Advertisement

ގޯތި ވައްކަން: މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް ރައީސްގެ އިންޒާރެއް

މިއަހަރު ބޭއްވި އދ. އާންމު އަހަރީ ޖަލްސާގައި ބައިވެރިވެޑައިގަތުމަށް ރައީސް މުއިއްޒު ފުރުއްވަން އެއާޕޯޓަށް ވަޑައިގެން މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ ވެރިންނާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ގޯތި ވައްކަން: މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނަށް ރައީސްގެ އިންޒާރެއް

ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތައް އެޗުޑީސީގެ އެތެރޭގައި ފުނިޖެހި، ބޭރުވާން ފެށުމާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޒާރެއް ދެއްވައިފި އެވެ.

މި އިންޒާރު ދެއްވީ ބިންވެރިޔާ ސްކީމުގައި ނެތް ބިންތަކެއް ބަޔަކަށް ދޫކޮށްފައިވާ މައްސަލަ ފަޅައި އަރުވައިލުމާއި، އެޗްޑީސީގެ އެތެރޭގައި ހުރި މައްސަލަތައް އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރު ރައީސް މުއިއްޒުގެ ސަމާލު ކަމަށް މީގެ ފަސް މަސް ކުރިން ގެނެސްފައިވާ ސިޓީ އަދަދު ނޫހުން ހާމަކޮށްފައި ވަނިކޮށެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވީ ހިޔާނާތުގެ މައްސަލަތަކަށް ލޯމަރާލައިގެން ނުހުންނަވާނެ ކަމަށެވެ.

"އެއްވެސް ބޭފުޅަކު ގަވާއިދާ ހިލާފަށް ނުވަތަ އުސޫލާ ހިލާފަށް އެއްވެސް ކަމެއް އެއްވެސް މީހަކަށް ކޮށްދީފި ނަމަ ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ ނުވަތަ ހިންގަން ފުރުސަތު ދީފި ނަމަ ނުވަތަ އެއްވެސް މީހަކަށް ބޭއިންސާފުން ކަމެއް މަގުފަހި ކޮށްދީފި ނަމަ ނުވަތަ މިފަދަ އެއްވެސް މައުލޫމާތެއް އަޅުގަނޑަށް ލިބިއްޖެ ނަމަ އަޅުގަނޑު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ދަންނަވަން،" ވަޓްސްއެޕް ގްރޫޕުގައި ރައީސް މުއިއްޒު ވިދާޅުވި މެސެޖު ކަމަށް ބުނެ މިހާރު ނޫހުގައި ޝާއިއުކޮށްފައިވެ އެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވެފައި ވަނީ "ކޮރަޕްޝަން ޓޮލަރޭޓެއް ނުކުރާނަން" ކަމަށާއި "ޒީރޯ ޓޮލަރަންސް ހަގީގީ މާނައިގައި ތަންފީޒު ކުރާނެ ވާހަކަ ދަންނަވަން" ކަމަށެވެ.

މި މެސެޖަކީ ސައްހަ މެސެޖެއް ކަން ސަރުކާރުގެ ކުންފުންޏެއް ހިންގަވާ ވެރިޔަކު އަދަދު ނޫހަށް ވެސް ކަށަވަރުކޮށް ދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސް އިންޒާރު ދެއްވީ ހުޅުމާލޭން މެންބަރުންނަށް ނުއަގުގައި ގޯތިތަކެއް ވިއްކި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެންނެވެ.

ޕީއެންސީގެ މަޖިލީހުގެ މެންބަރަކު އަދަދު ނޫހަށް ވިދާޅުވީ، އެއްވެސް މެންބަރަކު ބީލަމަކާ ނުލައި، އަދި ނުއަގުގައި ބިން ގަނެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ރައީސް މުއިއްޒު ވަޓްސްއެޕް ގުރޫޕްގައި ލިޔުއްވި ކަމަށެވެ.

ވަގު ގޯތިތައް ވިއްކި މައްސަލައިގެ ތަހުގީގު ފުލުހުންނާއި އޭސީސީން ކުރިއަށް ގެންދާއިރު، އެ މައްސަލައިގައި ޖިނާއީ ތުހުމަތެއް އެއްވެސް މީހަކަށް އަދި ނުކުރެ އެވެ.

މައްސަލަ ފެންމަތިވުމުން އެޗްޑީސީގެ ޗެއާމަން ފިޔަވައި ބޯޑުގެ އެންމެން އަދި ސީނިއާ ފަސް މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ނެތް ބިމެއް، ދޫކުރީ އެޗްޑީސީގެ ޗެއާމަން އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުއަށެވެ. އެ ގޯތީގެ މައްސަލަ ޖެހިފައިވާކަން ކުރިން އެނގޭއިރު، އެތަނުގެ އިންފާރު ވެސް މިހާރު ހުރީ ރާނައިފަ އެވެ.

ފަސީލްއާ ސުވާލުކުރުމަށް ފަހު ފުލުހުން ބުނެފައި ވަނީ، އޭނާ އަށް ބިންވެރިޔާ ސްކީމުގެ ލިޔުންތައް ދިނީ ކުރީގެ ސަރުކާރުން ކަމަށެވެ. ނަމަވެސް އެ ލިޔުންތަކުގެ ސައްހަކަން ފުލުހުން އަދި ކަށަވަރެއް ނުކުރެ އެވެ.

އެމްޑަބްލިޔޫއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒީލް ވަނީ އެ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.