12 ނޮވެންބަރު 2024 - 14:59 3
އަހުމަދު އާއިދު
މޮކްރެޓްސްގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު މުހައްމަދު ވަހީދު: ކައުންސިލަރުން ދަނީ މަހަށޭ ވިދާޅުވުމުން ރައީސް މުއިއްޒު މަގާމަށް ކުފޫ ހަމަވާ ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ މިއަދު ވިދާޅުވި --- ފޮޓޯ: އަދަދު
12 ނޮވެންބަރު 2024 - 14:59 3
ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ލޯކަލް ކައުންސިލްތަކުގެ މެންބަރުންނަށް ކުޑައިމީސްކޮށް، އެ މީހުން ދަނީ މަހަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމުން އެމަނިކުފާނު، ރައީސުލްޖުމްހުރިއްޔާގެ މަގާމަށް ކުފޫ ހަމަވާ ކަމާމެދު ސުވާލު އުފެދިފައިވާ ކަމަށް ދަ ޑިމޮކްރެޓްސްގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަހީދު ވިދާޅުވީ، ރައީސް މުއިއްޒު އެގޮތަށް ކައުންސިލަރުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރުމަކީ ދެރަ ކަމެއް ކަމަށެވެ.
"ކައުންސިލަރުން މަސައްކަތް ނުކުރެއޭ. އެކަކު ދަނީ މަހަށޭ. މިދެންނެވީ އެހާ ޑީގްރޭޑް ކޮށް. އެހާ ދެރަވަރުކޮށް ރާއްޖޭގެ އިންތިހާބީ ވަރަށް ބޮޑު އާބާދީއެއް ޑިސްކްރެޑިޓް ކޮށްފަ. ވަރަށް ބޮޑަށް ލަދުގަންނަވާލާފަ ދައުލަތުގެ އެންމެ އިސްވެރިޔާ ވާހަކަދެއްކުން އެއީ އެބޭފުޅާގެ މަގާމަށް ކުފޫ ހަމަވުމާ ދޭތެރޭ ސުވާލު އުފެދޭ ކަމެއް،" އުނގޫފާރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ވިދާޅުވި އެވެ.
ކައުންސިލަރުން މަސައްކަތް ނުކުރާ ކަމަށް ބުނެ، އެއީ ދައުލަތުން ކުރާ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކުރައްވާއިރު ރާއްޖޭގެ ކޮންމެ ރަށަކަށް 13 މީހުންގެ ރޭޓުން މި ސަރުކާރުން ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަހީދު މިއަދު އިޝާރާތް ކުރެއްވީ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި، ލޯކަލް ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް މެންބަރުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ވިދާޅު ރައީސް ދެއްކެވި ވާހަކައަށެވެ. އެމަނިކުފާނު އެ ރޭ ވިދާޅުވީ 100 އެއްހާ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފަސް ކައުންސިލަރުން ތިބޭ ކަމަށެވެ.
"100 މީހުން އުޅޭ ރަށުގައިވެސް ފަސް ކައުންސިލަރުން އެބަތިއްބޭ. ކައުންސިލްގައި ތިބެނީ ބައްޕައާއި، މަންމައާއި، ދަރިންނާ. އެކަކު ދަނީ މަހަށް.... މަސްވެރިކަން މުހިންމު ކަމެއް. އެ އެގްޒާމްޕަލަކަށް އެހެން މި ދެންނެވީ،" ރައީސް ވިދާޅުވި އެވެ.
ރަސްމީ ޖަލްސާއެއްގައި ރައީސް އެގޮތަށް ވާހަކަ ދެއްކެވުމުން އިދިކޮޅު ސިޔާސީންނާއި އާންމުންގެ ގިނަ ބަޔަކު ވެސް އެމަނިކުފާނަށް ފާޑުކިޔެވެ. އަދި، ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ރައީސް އާއި މި ސަރުކާރުން ތަކުރާރުކޮށް މަސައްކަތް ކުރާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.
Comment