Advertisement

އެންމެ ވާދަވެރިކޮށް ދިޔަ ކެޓަގަރީން ޝައިމް އަށް އެއް ވަނަ

16 ނޮވެންބަރު 2024 - 11:32 0


އެންމެ ވާދަވެރިކޮށް ދިޔަ ކެޓަގަރީން ޝައިމް އަށް އެއް ވަނަ

16 ނޮވެންބަރު 2024 - 11:32 0

އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި މި ފަހަރު އެންމެ ފޯރިގަދަކޮށް ދިޔަ، 20 އަހަރުން ދަށުގެ އަންހެން ކެޓަގަރީން އައްޑޫ ހައި ސްކޫލްގެ އައިޝަތު ޝައިމް އަޒީޒް އެއް ވަނަ ހޯދުމަކީ އޭނާ އަށް ވެސް ހައިރާންކަން ލިބުނު ކަމެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޝައިމް އަށް 20 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ލިބުނީ ލޯންގް ޖަމްޕް، ހައި ޖަމްޕް އަދި ޖެވެލިން ތުރޯ ރަން މެޑަލް ހޯދިއިރު، ހައި ޖަމްޕް އާއި ޖެވެލިން ތުރޯ އިން މީޓް ރެކޯޑް ހަދާފައިވާތީ އެވެ. ޝައިމްއާ އެންމެ ގާތުން ވާދަކުރި ޖަލާލުއްދީން ސްކޫލްގެ އަހްނާ ނިޒާރު ވަނީ، 100 މީޓަރާއި 200 މީޓަރު އަދި ޓްރިޕަލް ޖަމްޕުން ރަން މެޑަލް ހޯދައި، ދެ މީޓް ރެކޯޑް ހަދައިފަ އެވެ.

ހުރިހާ ގޮތަކުން، އަހްނާ އާއި ޝައިމް އެއްވަރުވުމާ އެކު، ދެން، ބަލާފައިވަނީ ގަވާއިދު ބުނާގޮތުން، ޕާފޯމަންސް އެވަލުއޭޝަން އަށެވެ. އެ ގޮތުން، ބަލާއިރު، ޝައިމްގެ ޖެވެލިން ތުރޯގެ މީޓް ރެކޯޑްގެ ޕާފޯމަންސް ރަނގަޅުވުމުން، އޭނާ އަށް މޮޅު އެތުލީޓުގެ މަގާމު ލިބުނީ އެވެ.

މުބާރާތަށް ފަހު "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޝައިމް ބުނީ، އޭ ލެވަލް އިމްތިހާނަށް ފަހު، މުބާރާތަށް ތައްޔާރުވާން ލިބުނީ ދެ ހަފްތާއެއްހާ މުއްދަތު ކަމަށެވެ. އެހެން ނޫންނަމަ ޕާފޯމަންސް އިތުރަށް ރަނގަޅުކޮށް، ލޯންގް ޖަމްޕް އިން ވެސް ގައުމީ ރެކޯޑެއް ހެދޭނެ ކަމުގެ އުންމީދު އޮތް ކަމަށެެވެ.

"އެކަމަކު، ބްރޭކެއް އައީމަ ދޯ، އެހެންވެ، ހިއެއްނުކުރަން މި ޓައިޓަލް ލިބޭނެ ކަމަށް. އެއްވެސް ވަރަކަށް ހިއެއް ނުކުރަން ލިބޭނެ ކަމަށް، މެޑަލް ވެސް ހުރީ ޖީބަށް އަޅައިގެން، ބިބް ނަމްބަރު ކީމަ ރިއަލައިޒްވީ، ވަރަށް ހިތްހަމަޖެހޭ އުންމީދު ކުރަން ކުރިއަށް އޮތްތާގައި ވެސް ނެޝަނަލް ލެވަލްގައި ވެސް އިންޓަނޭޝަނަލް ލެވަލްގައި ވެސް ޕާފޯމް ކުރަން ލިބޭނެ ކަމަށް،" މީގެ ކުރިން، މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މޮޅު އެތުލީޓުގެ މަގާމު ވެސް ހޯދި ޝައިމް ބުންޏެވެ.

ކުރިން މެޑަލެއް ނުލިބުނު އަބްސަލް މި ފަހަރު މެޑަލާ އެކު ހޯދީ މޮޅު އެތުލީޓުގެ ޓްރޮފީ

ގާތްގާތުގައި ދެ މުބާރާތުގައި ވާދަކުރަން ޖެހުމުން، ތައްޔާރީތަކަށް އަސަރުކުރި ގިނަ އެތުލީޓުން މި ފަހަރުގެ އިންޓަ ސްކޫލް މުބާރާތުގައި ފެނުނެވެ. އެކަމަކު، 20 އަހަރުން ދަށުގެ ކެޓަގަރީން އެންމެ މޮޅު އެތުލީޓުގެ މަގާމު ހޯދި އައްޑޫ ހައި ސްކޫލްގެ އަހުމަދު އަބްސަލް މުހައްމަދު ޖަލީލް މި ވަނީ ޖެހިޖެހިގެން ދެ މުބާރާތުގައި މޮޅު އެތުލީޓުގެ މަގާމު ހޯދައިފަ އެވެ.

މި ފަހަރުގެ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގައި ވެސް އަބްސަލް ވަނީ މޮޅު އެތުލީޓުގެ ޓްރޮފީ ހާސިލްކޮށްފަ އެވެ.

އިންޓަ ސްކޫލްގައި އަބްސަލް ވަނީ މި ފަހަރުގެ 100 މީޓަރު އާއި 200 މީޓަރު ރޭހުން ރަން މެޑަލް ހޯދައި، 200 މީޓަރު ދުވުމުން މީޓް ރެކޯޑެއް ހާސިލްކޮށްފަ އެވެ.

"ހަމަ ރަށުގައި ޕްރެކްޓިސް ކުރީ، މި ފަހަރު ލިބޭނެ ކަމެއް ނޭނގޭ، ހަފްތާ އަކު ސިކްސް، ޔޫޝުއަލީ ސިކްސް ފަހަރު ހަފްތާ އަކު ޓްރެއިން ކުރާނީ. ވަރަށް އުފާވޭ ލިބުނީމަ، ވަރަށް ބޮޑަށް ހިތްހަމަޖެހޭ މިދިޔަ އަހަރު މެޑަލެއް ނުއެއް ލިބޭ މުބާރާތުގައެއް، މި އަހަރު ލިބުނީމަ ވަރަށް އުފާވޭ،" އަބްސަލް ބުންޏެވެ.

ރައްޔާން ޓާގެޓް ހާސިލްކުރީ އިތުބާރާ އެކު

މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕަށް ފަހު، މި ފަހަރުގެ އިންޓަ ސްކޫލް މުބާރާތާ ދެމެދު މާ ދިގު މުއްދަތެއް ނެތް ކަމުގައި ވިޔަސް، ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހުނަފް ރައްޔާން ފަހުމީ ހުރި އަޒުމެއްގަ އެވެ.

ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގެ ތަރި، އިބާދުﷲ އާދަމް އާއި ރައުހަތު ސްޕޯޓްސް އެކެޑަމީގެ އެހީތެރިކަމާ އެކު، ދުވުމުގެ ކެރިއަރުގައި ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން އަންނަ ރައްޔާން ޓާގެޓް ހާސިލްކުރީ ޓްރެއިނިންގައި ކުރި މަސައްކަތް ރޭސްތަކުގައި ވެސް ތަކުރާރުކޮށްގެންނެވެ.

"މި ފަހަރު އިންޓަ ސްކޫލްގައި ބައިވެރިވާން ވެގެން އެހެން ގިނަ ވަގުތެއް ނުލިބުނު މަކިޓާ އާ ދެމެދުގައި. އެކަމަކު، އިބާދުﷲ މެންނާ ދެން، އެންމެންގެ މޯޓިވޭޝަން ލިބި، ޓްރެއިނިން ކޮށްދީ، މޯޓިވޭޓްކޮށްދިން. އެންމެ މުހިންމު ކަމަކީ، ކޯޗުދޭ ޓްރެއިނިން، ޓްރެއިނިން ރަނގަޅަށް ހެދުން، ދެން، ސްޕޯޓްސް ޑިސިޕްލިން،" ރައްޔާން ބުންޏެވެ.

މުބާރާތުގައި ރައްޔާން ވަނީ 100 މީޓަރު ރޭސް، 200 މީޓަރު ރޭސް އަދި ލޯންގް ޖަމްޕުން ރަން މެޑަލް ހޯދައިފަ އެވެ. މީގެ ތެރެއިން، 200 މީޓަރު ރޭސް ނިންމީ މީޓް ރެކޯޑަކާ އެކު އެވެ.

"މި ފަހަރު އައީ ޓާގެޓަކަށް، އަންޑަ 17 ބެސްޓް އެތުލީޓު، 200 މީޓަރު މީޓް ރެކޯޑްގެ ޓާގެޓާ އެކު، އެ ދެ ޓާގެޓް ހާސިލްވެއްޖެ،"

ފަނަރަ އަހަރުން ދަށުގެ ކެޓަގަރީން އެއް ވަނަ ހޯދި ފިރިހެން އެތުލީޓު، އިސްކަންދަރު ސްކޫލްގެ އުލްވާން އިބްރާހިމް އުމަރު ބުނެފައިވަނީ، ސާއިދު ސްޕޯޓްސް އިން ހަދަމުން އަންނަ ޓްރެއިނިންތަކުގެ ސަބަބުން އޭނާ އަށް މި ކާމިޔާބު ހޯދަން ފަސޭހަވެގެންދިޔަ ކަމަށެވެ.

އުމުރުފުރާތަކުގެ މޮޅު އެތުލީޓުން

15 އަހަރުން ދަށް

އެންމެ މޮޅު އަންހެން އެތުލީޓު: އައިމިނަތު އައުހާ އަބްދުއް ރަހްމާން (އަފީފުއްދީން ސްކޫލް)، 100 މީޓަރު، 200 މީޓަރު، ލޯންގް ޖަމްޕް ރަން މެޑަލް (100 އާއި 200 މީޓަރު މީޓް ރެކޯޑެއް)

އެންމެ މޮޅު ފިރިހެން އެތުލީޓު: އުލްވާން އިބްރާހިމް އުމަރު (އިސްކަންދަރު ސްކޫލް)، 100 މީޓަރު، 200 މީޓަރު ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑެއް)

17 އަހަރުން ދަށް

އެންމެ މޮޅު އަންހެން އެތުލީޓު: ޒީކް އަޝްރަފު ރަޝީދު (އިސްކަންދަރު ސްކޫލް)، 800 މީޓަރު، 1500 މީޓަރު ރަން މެޑަލް (800 މީޓަރު އާއި 1500 މީޓަރު މީޓް ރެކޯޑް)

އެންމެ މޮޅު ފިިރިހެން އެތުލީޓު: އަހުނަފް ރައްޔާން ފަހުމީ (ގދ. އަތޮޅު ތައުލީމީ މަރުކަޒު)، 100 މީޓަރު، 200 މީޓަރު އަދި ލޯންގް ޖަމްޕް ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑެއް)

20 އަހަރުން ދަށް:

އެންމެ މޮޅު އަންހެން އެތުލީޓު: އައިޝަތު ޝައިމް އަޒީޒް (އައްޑޫ ހައި ސްކޫލް)، ލޯންގް ޖަމްޕް، ހައި ޖަމްޕް އަދި ޖެވެލިން ތުރޯ ރަން މެޑަލް (ހައި ޖަމްޕް އާއި ޖެވެލިން ތުރޯ އިން މީޓް ރެކޯޑް)

އެންމެ މޮޅު ފިިރިހެން އެތުލީޓު: އަހުމަދު އަބްސަލް މުހައްމަދު ޖަލީލް (އައްޑޫ ހައި ސްކޫލް)، 100 މީޓަރު އާއި 200 މީޓަރު ރަން މެޑަލް (200 މީޓަރު މީޓް ރެކޯޑެއް)