27 ނޮވެންބަރު 2024 - 18:59 0
މުހައްމަދު ޝަހްޒާން
އިންޑިއާ ސަފީރު، މުނޫ މަހާވަރު ހަލީލްގެ އަރިހަށް ކުރެއްވި އަލް ވަދާއުގެ ޒިޔާރަތުގެ ތެރެއިން: ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މުނޫ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ފޮރިން މިނިސްޓަރީ
27 ނޮވެންބަރު 2024 - 18:59 0
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރަން ފާއިތުވި އަހަރު ކުރެއްވި މަސައްކަތަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މުނޫ މަހާވަރުއަށް ފޮރިން މިނިސްޓަރު، އަބްދުﷲ ހަލީލް މިއަދު ތައުރީފު ކުރައްވައިފި އެވެ.
މުނޫއަށް ހަލީލް ތައުރީފު ކުރެއްވީ ރާއްޖޭގެ ސަފީރުކަމުން ވަކިވެވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓަރީއަށް ކުރެއްވި ވަދާއުގެ ޒިޔާރަތުގެ ބައްދަލުވުމުގަ އެވެ.
ފޮރިން މިނިސްޓަރީގައި މިއަދު ހެނދުނު އޮތް އެ ބައްދަލުވުމުގައި މިނިސްޓަރު ހަލީލް ވަނީ ދެ ގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި އާއި ވިޔަފާރީގެ ގުޅުން ބަދަހި ކުރުގެ މަގު ކޮށައިދިނުމަށް މުނޫ ކުރެއްވި މަސައްކަތަށް ތައުރީފު ކުރައްވަައި ވާހަކަދައްކަވައިފަ އެވެ.
އެ ބައްދަލުވުމުގައި ހަލީލް ވަނީ ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދޭ އެހީ ފާހަގަކުރައްވައި ވާހަކަދައްކަވައިފަ އެވެ. އެގޮތުން އިންޑިއާގެ ޔޫޕީއައި ރާއްޖެއަށް ތައާރަފު ކުރުމާއި ރުޕޭ ކާޑު ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހެދުމަކީ ރާއްޖޭގެ އިގުތިސާދަށް ފައިދާ ކުރަނިވި ފިޔަވަޅެއް ކަމަށް ހަލީލް ވިދާޅުވި އެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު، މެދުވެރިއެއްގެ ދައުރު އަދާ ކުރެއްވިއިރު، ދިވެހި ސަރުކާރާއި ރައްޔިތުން ދިން އެއްބާރުލުމަށް މުނޫ މިއަދު ޝުކުރު އަދާކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައި ކުރިއަރައި ތަނަވަސްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެ މުނޫ ވަނީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއްގެ ގޮތުގައި ހުންނަވާނެ ކަމުގެ ޔަގީންކަން ހަލީލްއަށް ދެއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިފަހުން ކުރެއްވި ދަތުރުގައި އެއްބަސްވެވުނު ކަންކަމާ ގުޅިގެން ވެސް މަޝްވަރާ ކުރި ކަމަށް ފޮރިން މިނިސްޓަރީން ބުންޏެވެ.
ނޮވެމްބަރު 10، 2021 ގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް އެ ގައުމުން އައްޔަނު ކުރެއްވި މުނޫގެ ބަދަލުގައި އެ މަގާމަށް މިދިޔަ ހޯމަ ދުވަހު ހަމަޖައްސާފައި ވަނީ އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޖީ ބަލަސުބްރަމަނިއަން އެވެ.
ރާއްޖޭގެ ސަފީރުކަމާ ވަރަށް އަވަހަށް ސުބްރަމާނިއަން ހަވާލުވެވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒުން ހޯމަ ދުވަހު ބުންޏެވެ.
Comment