Advertisement

ފާޑުކިޔުން އަމާޒުވުމުން ހުޅުމާލެ ފޭސް ތިނެއް ހިއްކަން ގެންގޮސްފައި ހުރި ކުނިފުނި ނަގައިފި

ފޭސް ތިނެއް ހިއްކުމަށް ހުޅުމާލެ ފަޅުތެރެއަށް ކުނިބުންޏާއެކު ގާކުނޑި އަޅަމުންދިޔަ ވަގުތުގެ ފޮޓޯއެއް -- ފޮޓޯ: އަދަދު


ފާޑުކިޔުން އަމާޒުވުމުން ހުޅުމާލެ ފޭސް ތިނެއް ހިއްކަން ގެންގޮސްފައި ހުރި ކުނިފުނި ނަގައިފި

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ސަރަހައްދަށް އެޅުމަށް އެ ސަރަހައްދަށް ގެންގޮސްފައި ހުރި ކުނިފުނި ރައީސް އޮފީހުން އަންގައިގެން ނަގައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިއަކު، ނަން ނުޖެހުމަށް ޝަރުތުކޮށް އަދަދު އަށް ވިދާޅުވީ އެ ކުނިފުނި ނެގުމަށް ރައީސް އޮފީހުން އަންގައިގެން މިއަދު މެންދުރު ނަގާފައިވާ ކަމަށެވެ.

"ރައީސް އޮފީހުން އަންގައިގެން މިއަދު ހުރިހާ އެންމެން އެތަނަށް ގެންގޮސްގެން އެ ނަގައިފި." އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކާ ސަރަހައްދަށް ކުނި އަޅާ ކަމުގެ ޝަކުވާ ބޮޑުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ރޭ އާންމުންގެ ތެރެއިން މީހަކު އެ ވާހަކަ ދެއްކުމުންނެވެ.

ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ކުނި އަޅައިގެން ކަމަށް ބުނެ އެކަމާ އެ މީހާ ކަންބޮޑުވުން ފާޅުކުރި އެވެ.

އޭނާގެ އެ ވާހަކައަށް ރައްދު ދެއްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި ކުނި އަޅައިގެން އެއްވެސް ތަނެއް ނުހިއްކާނެ ކަމަށެވެ.

"ކުނި އަޅައިގެންނެއް އެއްވެސް ތަނެއް ނުހިއްކާނެ. އެއީއެއް ސަރުކާރުން އެކަން ކުރާގޮތެއް ނޫން، މިއީ އިންޓަނޭޝަނަލް ކޮންޓްރެކްޓްތައް މި ހުންނަނީ އިންޓަނޭޝަނަލް ކޮންޓްރެކްޓަރުންނަށް މަސައްކަތް ދެނީ އީއައިއޭ ހަދައިގެން ދެނީ، އެހެންވީމާ އެއްގޮތަކަށް ވެސް އެކަހަލަ ކަމެއް އަޅުގަނޑުމެން ނުއެއް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް، ހުޅުމާލޭގެ ތިންވަނަ ފިޔަވަހި ހިއްކަމުން ދަނީ ކުނިބުނި އަޅައިގެންކަން އެ ސަރަހައްދަށް ދިޔަ އަދަދު ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

ތިންވަނަ ފިޔަވަހި ހިއްކުމަށް އެ ސަރަހައްދަށް ކުނިބުންޏާއެކު ގާކުނޑި އަޅަމުންދިޔަ ވީޑިއޯ މި ނޫހުން ސޯޝަލްމީޑިއާގައި ރޭ ޕޯސްޓު ކުރުމާއެކު ރައީސް އޮފީހުން ވަނީ އެ ކުނިފުނި އެ ތަނުން ނެގުމަށް އެޗްޑީސީއަށް އަންގައިފަ އެވެ.