27 ނޮވެންބަރު 2024 - 20:54 0
މުހައްމަދު ޝަހްޒާން
ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ރާވައި ކުރިއަށް ގެންދިޔަ މުޒާހަރާއެއް: ކިރާ މަހަށް ބަރާބަރަށް ފައިސާ ނުލިބޭ މައްސަލައިގައި މަސްވެރިންގެ ކަންބޮޑުވުން ބޮޑު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
27 ނޮވެންބަރު 2024 - 20:54 0
އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށާއި ގއ. ކޫއްޑޫއަށް މިދިޔަ އޮކްޓޫބަރު 28 އިން ފެށިގެން މިއަދާ ހަމައަށް ކިރި މަހަށް ދޭންޖެހޭ ފައިސާ މަސްވެރިންނަށް މިފްކޯއިން ދޫކޮށްފި އެެވެ.
މިފްކޯއިން ބުނީ އެ ދެ ތަނަށް ކިރި މަހުގެ އަގަށްވާ 22.9 މިލިއަން ރުފިޔާ އެއްކޮށް ދޫކޮށް ނިމިފައިވާއިރު، އޮކްޓޫބަރު 28 އިން މިމަހުގެ 15 ގެ ނިޔަލަށް ފެލިވަރަށް ކިރި މަހަށް ދޭންޖެހޭ ފައިސާ ވެސް މިހާރު ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެ ފައިސާ ދޫކޮށް ނިމުމުން މަސްވެރިންނަށް ދޭންޖެހި ނުދެވި ހުރި ފައިސާގެ އަދަދު 30.4 މިލިއަނަށް ކުޑަވާނެ ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ 48 ގަޑިއިރު ތެރޭގަައި ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ނަމަވެސް މަސް ކިރުވިތާ 48 ގަޑިއިރުގެ ތެރޭގައި މިހާތަނަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައެއް ނުވެ އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ލިބޭ ނިޒާމު ގާއިމުކުރާނަމޭ. އަޅުގަނޑަކީ ވައުދުވާ ގޮތަށް ކަން ކުރާނެ މީހެއް. ޓާގެޓަށް ދާން ކުރާ މަސައްކަތް މިކުރަނީ. އެ ޓާގެޓަށް ދާނަން," ފެބްރުއަރީ، 2024، ގައި ރައީސް ވިދާޅުވި އެވެ.
މަސް ގަތުމަށްފަހު ފައިސާ ދޫނުކޮށްގެން މަސްވެރިން ވަނީ މި ސަރުކާރާ ދެކޮޅަށް މި އަހަރުގެ ތެރޭގައި ބޮޑެތި މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި ފެބްރުއަރީގައި ކޫއްޑޫގައި ކުރި ބޮޑު މުޒާހަރާއަކާއި ހުޅުމާލެ އާއި މާލޭގައި ޖޫން މަހު ކުރި މުޒާހަރާއަކާއި ހަމަ އެ މަހު އައްޑޫގައި ކުރި މުޒާހަރާ ހިމެނެ އެވެ.
މަސްވެރިންގެ މުޒާހަރާތަކަށްފަހު ސަރުކާރުން ވަނީ މަހުގެ އަގު 20ރ. އަށް ވުރެ ތިރި ނުކުރާނެ ކަމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދާ ހިލާފަށް މަހުގެ އަގު ވަރަށް ބޮޑަށް ތިރިކޮށްފަ އެވެ. މިހާރު މިފްކޯއިން މަސް ގަންނަނީ 5ރ. އާއި 16ރ. އާ ދެމެދުގެ ރޭޓުތަކެއްގަ އެވެ.
މަހު އަގު ތިރި ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ މަހުގެ އަގު ތިރި ކުރީ ސަރުކާރުން ހެޔޮ ނިޔަތުގައި ކަމަށެވެ.
"[މަހުގެ އަގު ކުޑަ ކުރުމަކީ] އެއީ ބަހަނާއެއް ނޫން އެއީ ރަނގަޅު ނިޔަތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް. އަދި މަސްވެރި އާއިލާތަކާއި މުޅި މަސްވެރި އިންޑަސްޓްރީގެ ލާބައަށް ނިންމެވި ނިންމެވުމެއް،" އޮކްޓޯބަރު 30، ގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.
Comment