7 ނޮވެންބަރު 2024 - 09:25 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން: އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމަށް ބަދަލެއް ނާންނަ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު
7 ނޮވެންބަރު 2024 - 09:25 0
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބި ތިބުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ޔާމީން ވިދާޅުވީ ރާއްޖޭގެ ސަރުކާރުން، އިންޑިއާގެ އަސްކަރިއްޔާއާ ގުޅޭ ގޮތުން ހަދަމުން ދަނީ ދޮގު ކަމަށާއި ޔުނިފޯމް ނޫން އެހެން އެއްޗެއްގައި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
"ޔުނިފޯމުގައި ނެތިއްޔާ އިންޑިއާ މިލިޓަރީ ނެތީތޯ. ޔުނިފޯމް ނޫން އެހެން އެއްޗެއްގައި ތިބޭނެ ނޫންތޯ. ސަރުކާރުން މިކަހަލަ ބޮޑެތި ކަންކަމުގައި ދޮގު އެ ހަދަނީ. އަޅުގަނޑު މުތުލަގަށް މި ދަންނަވަނީ އެ ހަދަނީ ދޮގު. އިންޑިއާގެ އަސްކަރިއްޔާ މިތަނުގައި އެބަތިބި،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އެތައް އެއްބަސްވުންތަކެއް އިންޑިއާއާ އެކު ހަދާފައިވާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެ އެއްބަސްވުންތައް ހިމާޔަތް ކުރަން ބޭނުންވާ ވަރަށް އަސްކަރިއްޔާ ރާއްޖޭގައި އެބަތިބި ކަމަށެވެ.
ޔާމީން ވިދާޅުވި ގޮތުން އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލަން ހެޔޮ ނިޔަތުގައި މަސައްކަތްތަކެއް ކުރެވުނީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ދުވަސްވަރެވެ. އެ ގޮތުން އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރު ރާއްޖެއިން ފޮނުވާލަން މަސައްކަތްތަކެއް ކުރެއްވި ކަމަށާއި އެކަމާ ގުޅިގެން އިންޑިއާ ސަރުކާރާ ދެމެދު މަޝްވަރާތަކެއް ވެސް ކުރެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް ވެރިކަމުގައި ހުންނެވައިގެން އިންޑިއާ އާއި ރާއްޖެއާ ދެމެދު އަސްކަރީ މަސައްކަތް ކުރުމަށް ފްރޭމްވޯކް އެގްރީމެންޓުތަކެއް ހެދި ކަމަށް އެމަނިކުނާފު އިއުތިރާފުވެވަޑައިގެންނެވި އެވެ. އަދި މިހާތަނަށް ވެސް އިންޑިއާއާ މެދު އެއްވެސް ހިތްހަމަޖެހުމެއް ނެތް ކަމަށާއި ހުރިހާ މައްސަލައަކީ އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ހަރަކާތްތެރިވުން ކަމަށް ޔާމީން ވިދާޅުވި އެވެ.
ޔާމީން މި ވާހަކަތައް ދެއްކެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން ފެއްޓެވި "އިންޑިއާ އައުޓް" ހަރަކާތާ ގުޅުވާ އެހި ސުވާލެއްގެ ޖަވާބުގަ އެވެ. އެ ހަރަކާތަކީ އެއްވެސް އިރެއްގައި އިންޑިއާ ސަރުކާރާ ނޫނީ އިންޑިއާ ރައްޔިތުންނާ ދެކޮޅު ހަރަކާތެއް ނޫން ކަމަށާއި، އެއީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ހަރަކާތެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
Comment