30 ސެޕްޓެންބަރު 2025 - 09:20 0
އަހުމަދު އާއިދު
ރާއްޖެ އައި ޓޫރިސްޓަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުން ހިދުމަތް ހޯދަނީ: ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްކުރަން ފަހު ތިން މަހުން 670،000 ބޭނުންވޭ ---- ފޮޓޯ: އެމްއޭސީއެލް
30 ސެޕްޓެންބަރު 2025 - 09:20 0
ސަރުކާރުން މި އަހަރަށް ކަނޑައެޅި 2.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓަށް ވާސިލްވުމަށް އަހަރުގެ ފަހު ކުއާޓާގައި މަހަކު 200،000 ޓޫރިސްޓުންނަށް ރާއްޖެއިން މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިސްޓުން އަންނަ އަދަދުގެ ތަފުސީލީ ތަފާސްހިސާބުތައް އެންމެ ފަހުން އާންމުކުރީ އިއްޔެ އެވެ. އިއްޔެ އާންމުކޮށްފައިވަނީ ސެޕްޓެމްބަރ 28، އާއި ހަމައަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދާއި އެ މީހުން ޗުއްޓީ ހޭދަކުރި ގޮތުގެ ހިސާބުތަކެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ ޖުމްލަ 1,625,852 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.7 ޕަސެންޓު އިތުރު އަދަދެކެވެ.
މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ރާއްޖެއަށް ޒިޔާރަތްކުރާނެ ޓޫރިސްޓުންގެ ޓާގެޓުގެ ގޮތުގައި ހިމަނާފައިވަނީ 2.3 މިލިއަނެވެ. އެހެންކަމުން، ރާއްޖެއިން އަހަރުގެ ފަހު ކުއާޓާ ފަށާއިރު، އެ ޓާގެޓަށް ވާސިލްވުމަށް ފަހު ތިން މަހުގެ ތެރޭ 674،000 ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ޖެހޭނެ އެވެ.
އެއީ މަހެއްގެ މައްޗަށް އެވްރެޖުކޮށް 200،000 ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ފުރަތަމަ ތިން މަހު އެކަންޏެވެ. އޭގެ ފަހުން މަހެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އައި އެޕްރީލް މަހު ރާއްޖެ އައީ 198،322 ޓޫރިސްޓުންނެވެ.
ދުވާލެއްގެ މައްޗަށް ބަލާނަމަ މި އަހަރުގެ ޓާގެޓަށް ވާސިލްވާން އަހަރުގެ ބާކީ އޮތް ކޮންމެ ދުވަހަކު 7،000 އެއްހާ ޓޫރިސްޓުން ރާއްޖެ އަންނަން ޖެހެ އެވެ. މި މަހު އެންމެ ގިނައިން ޓޫރިސްޓުން އައި ދުވަހު ރާއްޖެ އައީ 6،355 ޓޫރިސްޓުންނެވެ. މި އަހަރުގެ ޑެއިލީ އެވްރެޖް ހުރީ 5،999 ގަ އެވެ.
ނަމަވެސް، އަހަރުގެ ފަހު ކޮޅު އަންނަ ޕީކް ސީޒަނުގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަނުން މަތިވެ އެވެ. ހާއްސަކޮށް ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އެގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހު ފަހު ދުވަސްތަކުގައި ދުވާލެއްގެ މައްޗަށް 9،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައި އެބަހުއްޓެވެ.
ރާއްޖޭގެ ޓޫރިޒަމްގެ 52 އަހަރުގެ ދިގު ތާރީހުގައި މީގެ ކުރިން އަހަރު ދުވަހުގެ ތެރޭގައި ދެ މިލިއަން ޓޫރިސްޓުން އައި ހަމައެކަނި އަހަރަކީ 2024 އެވެ. މިދިޔަ އަހަރު ނިންމާލީ ޖުމްލަ 2,046,615 މިލިއަން ޓޫރިސްޓުންނާއެކު އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment