Advertisement

ހުލާސާކޮށް އިއްޔެ: ބަޖެޓު ތަންފީޒުނުކޮށް ހަރަދު ކުޑަކުރުން

24 ސެޕްޓެންބަރު 2025 - 06:22 1

ފިނޭންސް މިނިސްޓަރު ޒަމީރު އަދި އެ މިނިސްޓްރީގެ ބައެއް ވެރިން ރައްޔިތުންގެ މަޖިލީހުގައި. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ހުލާސާކޮށް އިއްޔެ: ބަޖެޓު ތަންފީޒުނުކޮށް ހަރަދު ކުޑަކުރުން

24 ސެޕްޓެންބަރު 2025 - 06:22 1

މި އަހަރަށް ފާސްކުރި ބަޖެޓުގައި ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރަން އަޅަން ބުނި ފިޔަވަޅުތައް ނާޅައި ބަޖެޓުގައި ހިމެނި ގޮތަށް މަޝްރޫއުތަކަށް ހަރަދު ނުކޮށް ތިބެ، ކުރީ އަހަރަށް ވުރެ ހަރަދުތައް ކުޑަކުރެވިއްޖެ ކަމަށް އިއްޔެ ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން އެ ބުނާ ގޮތަށް އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގެ މުއްދަތާއި މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިއިރު، ހަރަދުތައް ވަނީ 15 ޕަސެންޓު ދަށްކޮށްފަ އެވެ. އެންމެ ބޮޑަށް ދަށްވީ ކެޕިޓަލް ހަރަދަށް ކުރި ހޭދަ އެވެ. ކެޕިޓަލް ހަރަދު ވަނީ 57 ޕަސެންޓު ދަށްވެފަ އެވެ.

އަހަރުން އަހަރަށް ހަރަދު ކުޑަކުރެވުނު ކަމަށް ދައްކާ މައިގަނޑު ސަބަބަކީ، މި އަހަރުގެ ބަޖެޓުގައި ރޭވި ގޮތަށް ކެޕިޓަލް ހަރަދުތައް ކުރުން މަޑުޖައްސާލާފައި އޮތުމެވެ. އަހަރުގެ މިހާތަނަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 3.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާއިރު، މިދިޔަ އަހަރު ހަމަ މި މުއްދަތުގެ ތެރޭގައި އަށް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އެވެ.

ކެޕިޓަލް ބަޖެޓުން ހަރަދު ނުކުރި ނަމަވެސް ސަރުކާރުން ބުނަނީ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ގިނަ ރަށްރަށުގެ މީހުން ބުނަނީ އެ ރަށްރަށުގައި ފަށާފައި ހުރި ގިނަ މަޝްރޫއުތަކުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށެވެ

ބަޖެޓުން ހަރަދު ނުކޮށް، ސަރުކާރުން ވަނީ ޕްރޮޖެކްޓުތައް ހަވާލުކުރާ ގޮތް ވެސް ބަދަލުކޮށްފަ އެވެ. މިހާރު ސަރުކާރުން ގިނަ މަޝްރޫއުތައް ހަވާލުކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މިއީ ބަޖެޓުން ހަރަދުނުކޮށް، މަޝްރޫއުތައް ހިންގުމުގެ މާލީ ބުރަ އެ ކުންފުނިތަކުން އުފުލާ ގޮތަށް ހަވާލުކުރާ މަޝްރޫއުތަކެކެވެ.

ކެޕިޓަލް ހަރަދުތަކާ އެކުއެކީ ބައެއް ރިކަރަންޓު ހަރަދުތައް ކުޑަކުރެވުނު ނަމަވެސް، މުސާރަ އާއި އެލަވަންސްތަކަށް ކުރާ ހަރަދު ވަނީ ކުރީ އަހަރަށް ވުރެ ބައި ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މި ވަރުގެ އިތުރުވުމެއް އައިއިރު، މި އަހަރުގެ ތެރޭގައި ބޮޑުކުރަން ބުނި އެއްވެސް މުސާރައެއް ވެސް ބޮޑުނުކުރެ އެވެ. އަދި ބަޖެޓު ކުރި ގޮތަށް ޕޭ ހާމަނައިޒޭޝަން މަސައްކަތް ވެސް ކުރިއަށްދާ ކަމެއް ނޭނގެ އެވެ.

ސަރުކާރުގެ ބަޖެޓު ކުރުން ގޯސްކަމުން، މި އަހަރު ދަރަނި ދައްކަން ބަޖެޓު ކުރި އަދަދު ހުސްވެ، މިހާރު ހަރަދުކުރަމުން ދަނީ ބަޖެޓަށް ވުރެ މަތިންނެވެ. އެ ގޮތުން މިދިޔަ ހަފުތާގެ ނިޔަލަށް ދަރަނި ދައްކަން 4.3 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި އަހަރަށް ބަޖެޓު ކުރީ 3.8 ބިލިއަން ރުފިޔާ އެވެ. ފިނޭންސުން ބުނީ މި އިތުރުވުމަކީ ކުރިން ނަގާފައި ހުރި ލޯނުތަކަށް އިންޓްރެސްޓަށް ކުރި ހަރަދު އިތުރުވުން ކަމަށެވެ.

މި އަހަރު އާމްދަނީގެ ގޮތުގައި 27.3 ބިލިއަން ރުފިޔާ ލިބުނުއިރު، ހަރަދުކުރީ 26.2 ބިލިއަން ރުފިޔާ އެވެ. އެންމެ ފަހު ހަފުތާ ނިމުނުއިރު ބަޖެޓު ވަނީ 741.2 މިލިއަން ރުފިޔާ ސާޕްލަސްވެފަ އެވެ.

މުހިއްމު ބައެއް ހަބަރު