22 ނޮވެންބަރު 2024 - 01:10 0
އަތޫފް އާތިފް
ދިވެހި ޔޫތު ލީގުގައި ޓީސީ އާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް
22 ނޮވެންބަރު 2024 - 01:10 0
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ސޮކާ މޭޓްސް (އެމްއެސްއެމް) ގުޅިގެން ބާއްވާ ދިވެހި ޔޫތު ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މޮޅަކުން މުބާރާތް ފަށައިފި އެވެ.
ތިން އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުރިއަށް ގޮސްފައިވަނީ 12 އަހަރުން ދަށް އަދި 14 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކެވެ.
ފުރަތަމަ މެޗުގައި 12 އަހަރުން ދަށުގެ ކެޓަގަރީގައި, ޓީސީން ނުކުތީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށެވެ. މި މެޗު ޓީސީން ކާމިޔާބުކުރީ 7-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޓީސީގެ ލަނޑުތައް އެ ޓީމަށް ޖަހާދިނީ ޔޫދް މުހައްމަދު ހުސާމް, އައިޒާން ސޮފްވާން, އާދް އަލީ, އަލްވިން އަރުޝަދު, ޔަމަކް ނަޝީދު އަދި ޔޫސުފް ކައިލް އިސްމާއިލް އެވެ. މީގެ ތެރެއިން އަލްވާމް ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފަ އެވެ.
މީގެ އިތުރުން 14 އަހަރުން ދަށުގެ ކެޓަގަރީގައި ޓީސީން ޔޫވީގެ މައްޗަށް ކުރިހޯދީ 6-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޓީސީގެ ގޯލުތައް ޖަހާދިނީ އިލްހާމް އިބްރާހީމް, މީކާ ހަލީމް, މާހިލް މުހައްމަދު އަދި ޝާދިން ރައްޒާގު އެވެ. މީގެ ތެރެއިން އިލްހާމް ވަނީ ދެ ގޯލު ޖަހާދީފަ އެވެ.
ދިވެހި ޔޫތު ލީގުގައި ވިކްޓަރީ އާއި ވެލެންސިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: މުހައްމަދު އަހުނަފް / އަދަދު ސްޕޯޓްސް
މީގެ އިތުރުން މިރޭ 12 އަހަރުން ދަށުގެ ކެޓަގަރީގައި ކްލަބް ވެލެންސިއާގެ މައްޗަށް ވިކްޓަރީން ކުރިހޯދީ 2-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ވިކްޓަރީ އަށް ގޯލްތައް ޖަހާދިނީ މުހައްމަދު އާލިން އުބައިދުالله އަދި އަހުމަދު ލަސާން އިސްމާއިލް އެވެ.
މިރޭގެ ފަހު މެޗުގައި 14 އަހަރުން ދަށުގައި ވިކްޓަރީން ވެލެންސިއާގެ މައްޗަށް ކުރިހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވިކްޓަރީގެ ގޯލުތައް އެ ޓީމަށް ޖަހާދިނީ ޔޫސުފް ލުގްމާން ނަސީމް, މޫސާ މިކިއާލް ޝަކީބް އަދި އަހުމަދު ޒަޔާން އެވެ. މީގެ ތެރެއިން މިކިއާލް ވަނީ ތިން ގޯލް ޖަހާ ހެޓްރިކް ހަދާފަ އެވެ. ވެލެންސިއާގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހާދިނީ, ރާއިޝް ރަމީޒެވެ.
މި މުބާރާތުގެ ހުރިހާ މެޗެއް "އަދަދު ސްޕޯޓްސް"ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަގުތުން ސްޓްރީމްކުރާނެ އެވެ.
Comment