާ ކަމަށް -- ފޮޓޯ: އަދަދު ފައިލް
2 ޑިސެންބަރު 2024 - 22:32 1
މިއަދަކީ ވަރަށް އުފާވެރި އަދި ތާރީހީ ދުވަހެއް ކަމަށް ދިވެހިރާއްޖޭގައި ރެޖިސްޓަރީ ކޮށްފައި އޮތް ޕާޓީތަކުގެ ތެރެއިން ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީ، ޕީޕީއެމް އުވައިލުމަށްފަހު އެ ޕާޓީގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އުވައިލުމަށް މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ސެނެޓު ބައްދަލުވުން ނިންމަވައިލެއްވުމަށްފަހު ނުކުންނެވުމުން، "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާން ވިދާޅުވީ މިއަދަކީ ޕީއެންސީ ފިކުރުގެ މަސައްކަތް އިތުރު ކުރަން ފެށި ދުވަސް ކަމަށެވެ.
"މިއަދަކީ ވަރަށް ތާރީހީ ދުވަހެއް، މިއަދަކީ ވަރަށް އުފާވެރި ދުވަހެއް، މިއަދަކީ އަޅުގަނޑުމެންގެ ފިކުރުގެ މަސައްކަތްތައް އިތުރަށް އަމާޒު ކުރެވި ރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ދިގު މުއްދަތަކަށް އަޅުގަނޑުމެން މި ހިދުމަތް ކުރަން ނިންމައި ކުރިއަށް ހިނގައިގެން ދުވަސް،" ގައްސާން ވިދާޅުވި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީގެ ތެރެއިން ޕީޕީއެމް އުވައިލަން ނިންމީ ދެ ޕާޓީގެ ގޮތުގައި މަސައްކަތް ކުރުމަށްވުރެ އެއް ފުރާޅެއްގެ ދަށުގައި މަސައްކަތް ކޮށްގެން އެއް އަމާޒަކަށް ވާސިލުވާން ފަސޭހަ ވާނެތީ ކަމަށް ގައްސާން ވިދާޅުވި އެވެ. އަދި މިހާރު މިއޮތް ވެރިކަމަކީ ޕީއެންސީގެ ވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޕީއެންސީގެ ވެރިކަމެއް މިއީ، ޕީއެންސީއަކީ އަޅުގަނޑުމެންގެ ކޯލިޝަނުގެ ދޮށީ ޕާޓީގެ ގޮތުގައި މިހާރު މިއޮތް ޕާޓީ، އެހެންކަމުން އަޅުގަނޑުމެންނަށް ފެނުނީ ޕީއެންސީއާ އެއްކޮށް ކުރިއަށް ދިޔުމަކީ މުޅި ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް،" ގައްސާން ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެންމެން އިލްތިމާސް ކުރަނީ ޕީޕީއެމްގައި މިހައިތަނަށް ތިއްބެވި ހުރިހާ ބޭފުޅުން ޕީއެންސީއާ ގުޅިވަޑައިގަންނަވަން."
ޕީޕީއެމް މިއަދު އުވުމާއެކު އެ ޕާޓީގެ ސެނެޓުގައި ތިއްބެވި ބޭފުޅުން ޕީއެންސީއަށް ސޮއި ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އިސްކޮށް ހުންނަވައި އޮކްޓޫބަރު 27، 2011 ގައި ރެޖިސްޓަރީ ކުރި ޕީޕީއެމް އުވައިލަން ފާސްކުރީ މިއަދު ބޭއްވި އެ ޕާޓީގެ އެންމެފަހު ސެނެޓު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 42 ސެނެޓަރުންގެ އިއްތިފާގުންނެވެ.
ޕީޕީއެމް އުވައިލިއިރު، އުވައިލަން ނިންމާ ސިޔާސީ ޕާޓީތަކުގެ ކުލައާއި ނަމާއި ނިޝާން އެ ޕާޓީއެއް އުވައިލާތާ ފަސް އަހަރު ވަންދެން ބޭނުން ނުކުރެވޭ ގޮތަށް ގާނޫނު އޮތީ ބަދަލުކޮށްފަ އެވެ.
ޕީޕީއެމް އުވައިލުމަށްފަހު ކުރަންޖެހޭ ކަންކަން ކުރަމުން ދަނީ އެ މަރުހަލާ ކުރިއަށް ގެންދިޔުމުގެ މަސްއޫލިއްޔަތާ ހަވާލުވި ތިން މެންބަރުންގެ ކޮމިޓީއަކުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment