Advertisement

އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް: 100 މީޓަރު ރޭސް މި ފަހަރު ވެސް އަހުނާ އަށް

12 ނޮވެންބަރު 2024 - 08:46 0

އަތޫފް އާތިފް

އަތޫފް އާތިފް


އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް: 100 މީޓަރު ރޭސް މި ފަހަރު ވެސް އަހުނާ އަށް

12 ނޮވެންބަރު 2024 - 08:46 0

މިހާރު ކުރިއަށްދާ އެމްޑަބްލިއުއެސްސީ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ ވާދަވެރި، ކެޓަގަރީ ކަމަށްވާ 20 އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުމުގެ ރަން މެޑަލް އަހުނާ ނިޒާރު ހޯދައިފި އެވެ.

މިދިޔަ އަހަރު ވެސް 20 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ރަން މެޑަލް ހޯދީ ޖަލާލުއްދީން ސްކޫލްގެ އަހުނާ އެވެ.

އިއްޔެ ކުރިއަށްދިޔަ އަންހެން 100 މީޓަރު ދުވުމުގެ ފައިނަލް ހީޓު އަހުނާ ކާމިޔާބުކުރީ 12.71 އިން ރޭސް ނިންމައިގެންނެވެ. މިއީ މި މުބާރާތުގެ މީޓް ރެކޯޑެއްވެސް މެއެވެ. އަހުނާއާ އެންމެ ކައިރިން ރޭސް ނިންމީ އައްޑޫ ހައި ސްކޫލްގެ އައިމިނަތު ޒަފާ ޒައިން އެވެ. އޭނާ ރޭސް ނިންމީ 13.10 ސިކުންތުންނެވެ. ތިންވަނަ އަށްދިޔަ އާމިނަތު ލަޔާނާ މުހައްމަދު ރޭސް ނިންމީ 13.58 ސިކުންތުންނެވެ.

އަންހެން 100 މީޓަރު ދުވުމުގެ ފައިނަލް ހީޓުގައި އެތުލީޓުން ދުވަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު


މީގެ އިތުރުން އިއްޔެ ވަނީ 100 މީޓަރު ދުވުމުގެ ފިރިހެން ފައިނަލް ހީޓުވެސް ކުރިއަށް ގޮސްފަ އެވެ.

ފިރިހެން ހީޓުން އެއް ވަނަ ހޯދީ އައްޑޫ ހައި ސްކޫލްގެ އަހުމަދު އަބްސަލް މުހައްމަދު ޖަލީލް އެވެ. އަބްސަލް ރޭސް ނިންމީ 11.25 އިންނެވެ.

ދާދި ފަހުން ކުރިއަށްދިޔަ، އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓު، އަބްސަލްއާ އެންމެ ގާތުން ރޭސް ނިންމީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިސާކް ޔައުބް ހަސަން އެވެ. އިސާކްގެ ޓައިމިން އަކީ 11.35 ސިކުންތެވެ. ތިންވަނަ އަށް ދިޔައީ ވިލާގެ އަހުމަދު ރައްޔާން އަލީ އެވެ. ރައްޔާން ހީޓު ނިންމީ 12.05 ސިކުންތުންނެވެ.

ފިރިހެން 100 މީޓަރު ދުވުމުގައި އެތުލީޓުން ދުވަނީ - ފޮޓޯ: އަތޫފް އާތިފް / އަދަދު


މިއަދުގެ އިވެންޓްތަކަށް ބަލާއިރު, އަންހެން އަދި ފިރިހެންގެ 200 މީޓަރު ދުވުންތަކުގެ ސެމީ ފައިނަލް އަދި ފައިނަލް ހީޓުތައް ކުރިއަށްދާނެ އެވެ.

މި ފަހަރުގެ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 52 ސްކޫލަކުން 1563 އެތުލީޓުން ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދަނީ ހުޅުމާލެ ސިންތަޓިކް ޓްރެކުގަ އެވެ. މި ފަހަރުގެ މުބާރާތުގެ އިވެންޓްތައް އެތުލެޓިކްސް އެސޯސިއޭޝަނުގެ ފޭސްބުކް ޕޭޖުން ލައިިވް ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ބުނެ އެވެ. ރަށްރަށުގެ ސްކޫލްތަކުން ގިނަ އެތުލީޓުން ބައިވެރިވާ މި މުބާރާތަށް އަހަރުން އަހަރަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.