about 13 hours 0
ލީވާން އަލީ ނާސިރު
އިންޑިއާގެ މަންދޫބު (ވ)، ތާލިބާނުގެ ޑިފެންސް މިނިސްޓަރު (ކ) އާ ބައްދަލު ކުރެއްވުން -- ފޮޓޯ: އެކްސް
about 13 hours 0
އިންޑިއާ ސަރުކާރުގެ މަންދޫބު ޖޭޕީ ސިންހު އަފްގާނިސްތާނުގެ އެކްޓިން ޑިފެންސް މިނިސްޓަރު މުއްލާ ޔައުގޫބްއާ ބައްދަލު ކުރައްވައިފި އެވެ.
މިއީ އިންޑިއާ ސަރުކާރުގެ މަންދޫބަކު ތާލިބާނުގެ ޑިފެންސް މިނިސްޓަރާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
އަފްގާނިސްތާނުގެ ޑިފެންސް މިނިސްޓަރު މުއްލާ ޔައުގޫބަކީ ތާލިބާނުންގެ ފައުންޑަރު އަދި މަރުވެފައިވާ ކުރީގެ އިސް ލީޑަރު މުއްލާ އުމަރުގެ ދަރިފުޅެވެ.
ތާލިބާނުން ބުނާ ގޮތުން އެ ބައްދަލު ކުރެއްވުމުގައި އަފްގާނިސްތާނާއި އިންޑިއާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކޮށްފަ އެވެ.
ނަމަވެސް އެ ބައްދަލުވުމާ ގުޅިގެން އިންޑިއާ ސަރުކާރުން މިހާތަނަށް ރަސްމީކޮށް އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.
އަފްގާނިސްތާނުގައި އޮތް ތާލިބާނުގެ ސަރުކާރު އިންޑިއާ ސަރުކާރުން މިހާތަނަށް ވެސް ބަލައިގަނެފައެއް ނުވެ އެވެ. ތާލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމާ އެކު އިންޑިއާއިން އެ ގައުމުގެ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެނެ އެވެ.
ނަމަވެސް 2022 ގެ ޖޫން ގައި އިންޑިއާއިން އަފްގާނިސްތާނަށް ޓެކްނިކަލް ޓީމެއް ފޮނުވި އެވެ. އެއަށްފަހު އިންޑިއާއިން އަންނަނީ އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަން އެކި ގޮތްގޮތުން ފޯރުކޮށްދެމުންނެވެ.
އަފްގާނިސްތާނުގައި ތާލިބާނުން ހިންގާ ސަރުކާރުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަ އެކްޓިން އެމްބެސަޑަރު ސަރްދާރް އަހުމަދު ޝަކީބުއާ ޕާކިސްތާނަށް ދިވެހި ސަރުކާރުން ކަނޑައަޅާފައި ހުރި މުހައްމަދު ތޯހާ މިދިޔަ ހަފްތާގައި ބައްދަލު ކުރި އެވެ.
އެ ބައްދަލުކުރެއްވުން ކުރިއަށް ގެންދިޔައީ ދިވެހި ސަރުކާރުގެ ހުއްދަ ނެތި ކަމަށާއި ތޯހާއަށް ފިޔަވަޅު އަޅާފައިވާ ކަމަށް ރާއްޖެއިން ބުންޏެވެ.
އެކަމަކު އެޅީ ކޮން ފިޔަވަޅެއްކަން ފޮރިން މިނިސްޓްރީން ރަސްމީކޮށް ނުބުނެ އެވެ. ނަމަވެސް އެ މައްސަލައިގައި ތޯހާ މަގާމުން ވަކިކޮށްފައިވާކަން މި ނޫހަށް ވަނީ އެނގިފަ އެވެ.
Comment