Advertisement

އެމްއެންޑީއެފް ބަލިކޮށް އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހަށް

18 ނޮވެންބަރު 2024 - 10:16 0

އަތޫފް އާތިފް

އަތޫފް އާތިފް


އެމްއެންޑީއެފް ބަލިކޮށް އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ޕޮލިހަށް

18 ނޮވެންބަރު 2024 - 10:16 0

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ, އޮފީސް/ ކޮމްޕެނީ ވޮލީބޯލް ޗެލެންޖް ކަޕުގެ ފައިނަލުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މައްޗަށް ކުރިހޯދާ މޯލްޑިވްސް ޕޮލިސް ސާވިސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މި މުބާރާތުގެ ގަވައިދުގައިވާ ގޮތުން މުބާރާތުގައި ކުޅުމުގެ ފުރުސަތު ލިބެނީ އޮފީސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އަދި ގައުމީ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް މުބާރާތުގައި ކުޅުމުގެ ފުރުސަތު ނުލިބޭނެ އެވެ.

އެހެންވެ, މި މުބާރާތައް މި ދެ ޓީމު ނުކުތްއިރު, ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔަ އެވެ. އެ ގޮތުން އެމްއެންޑީއެފް ޓީމުން ބޮޑަށް ފެނިގެންދިޔައީ ކުރީގެ ވޮލީ ތަރިންނެވެ. އަނެއްކޮޅުން، ޕޮލިސް ޓީމުގައި ތިބީ ގިނައިން ޒުވާން ކުޅުންތެރިންނެވެ.

ހުޅުމާލެ ޕާކް ވޮލީ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗު ޕޮލިހުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ, 23-25, 25-22, 25-08 އަދި 27-25 އިންނެވެ.

ބޯ ވިއްސާރައިގައި މި މެޗުގެ ބޮޑުބައި ކުޅުނުއިރު, މެޗުގެ ފުރަތަމަ ސެޓު ފަށައިގެން އެމްއެންޑީއެފް އިން ނެގި ލީޑު އެ ޓީމުން ވަނީ ސެޓު ނިމެންދެން ދަމަހައްޓައިފަ އެވެ. މި ސެޓުގައި ޕޮލިހުގެ ކޯޗު ފައްލޯ އަށް ރަތް ކާޑު ދެއްކުމުން އެ ޓީމަށް ޕޮއިންޓެއް ގެއްލުނެވެ. މި ސެޓު އެމްއެންޑީއެފް އިން ކާމިޔާބުކުރީ 23-25 އިންނެވެ.

ޖެހިގެން އައި ދެވަނަ ސެޓު ފަށައިގެންވެސް އެމްއެންޑީއެފް އިން ވަނީ ލީޑުގައި ސެޓުގެ ބޮޑުބައި ކުޅެފަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ޕޮލިހުގެ ޝާމިލް މުހައްމަދު އާއި ޝަންވީލްގެ ބާރު ހަމަލާތަކެއް ފެނިގެންދިޔައިރު, ޕޮލިހުން ވަނީ ފަހު ފަސް ޕޮއިންޓަށް ގޮސްފައިވަނިކޮށް ލީޑު ނަގާފަ އެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-22 އިންނެވެ.

ތިންވަނަ ސެޓުގައި ސިފައިންގެ ޓީމު ފެނިގެންދިޔައީ އާދައިގެ ގޮތަކަށެވެ. އެ ގޮތުން އެ ޓީމަށް ޕޮލިހުގެ ހަމަލާތައް ރިސީވް ނުކުރެވުނުއިރު, މި ސެޓުގައި އެމްއެންޑީއެފް ކުޅުންތެރިންގެ އަމިއްލަ ގޯސްތަކުންވެސް ގިނަ ޕޮއިންޓްތަކެއް އެޓީމަށް ގެއްލުނެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-08 އިންނެވެ.

މެޗުގެ އެންމެ ފޯރިގަދަކޮށް ފެނިގެންދިޔައީ ފަހު ސެޓެވެ. މި ސެޓު ފަށައިގެން އެމްއެންޑީއެފް އިން ލީޑުކޮށްގެން ކުޅުނުއިރު, މި ސެޓުވެސް ބަދަލުކޮށްލީ ޝާމިލް ސެޓުގެ ފަހުކޮޅު ތަފާތު ދައްކައިގެންނެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 25-27 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުުޅުންތެރިއަކީ އަދި މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ ޝާމިލް އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިސް ކްލަބްގެ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ، ޕޮލިހުގެ ޝާމިލް، މުހައްމަދު ހަމްދޫން، މައުޒޫން ނިޔާޒް، އަހުމަދު އިލްހާމް އަލީ، އެމްއެންޑީއެފްގެ ޖުނައިދު އަބްދުﷲ، މުހައްމަދު މުނީފް އަދި އެމްއޯއެސްގެ މުހައްމަދު ފައިސަލް އެވެ.