17 ނޮވެންބަރު 2024 - 10:02 0
ސާއިފް ޝިޔާދު
އާޓްވޯކް: އިސްމާއިލް އިމްދާދް / އަދަދު
17 ނޮވެންބަރު 2024 - 10:02 0
"ސިއްރު" މި ބަސް އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރިޔާސީ ކެމްޕޭނުގައި އެމަނިކުފާނުގެ އަތްމަތީ ބަހެކެވެ. ކޮންމެ ރަށަކަށް ވަޑައިގަތަސް, ކޮންމެ މާލަމެއްގައި ވާހަކަ ދެއްކެވިޔަސް އޭރު އޮތް ސަރުކާރުގެ ސިއްރު ސިޔާސަތުގެ ވާހަކަ ދެއްކެވި އެވެ.
މުޅި ރިޔާސީ ކެމްޕޭނުގައި ގެންގުޅުއްވި ސިޔާސީ ބަސްމަގުގައި އޭރު އޮތް ސަރުކާރުން ދިވެހިންނަށް ވަންހަނާ ކޮށްގެން ވަރަށް ގިނަ ކަންކަން ކުރެއްވި ކަމަށް ތުހުމަތު ކުރެއްވި އެވެ. ރިޔާސީ މައިގަނޑު ވައުދުތައް ބިނާވީ އެ ކަންކަން ހާމަކުރުމުގެ މައްޗަށެވެ. އިންޑިއާގެ އެގްރީމެންޓުތަކެވެ. ޗާގޯސްއަށް ފޮނުވާފައި އޮތް ސިޓީއަށެވެ.
އޭރު ތުހުމަތުތައް އަމާޒު ކުރެއްވި ސިއްރު އެގްރީމެންޓުތަކާއި, ސިއްރު އެއްބަސްވުންތަކާއި, ސިއްރު ޑީލުތައް ހާމަކުރުމުގެ ވައުދަކީ އެމަނިކުފާނު ދިވެހި ރައްޔިތުންނާ ވެވަޑައިގެންނެވި އެންމެ ބޮޑު އަހުދެވެ. ވެރިކަމަށް އަހަރެއްވާން ދާއިރު އެ އަހުދާއި ވައުދުގެ މަތިން ރައީސް އާއި ސަރުކާރުގެ ހަނދާނެއް ނެތެވެ.
މިއީ ފަހުގެ ތާރީހެއްގައި ރާއްޖެ ދުށް އެންމެ ސިއްރު ސަރުކާރެވެ. ފާއިތުވި 365 ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކާއި, ބޭއްވި އަޑުއެހުންތަކާއި, އެ އަޑުއެހުންތަކަށް ސަރުކާރުން ދިން އަހަންމިއްޔަތުކަމާއި, މައުލޫމާތު ހާމަކުރި މިންވަރުން ސަރުކާރުގެ ވަންހަނާ ސިޔާސަތު ވަރަށް ސާފެވެ.
ތަކުރާރުކޮށް ކެމްޕޭނުގައި ރައީސް ދެއްވި ޔަގީންކަމަކީ ދިވެހި ރައްޔިތުންނަށް އެއްވެސް ކަމެއް ނުފޮރުވާނެ ކަމުގެ ޔަގީންކަމެވެ. ރައްޔިތުންނާ ހަމައަށް މީޑިއާތައް މެދުވެރިކޮށް މައުލޫމާތު ގެންގޮސްދޭން ތިބޭ ބަޔަކީ ނޫސްވެރިންނެވެ. ނޫސްވެރިންނަށް ފަސޭހައިން މައުލޫމާތު ހޯދޭނެ ގޮތަށް ސަރުކާރުގެ ކަންކަން ރާވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު އޮތީ ދެއްވައިފަ އެވެ.
"އަޅުގަނޑު ގާއިމުކުރާ ކެބިނެޓް, ނޫނީ ކުންފުނިތަކުގެ ވެރިން ފޮރުވަން ޖެހޭ ކަމެއް ނޯންނާނެ. ޖަވާބު ނުދެވޭ ސުވާލެއް އޮވެގެން ނުވާނެ. އަޅުގަނޑާއި ގައިމު ވެސް ނުކުރެވޭނެ އަޅުގަނޑަށް ޖަވާބު ނުދެވޭނެ ސުވާލެއް. އެގޮތް ވާން ބޭނުމީ މުޅި ސަރުކާރުގެ ހުރިހާ ދިމާއެއްގައި ވެސް. އެހެންވީމާ ނިޒާމު ގާއިމުކޮށްދޭނަން," ސެޕްޓެމްބަރު 16, 2023، ގައި އޭރު ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ވިދާޅުވި އެވެ.
އިންތިހާބު ކާމިޔާބުކޮށް ވެރިކަމުގެ ހުވާ ކުރައްވައި އެ ނިޒާމު ގާއިމުކުރުމަށް އަހަރެއް ރައީސަށް ލިބިވަޑައިގަންނަވައިފި އެވެ. ނަމަވެސް, އެމަނިކުފާނުގެ އަމަލުތައް ހުރި ގޮތުން ސުވާލެއް އަމާޒު ނުވާ ނަމަ ޖަވާބު ދެއްވަން ޖެހިވަޑައިނުގަންނަވާނެކަން ސާފެވެ. އެހެންވެ, ސުވާލެއް ކުރުމުގެ ފުރުސަތު ވެސް ނުދެއްވަނީ އެވެ.
"އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލޫމާތު ހިއްސާ ކުރާނެ. ތިޔަބޭފުޅުން މިސާލަކަށް، އެކަހަލަ ހާލަތެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ. އަޅުގަނޑަށް ޔަގީން [އެފަދަ ހާލަތެއް] ދިމައެއްނުވާނެ،" ޑިސެމްބަރު 5، 2023، ގައި ރައީސް ވިދާޅުވި އެވެ.
މިއީ އެންމެފަހުން ނޫސްވެރިންގެ ބައްދަލުވުމަކުން ނޫސްވެރިންނާ ރައީސްއާ ބައްދަލުވި ފަހަރެވެ. އޭގެ ފަހުން 348 ދުވަސް ހޭދަވެގެންދިޔައިރު ރައްޔިތުންގެ ގިނަ ސުވާލުތަކެއް އެބަ ހުއްޓެވެ. އެ ސުވާލުތައް ކުރަން އުފެއްދި "ރައީސްގެ ޖަވާބު" ޕޯޓަލްއިން ޖަވާބެއް ނުލިބެ އެވެ. ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުސަތު ނޫސްވެރިންނަކަށް ވެސް މިއަދު ނެތެވެ.
""ތިޔަބޭފުޅުން އާރުޓީއައިއަށް ލާންޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއްނުވޭ ދާންޖެހޭނެހެނެއް އިނގޭތޯ. ހުރިހާ މައުލޫމާތެއް ލިބެމުންދާނެ. އެއްވެސް ކަމެއްގައި ހިފެހެއްޓުމެއް ނާންނާނެ," މިއީ ހަމަ 348 ދުވަސް ކުރިން ރައީސް މުއިއްޒު ރިޔާސީ ޕޯޑިއަމެއްގައި ވިދާޅުވި ވާހަކައެކެވެ.
ރައީސް އެހެން ވިދާޅުވި ނަމަވެސް އެގޮތަށް އަމަލެއް ނުކުރައްވަ އެވެ. އާރުޓީއައި ލައި ނޫސްވެރިން ވަރުބަލިވާއިރު ވެސް ޖަވާބެއް ނުލިބެ އެވެ. މައުލޫމާތަކީ ތަދު އެއްޗަކަށްވެއްޖެ އެވެ. މައުލޫމަތުގައި ހިފެހެއްޓުން އޮތް މިންވަރު މިދިޔަ އެއް އަހަރު ސަރުކާރުން ސިއްރުކުރި ކަންކަމަށް ބަލައިލުމުން ވަރަށް ސާފެވެ.
މަތީގައި އޮތް ލިސްޓުގައި ދައުލަތުގެ މާލީ ހިސާބުކިތާބު ފޮރުވުމުގެ ވާހަކަ ނުހިމެނީ އެކަމުގެ ހައްސާސްކަން ބޮޑުވުމުންނެވެ. ރައްޔިތުން ދައްކާ ޓެކްސް ފައިސާ ހަރަދު ކުރާ ގޮތުގެ ތަފްސީލުތައް ގަވާއިދުން ފިނޭންސް މިނިސްޓްރީން ދިޔައީ ޝާއިއުކުރަމުންނެވެ.
ނަމަވެސް, ކުއްލިއަކަށް ޖޫން 20, 2024، ގައި ރިޕޯޓުތައް ޝާއިއުކުރުން ސަރުކާރުން ހުއްޓާލި އެވެ. އޭގެ ސަބަބެއް ހާމަނުކުރެ އެވެ. އެކަމާ ބައިނަލްއަގުވާމީ އިދާރާތަކާއި އާންމު ރައްޔިތުންނާއި އިދިކޮޅު ޕާޓީތަކުން ގިނަ ކަންބޮޑުވުންތަކެއް ފާޅުކުރި އެވެ.
"ޖޫން މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ރިކޮންސިލިއޭޝަން މަސައްކަތްތަކުގެ ސަބަބުން ކަމާ ބެހޭ ފަރާތްތަކުން ފިސްކަލް ސްޓެޓިސްޓިކްސް އާންމުކޮށްފައި ނުވާތީ، މުޅި އިގުތިސޯދީ ހާލަތުގެ ދެފުށް ފެންނަ ކަމާ ގުޅޭ ކަންބޮޑުވުންތަކެއް އުފެދިފައިވޭ," ވޯލްޑް ބޭންކުން ނެރުނު "މޯލްޑިވްސް ޑިވެލޮޕްމަންޓު އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް" ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުތައް ޝާއިއުކުރުން ހުއްޓާލާފައި އޮތް ދަނޑިވަޅުގައި ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިން ވެސް ދަށްކުރި އެވެ. އިންވެސްޓަރުންގެ އިތުބާރު މުޅި ގައުމަށް އެއާއެކު މިއޮތީ ގެއްލިފަ އެވެ.
ސަރުކާރުން އެ ހިސާބުތައް ހާމަކުރީ 130 ދުވަސް ފަހުންނެވެ. އޮކްޓޯބަރު 29, ގައި ހިސާބުތައް ހާމަކުރިއިރު ބައެއް ބަދަލުތައް ގެނެސްފައި ހުރި ކަމުގެ ތުހުމަތުތަކެއް ވެސް އެބައޮތެވެ. ދައުލަތުގެ ވިކުރާގެ ސައްހަކަމާ މެދު ސަރުކާރުގެ ވަންހަނާ ސިޔާސަތުގެ ސަބަބުން ސުވާލު އުފެދިއްޖެ އެވެ.
ދެން އޮތީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓުގެ ވާހަކަ އެވެ. މަޖިލީހަށް ބަޖެޓު ހުށަހެޅައި ބަޖެޓު ބަހުސް ފަށަން ވަގުތު ކުޑަތަންވިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވެސް ބަޖެޓު ފޮތެއް ނުލިބެ އެވެ. ތަފްސީލެއް ނޭނގެ އެވެ. ބަޖެޓުގެ ނަންބަރުތައް ހުރީ ސިއްރުކޮށްފަ އެވެ.
"ބަޖެޓުގެ މުހިންމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައި. މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް. ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ބަޖެޓުންވެސް ފެނޭ. މަޝްރޫއުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތް. ރައްޔިތުންގެ އުންމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ނެތް," އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ބަޖެޓާ ގުޅޭގޮތުން ވިދާޅުވި އެވެ.
ބަޖެޓު ބަހުސް ކުރިއަށްދާއިރު މިވަގުތު ވެސް އޮތް އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށަށް ބަޖެޓުން ކޮށްދެނީ ކޮން ކަންތައްތަކެއްކަން ނޭނގުމެވެ. މިއީ ފަހުގެ ތާރީހެއްގައި ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް ނުހިމަނައި ސަރުކާރަކުން ފޮނުވި ފުރަތަމަ ބަޖެޓެވެ. ބަޖެޓުން ހޭދަކުރާ ގޮތަކީ މިއަދު ރައީސް އޮފީހުން ނިންމާ ގޮތަކަށްވެ ނިމިއްޖެ އެވެ.
~
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޝާއިއުކޮށްފައިވާ 2024 ގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓުން އެނގޭ ގޮތުގައި މަހެއްގެ މައްޗަށް އެވްރެޖުކޮށް އެ އޮފީހަށް 35.67 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. މިދިޔަ އަހަރު އެ އަދަދު ހުރީ 29 ގަ އެވެ.
މިއަހަރު ރެޖިސްޓްރީ ކުރި 214 މައްސަލައިގެ ތެރެއިން 191 މައްސަލައަކީ އެއްވެސް މައުލޫމާތެއް ނުދީގެން ހުށަހަޅާފައިވާ މައްސަލަތަކެވެ. އެއީ 89 ޕަސެންޓް މައްސަލަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނަ މައްސަލަ ރައްދުވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ދައުލަތުގެ އެންމެ މަތިން ފެށިގެން އެންމެ ތިރިއާ ހަމައަށް މިވަގުތު އަމަލުކުރަމުންދަނީ ވަންހަނާ ސިޔާސަތުތަކެއްގެ މައްޗަށްކަން މި މައުލޫމާތުތަކުން ވަރަށް ސާފެވެ. ރައްޔިތުންގެ ހާދިމުންގެ ގޮތުގައި އިންތިހާބު ކުރާ މީހުންނަކީ މައުލޫމާތަށް ހުރަސް އަޅައިގެން ވާނެ ބައެއް ނޫނެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ހާމަކަން ބޮޑު ސާފު ސަރުކާރެއް އެކުލަވާލުމަށް ވެވަޑައިގެންނެވި ވައުދަކީ އެއްވެސް އަގެއް ނެތް ވައުދަކަށް މިއަދުވެއްޖެ އެވެ.
Comment