about 3 hours 0
ލީވާން އަލީ ނާސިރު
މަޓާޓޯއިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
about 3 hours 0
ގެސްޓް ހައުސް އެސޯސިއޭޝަންގެ ވާހަކަތަކަށް ތާއީދުކޮށް އިޒްރޭލުގެ އިސްވެރިންގެ ޕާސްޕޯޓް މަނާކުރަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ވެސް ހުށަހަޅައިފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރާ މަޖިލީހުގެ 241 ކޮމިޓީގައި މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ރިޔާޒް ވިދާޅުވީ ބައިނަލްއަގުވާމީ ފަރާތްތަކުން އަމަލުކުރާ ގޮތަށް އިޒްރޭލުގެ އިސްވެރިންނަށް ފިޔަވަޅުތައް އަޅަން ފެންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެންނަނީ ޓާގެޓެޑްކޮށް ބޮޑަށް ގެންދަން. އިޒްރޭލުގެ ސަރުކާރާއި އިޒްރޭލުގެ އިސްވެރިންނަށް ޓާގެޓްކޮށްގެން ގެންދަން އަޅުގަނޑުމެންނަށް ފެންނަނީ،" ގިޔާސް ވިދާޅުވި އެވެ.
ގިޔާސް ވިދާޅުވީ އިޒްރޭލުގެ ޕަސްޕޯޓު މަނާ ކުރުމުގައި ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނާ މެދު ވިސްނަން ޖެހޭ ކަމަށާއި އެ ނިންމުން ނިންމުމުގެ ކުރިން ރާއްޖެއަށް ދިމާވެދާނެ ހާލަތަކާ މެދު ވެސް ފަރުވާތެރިވާން ޖެހޭ ކަމަށެވެ.
އެގޮތުން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރާނެކަން އިއުލާން ކުރުމާ އެކު އެމެރިކާއިން ރާއްޖެއަށް ފިޔަވަޅުތައް އަޅަން އުޅޭ ކަމަށް އަދި ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރުމާ އެކަމާ ގުޅޭ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި އޮތުމުން އެކަންކަމަށް ވެސް ވިސްނަންޖެހޭ ކަމަށް ގިޔާސް ވިދާޅުވި އެވެ.
މަޓާޓޯގެ ސީއީއޯ އައިމިނަތު ސޫޒަން ވިދާޅުވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން ނިންމާ ނިންމުމުގެ ސަބަބުން ރާއްޖެއިން ޔަހޫދީންނާ ދެކޮޅު ކަމަށް ދޭހަވާ ގޮތަށް އެކަން ނިންމަން ބޭނުން ނުވާ ކަމަށެވެ.
އަދި ރާއްޖެއަށް އަންނަ އިޒްރޭލު މީހުން ނަފުރަތު އުފައްދަން މަސައްކަތް ކުރާނަމަ، އެ މީހުން ބްލެކް ލިސްޓު ކުރުމަށްފަހު ފޮނުވާލުމުގެ ބާރު އިމިގްރޭޝަނަށް އޮންނަން ވާނެ ކަމަށް ސޫޒަން ވިދާޅުވި އެވެ.
އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ސަރުކާރުން ނިންމާ އެކަން އިއުލާނުކުރީ ޖޫން 2، ގަ އެވެ. އޭރު އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި އޮތް މި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވީ ޖޫން 10، ގަ އެވެ. ނަމަވެސް ބިލުގެ ކޮމިޓީ މަސައްކަތް ފެށީ މި މަހު އެވެ.
އޭރު ނިންމީ އަންނަ ފެބްރުއަރީގެ ނިޔަލަށް ކޮމިޓީ މަސައްކަތް ނިންމުމަށެވެ. އަދި ޑިސެމްބަރުގެ ނިޔަލަށް ކަމާބެހޭ އިދާރާތަކަށް ސިޓީ ފޮނުވާ ހާޒިރުކުރުމަށް ވެސް ނިންމި އެވެ.
ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ. ކޮމިޓީގެ މަސައްކަތް އަންނަ އަހަރާ ހަމައަށް ދިގުދަންމާލުމާއެކު މި ފާޑުކިޔުންތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ.
Comment