Advertisement

ރައީސް މުއިއްޒުގެ މަރުހަބާ ޓްރަމްޕަށް، ވިދާޅުވީ ގުޅުން އިތުރަށް ބަދަހިކުރަން އުންމީދު ކުރައްވާ ކަމަށް

6 ނޮވެންބަރު 2024 - 14:25 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު އަދި ޓްރަމްޕް. އެމެރިކާ ސަރުކާރުން ރާއްޖެއަށް މިހާރު ދަނީ ހާއްސަ ސަމާލުކަމެއް ދެމުން ---


ރައީސް މުއިއްޒުގެ މަރުހަބާ ޓްރަމްޕަށް، ވިދާޅުވީ ގުޅުން އިތުރަށް ބަދަހިކުރަން އުންމީދު ކުރައްވާ ކަމަށް

6 ނޮވެންބަރު 2024 - 14:25 0

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އެ ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކާ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މިވަގުތުގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން ގިނަ ސްޓޭޓުތައް ކާމިޔާބު ކުރީ ޓްރަމްޕެވެ. އަދި އިލެކްޓޯރަލް ކޮލެޖުތަކުގެ ތެރެއިން 267 ކޮލެޖު ވޯޓު ޓްރަމްޕް ވަނީ ހޯދައިފަ އެވެ. ކަމަލާއަށް މިހާތަނަށް ހޯދުނީ 224 އިލެކްޓޯރަލް ކޮލެޖެވެ.

މޮޅުވާ މީހަކު މަދުވެގެން 270 އިލެކްޓޯރަލް ކޮލެޖު ހޯދަންޖެހެ އެވެ. ނިއު ޔޯކް ޓައިމްސް އަދި ބައެއް އެހެން ނޫސްތަކުން ލަފާ ކުރަނީ 300 އަށް ވުރެ ގިނަ އިލެކްޓޯރަލް ކޮލެޖު ޓްރަމްޕަށް ލިބޭނެ ކަމަށެވެ.

"ރާއްޖެ އާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުގައި އޮންނަނީ ދެ ގައުމުގެ މެދުގައި އޮންނަ އިހުތިރާމާއި، ހެޔޮއެދުމާއި، އެއްބަސްވާ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއް. އަޅުގަނޑު އުންމީދު ކުރަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހުރި ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ ސުލްހަމަސަލަސްކަމާއި ތަނަވަސްކަން ކުރިއެރުވުމަށް މަސައްކަތްކުރަން އުންމީދުކުރަން," މަރުހަބާ ވިދާޅުވެ ޓްރަމްޕް ޓެގު ކުރައްވައި ރައީސް އެކްސްގައި ވިދާޅުވި އެވެ.

އާންމުންގެ ވޯޓުން ވެސް މިވަގުތު ބޮޑުތަނުން ކުރީގައި އުޅެނީ ޓްރަމްޕެވެ. ޓްރަމްޕަށް 69.8 މިލިއަން ވޯޓު މިހާތަނަށް ލިބިއްޖެ އެވެ. އެއީ ގުނި ވޯޓުތަކުގެ ތެރެއިން 51 ޕަސެންޓު ވޯޓެވެ. ކަމަލާއަށް ލިބުނީ 64.7 މިލިއަން ވޯޓެވެ. އެއީ މިހާތަނަށް ގުނި ވޯޓުތަކުގެ ތެރެއިން 47 ޕަސެންޓު ވޯޓެވެ.

އެމެރިކާގައި 2016 ގައި ބޭއްވި އިންތިހާބު ކާމިޔާބުކޮށް ވެރިކަމުގެ ދައުރެއް އެ ގައުމުގެ 45 ވަނަ ރައީސްގެ ގޮތުގައި ވެސް ޓްރަމްޕް ވަނީ ފުރިހަމަކުރައްވާފަ އެވެ. ޓްރަމްޕްގެ ފުރަތަމަ ވެރިކަމުގައި މާ ބޮޑު ސަމާލުކަމެއް ރާއްޖެއަށް ދީފައި ނުވާއިރު މިހާރު އެމެރިކާއިން ދަނީ ރާއްޖެއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުންނެވެ.

ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ. އެމެރިކާ ސަރުކާރުގެ އިސްވެރިން ރާއްޖެއަށް ދަތުރުކުރާ މިންވަރު އިތުރުވެ ރާއްޖޭގެ ވަފުދުތައް ވެސް އެމެރިކާއަށް ގޮސް މަޝްވަރާ ބައްދަލުވުންތައް ވަނީ މިފަހުން ބާއްވާފަ އެވެ.

ރިޕަބްލިކަން ސަރުކާރާއެކު އެމެރިކާއިން ދެކުނު އޭޝިއާގައި އަމަލުކުރަމުންދާ ހާރިޖީ ސިޔާސަތަށް އަންނާނީ ކޮން ބަދަލެއް ކަމެއް އަދި ނޭނގެ އެވެ.