ތިލަފުއްޓަށް ކުނި ގެންނަ މީހުންގެ ޝަކުވާ؛ އަގު ބޮޑުކޮށްފި، އަގު ހަދަނީ ވެސް ހިތު ލަފަޔަށް

6 ނޮވެންބަރު 2024 - 03:14 9

ލީވާން އަލީ ނާސިރު

ލ

ތިލަފުށި


ތިލަފުއްޓަށް ކުނި ގެންނަ މީހުންގެ ޝަކުވާ؛ އަގު ބޮޑުކޮށްފި، އަގު ހަދަނީ ވެސް ހިތު ލަފަޔަށް

6 ނޮވެންބަރު 2024 - 03:14 9

މާލޭ ސަރަހައްދުގައި ކުނި ނެގުމާއި އުކުމުގެ ހިދުމަތް، އަދި ތިލަފުއްޓަށް ގެންދިޔުމުގެ ޒިންމާ ވޭސްޓު މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) އާ މަތިކޮށްފައި ވާއިރު، ރިސޯޓުތަކާއި ސިނާއީ މަސައްކަތް ހިންގާ ބައެއް ރަށްރަށުގައި އުފެދޭ ކުނި އުކާލުމަކީ އަމިއްލަ ބައެއް ފަރާތްތަކުގެ ރަނގަޅު ވިޔަފާރިއެކެވެ.

ތިލަފުއްޓަށް، ދޯނީގައި، ކޮޅުވެއްޓީގައި، ބާޖުގައި ކުނި ގެނެ އެވެ. އެ އުޅަނދުތަކުން ގެންނަ ކުންޏަށް އަގު ނަގަނީ، އަމިއްލަ ކުންފުނިތަކުން ބުނި ގޮތުގައި، އުޅަނދެއްގެ ރަޖިސްޓްރީގައި ޖަހާފައިވާ ޓަނޭޖަށެވެ. މިސާލަކަށް 10 ޓަނުގެ މުދާ އުފުލޭ ވަރުގެ ދޯންޏެއްގެ ގޮތުގައި ރަޖިސްޓްރީގައި ޖަހާފައިވާ ނަމަ ކުނީގެ އަގު ކުރަނީ އެ ވަރަށެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ކުނި ހިސާބު ކުރުމަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް އެ ވިޔަފާރީގައި ހަރަކާތްތެރިވާ އަމިއްލަ ބައެއް ކުންފުނިތަކުން ބުންޏެވެ. އެކަމުގެ ޝަކުވާ ކުރާތާ ހަފުތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ހައްލެއް ނުލިބުމުން އެ ޝަކުވާތައް "އަދަދު" ނޫހާ ހިއްސާކުރި އެވެ.

މި ނޫހާ ވާހަކަ ދެއްކި ބައެއް ކުންފުނިތަކުގެ ވެރިން ބުނީ ނިމިގެން ދިޔަ ހަފުތާތެރޭގައި ވެމްކޯގެ އުސޫލަށް ގެނައި ބަދަލާއެކު ކުނި އުކާލުމުގެ އަގު އެތައް ގުނައެއް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ.

"އަހަރެމެންގެ އުޅަނދަކީ ފަންސާހަކަށް ޓަނުގެ އުޅަނދެއް. އެކަމަކު އެންމެ ފަހުން އަގު ހެދީ 100 ޓަނު ކަމަށް. އެހެންވެ ދައްކަން ޖެހޭ އަގު ދެގުނަ ވަނީ ބުނެފައި،" ކުނި އުކާލުމުގެ ހިދުމަތް ދޭތާ ވިއްސަކަށް އަހަރު ހޭދަކޮށްފައިވާ ކުންފުންޏެއްގެ ވެރި މީހާ ބުންޏެވެ.

އެހެން ކުންފުންޏަކުން އަދަދު ނޫހަށް ވެމްކޯގެ ވޭސްޓު ޑިސްޕޯސަލް ނޯޓުތައް ވެސް ދެއްކި އެވެ. އެ އުޅަނދުން ކުރިން ގެނެސްފައިވާ ކުނި އަގުކުރީ ދޯނީގެ ޓަނޭޖަށް ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުންޏެވެ. ނަމަވެސް އެންމެ ފަހުން ދައްކަން ޖެހުނީ ކުރީގެ އަގަށް ވުރެ 200 ޕަސެންޓު ބޮޑުކޮށް ކަމަށެވެ.

"ވެމްކޯއިން މިހާރު އަގު އެ ހަދަނީ ފެންނަން ހުންނަ ކުނީގެ އަދަދަކީ ބަރުދަނުގެ ގޮތުގައި. ބައެއް ކުންޏަކީ އޭގެ ޖާގަ ބޮޑުވިޔަސް، ބަރު ނޫން ކުނި. އަނެއްބައި ކުންޏަކީ ކުޑަ މިންވަރެއް ހުއްޓަސް ބަރު ކުނި. އެހެންވީމަ އިންސާފުވެރި ގޮތަކަށް ނޫން މިހާރު އަގު އެނަގަނީ،" އޭނާ ބުންޏެވެ.

އަދަދު ނޫހަށް މި ވާހަކަތައް ހިއްސާކުރި ފަރާތްތަކުގެ ނަމާއި ސްލިޕުތައް އާންމުކުރަން ބޭނުން ނުވީ އެ މީހުންނަށް ލިބިދާނެ ވިޔަފާރީގެ ގެއްލުމެއްގެ ބިރަށެވެ. ނަމަވެސް އެ ސްލިޕްތައް އަދަދު ނޫހުގައި އެބަ ހުއްޓެވެ. އެ ސްލިޕްތަކުން އެނގޭ ގޮތުގައި ޓަނެއްގެ ރޭޓު ވެސް ތަފާތެވެ.

ކުންފުނިތަކުން ތުހުމަތު ކުރާ ގޮތުގައި މިހާރު އަމަލު ކުރާ އުސޫލަކީ ވެމްކޯގެ ވެރިން ބޭނުންވާ ބަޔަކަށް ހެޔޮ އަގުގައި ކުނި އުކޭ ގޮތަށް، އަދި ބޭނުންވާ ބަޔަކަށް ގެއްލުން ދޭ ގޮތަށް އަގު ހެދޭ ގޮތަށް އޮތް އުސޫލެކެވެ. އެ ޝަކުވާ ވެމްކޯގެ މެނޭޖުމެންޓަށް ވަނީ ހިއްސާކޮށްފަ އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މުޖޭ [ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ] މަސައްކަތް އެ ކުރަނީ އަމިއްލަ ފަރާތްތަކުން މިކުރާ ވިޔަފާރި ހުއްޓުވާފައި އެ ބޭފުޅުން ބޭނުންވާ އަމިއްލަ ބަޔަކަށް މި ޖާގަ ތަނަވަސްކޮށްދޭން. މިހާރު އަގު އެ ހަދާ ގޮތަށް ކިހިނެއްތޯ ވިޔަފާރި ކުރިއަށް ގެންދާނީ. އަޅުގަނޑުމެން މި އޮންނަނީ ރިސޯޓުތަކަށް ވަކި ރޭޓެއް ދީފައި،" ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހަދަމުންދާ ރިސޯޓެއްގައި ހުރި ކުނިތައް ވެސް ގެނުން މިހާރު ލަސްވެ، އެ ރަށުގެ މަސައްކަތްތަކަށް ދަތިވާ ވަރު ވަނީ ވެފަ އެވެ. ސަބަބަކީ ވެމްކޯގެ އުސޫލަށް ގެނައި ބަދަލާއެކު ކުނި އުކާލުމުގެ އަގު ބޮޑުވުމެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި އަގު ބޮޑުކުރީ އިއުލާނު ވެސް ކުރުމެއް ނެތި އެވެ. އަދި އުޅަނދުތަކުގައި ގެންނަ ކުނީގެ ބަރުދަނާމެދު ސުވާލު އުފައްދާއިރު، އެކަން ބެލޭނެ ގޮތެއް ވެސް ވެމްކޯގައި ނެތެވެ. މި ޝަކުވާތަކަށް ވިޔަފާރިވެރިންނަށް ވެސް ޖަވާބެއް ނުލިބެ އެވެ. އަދި މި ޝަކުވާތަކާ ގުޅޭ ގޮތުން ވެމްކޯގެ ބަހެއް އަދަދު ނޫހަށް ވެސް ނުލިބުނެވެ.

33.33%

0.00%

66.67%

0.00%

މި ލިޔުން ކިޔާލުމުން


ތައުފީގް

4 months ago

މިނޫހަށް ނޫސްވެރިން ނަގާގޮތަކީ ބިޑްކޮށްގެން މޮޅަށް ދޮގުހަދާ ކުދިންނަށް އިސްކަންދީގެންބާ

3 months ago


ކުނި

4 months ago

ހިތު ހުރި ގޮތަކަށް ވަގު މުޖޭ ކަންކުރަނީ މި ނޫން ވެސް ދުވަހެއް އެބަ އޮތޭ. އޭސީސީ އަށް މައަސަލަ ލާންވީ.ސީދާ މި މުޖޭ އާއި ހެދި މުއިޒު ދެވަނަ ދައުރަށް ނުހޮވޭނީ

ބަބުލް

4 months ago

وَٱلسَّارِقُ وَٱلسَّارِقَةُ فَٱقۡطَعُوٓاْ أَيۡدِيَهُمَا جَزَآءَۢ بِمَا كَسَبَا نَكَٰلٗا مِّنَ ٱللَّهِۗ وَٱللَّهُ عَزِيزٌ حَكِيمٞ މާތްﷲ ހަތް އުޑުމަތިން އަނގަވާފައި ވަނީ މިހެން. މިކަން ތަންފީޒް ކުރީމަ ނިމުނީ. މުޖޭ އެއް އަޖޭ އެއް ބަލާކައް ނުޖެހޭ.

ސާޖިދް

4 months ago

ރައިސް ޑރ މުއިޒްގެ އަގު ވެއްޓޭނެ ގޮތައް، އަދި ސީދާ ރައިސް ގެ އެންގެވުމާ ހިލާފައް މުޖުތަބާ ކޮއްގެން އުޅޭ ކަމެއް. މިކަހަލަ ވަގުންނާހެދި ރަައިސް ގެ އަބުރުފުޅުވެސް ހުތުރު ވަނީ. މާތް ﷲ މިކަހަލަ[މުޖޭ] ނުބައި މީހުންގެ އަތްދަޝުން ލޮބުވެތި ރައިސް ސަލާމަތް ކުރައްވާން ދޭވެ. رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

ޙެހޖެެ

4 months ago

އެންސްޕާ ދަވާލި ވަގު މުޖުތަބާ

ޙުސްނީ

4 months ago

މުޖޭ ބޭނުން ވާ ދެމީހަކު ތިލަފުށީގަ ބަހައް ޓައިގެން. ހިތުހުރި އަގެއް ނަގަނީ. އަދި ޑިމާންޑު ކުރަނީ ކޭސް ޕޭމަންޓް ހަދަން، އަބަދު ކާޑު މެޝިން ހަލާކު ވެފަ.

ކައްޕި އަލީ

4 months ago

ކުނި އުކާލުމައް އުޅަނދު ތިލަފުއްޓައް ދިޔައީމަ އުޅަނދައް ބަލާލާފަ އަގު ކިޔަނީ. ތީ އިންސާފު ވެރި ގޮތެއް ނޫނޭ ބުނީމަ ބުނީ "ރަޖިސްޓުރީ އަަކައް ނުބަލާ ނަމޯ. މުޖޭ ބުނާ ގޮތެކޯ އޮންނާނީ. އެއްކަމެއް ވެސް ނުކުރެވޭނެ ޔޯ."

ޢިސްތަފާ

4 months ago

މިހާރު ވެސް މާރކެޓް ރޭޓައް ވުރެެން އަގު އެތައް ގުނައެއް ބޮޑުކޮއް ދެ ލޭންޑިންކުރާފްޓް ވަނީ ވެމްކޯ އައް ދުވަހު ކުއްޔައް ނަގާފަ. މިތަނަކީ ކޮރަޕްޝަން ގެ ބޮޑު ހާއްޔެއް