Advertisement

އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފޮތް: ކޮމިޓީން ނިންމި ގޮތަށް އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ވަނީ ފާސްކޮށްފައި -- ފޮޓޯ؛ މަޖިލިސް


އަންނަ އަހަރަށް ލަފާކުރާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ހުށަހެޅީ އޮކްޓޯބަރު 31، ގަ އެވެ. އަދި ބަޖެޓަށް ބަހުސްކޮށް ނިމުނީ ނޮވެމްބަރު 16، ގަ އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރީ 70 މެންބަރުންގެ ވޯޓާއެކު އެވެ. ބަޖެޓާ ދެކޮޅަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

ބަޖެޓު ބަހުސް ކުރިއަށް ދިޔައިރު ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން ބުނީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ވަރަށް ރަނގަޅު ބަޖެޓެއް ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ބަޖެޓުގެ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި އިދިކޮޅު މެންބަރުން ފާހަގަ ކުރީ ވަކިވަކި ރަށްރަށަށް މަޝްރޫއުތަކުން ހަރަދު ކުރާނެ މިންވަރު ނުޖަހާ އޮތުމުންނެވެ. އަދި އެވަރުގެ ބޮޑު ބަޖެޓެއް ހުށަހެޅިއިރު ސަބްސިޑީތަކަށް ކަނޑައެޅި އަދަދު މަދުވުމުން ވެސް އިދިކޮޅު މެންބަރުން ފާޑުކިޔެވެ.

ސަބްސިޑީތައް ދިނުމަށް ބަޖެޓުގައި ހިމަނާފައި އޮތީ އެންމެ 7.9 ބިލިއަން ރުފިޔާ އެވެ. މި އަހަރުގެ ބަޖެޓުގައި 10.9 ބިލިއަން ރުފިޔާ އެވެ. ބަޖެޓުގައި އޮތީ މަސްވެރިކަމާއި ތެލާއި ކަރަންޓާއި ބޭސްފަރުވާ އާއި މަސްވެރިންނަށް ދޭ ސަބްސިޑީ ވެސް ކުޑަކުރަން ހުށަހަޅައިފަ އެވެ.

ބަޖެޓު ކޮމިޓީ މަރުހަލާގެ ތެރެއިން ބަޖެޓަށް ހުށަހެޅި ރެކޮމެންޑޭޝަންތަކުގެ ތެރެއިން ޕީއެސްއައިޕީ ބަޖެޓު ހަރަދުކުރާ ގޮތް ރަށްތައް ވަކިވަކިން އެނގޭނެހެން އަދި ހިންގޭން މަޝްރޫއުތަކާއި ނުހިންގޭނެ މަޝްރޫއުތައް އަންނަ އަހަރުގެ ތެރޭގައި މަޖިލީހާ ހިއްސާކުރަން ހިމަނާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައި އޮތީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށެވެ. އެކަމަކު، ގެދޮރުވެރިކަމަށް ކަނޑައަޅާފައި ވަނީ މި އަހަރު ބަޖެޓު ކުރި އަދަދަށްވުރެ ވެސް މަދުންނެވެ. މި އަހަރުގެ ބަޖެޓުގައި ގެދޮރުވެރިކަމަށް 3.4 ބިލިއަން ރުފިޔާ ކަނޑައެޅި އެވެ. ނަމަވެސް އަންނަ އަހަރަށް ކަނޑައެޅީ އެންމެ 2.7 ބިލިއަން ރުފިޔާ އެވެ.

ބަޖެޓުން ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައި އޮތް އަދަދު ބޮޑުތަނުން މަދު ކުރުމުން ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ކައުންސިލްތަކަށް ދޭން ކަނޑައަޅާފައި އޮތީ އެންމެ 1.4 ބިލިއަން ރުފިޔާ އެވެ. އެކަމަކު ދައުލަތުގެ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ކަނޑައަޅަންޖެހޭއިރު މަދުވެގެން 2.1 ބިލިއަން ރުފިޔާ ބަޖެޓުގައި ކައުންސިލްތަކަށް ހާއްސަ ކުރަންޖެހެ އެވެ.