Advertisement

އަސްކަރީ ގުޅުން ވަރުގަދަ ކުރަން ޕާކިސްތާނާއެކު މަޝްވަރާކޮށްފި

ޑިފެންސް މިނިސްޓަރު، ގައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އާއެކު: މި ބައްދަލުވުން ކުރިއަށް ދިޔައީ ޕާކިސްތާނުގެ ކަރާޗީގައި -- ފޮޓޯ: ޑިފެންސް މިނިސްޓަރީ


އަސްކަރީ ގުޅުން ވަރުގަދަ ކުރަން ޕާކިސްތާނާއެކު މަޝްވަރާކޮށްފި

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް ސައީދު އާސިިމް މުނީރު އާ ބައްދަލު ކުރައްވައި އެ ގައުމާއެކު އަސްކަރީ ގުޅުން ވަރުގަދަކޮށް ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓަރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މި ބައްދަލުވުން ކުރިއަށް ދިޔައީ އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ސެމިނާސް (އައިޑިއާސް 2024) ގެ ހަވާސާގައި ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެ އެވެ.

ޕާކިސްތާނުގެ ކަރާޗީގައި މިހާރު ކުރިއަށް ދާ އައިޑިއާސް އަކީ އެ ގައުމުގެ ކުރީގެ ރައީސް ޕަރްވޭޒް މުޝައްރަފުގެ ވެރިކަމުން ފެށިގެން އެ ގައުމުގައި ބާއްވަމުން އަންނަ ސެމިނާރެކެވެ.

ޕާކިސްތާނު އަސްކަރިއްޔާގެ ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަ ކުރުމުގެ މަގުސަދުގައި ބާއްވަމުން އަންނަ އައިޑިއާސް ގައި މި އަހަރު 55 ގައުމަކުން ބައިވެރިވެ އެވެ. އޭގެ ތެރޭގައި ރަޝިޔާ، ޗައިނާ އަދި އެމެރިކާ ފަދަ ގައުމުތައް ވެސް ހިމެނެ އެވެ.