26 އޮކްޓޯބަރު 2024 - 12:01 0
ލީވާން އަލީ ނާސިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝަތު ޝުޖޫން: އދ. ގެ އެސްޕީޓީގެ ހަތަރު ވަނަ ދައުރަށް ވަނީ އިންތިހާބުވެފައި -- ފޮޓޯ: ސުޕްރީމް ކޯޓު
26 އޮކްޓޯބަރު 2024 - 12:01 0
އދ. ގެ ސަބް ކޮމިޓީ އޮފް ޕްރިވެންޝަން އޮފް ޓޯޗާ (އެސްޕީޓީ) ގެ ހަތަރުވަނަ ދައުރަކަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން އިންތިހާބުކޮށްފި އެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ބޭއްވި އިންތިހާބު ޝުޖޫން ކާމިޔާބު ކުރެއްވީ އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.
އެ ކޮމިޓީގައި މެންބަރުން މަސައްކަތް ކުރަން ޖެހޭނީ ލިބިފައިވާ ތަޖުރިބާ ބޭނުން ކޮށްގެން މިނިވަން ކަމާ އެކުގަ އެވެ. އެ މެންބަރުންނަށް ނިސްބަތްވާ ގައުމުން އެއްވެސް އިރުޝާދެއް ނުދެވޭނެ އެވެ.
މިއީ ޝުޖޫން އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި ހަތަރުވަނަ ދައުރެވެ. އެކަމަނާގެ ދައުރު އަންނަ އަހަރުން ފެށިގެން ދެން ހަމަވާނީ 2028 ގައެވެ.
ޝުޖޫން އެންމެ ފުރަތަމަ އެ ކޮމިޓީގެ މެންބަރަކަށް އިންތިހާބުވެވަޑައިގެންނެވީ 2011 ގައެވެ. އޭގެ ފަހުން ދައުރު ހަމަވެގެން ބޭއްވި ހަތަރު އިންތިހާބު ވެސް އެކަމަނާ ވަނީ ކާމިޔާބު ކުރައްވާފަ އެވެ.
ރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް) ގައި ބައިވެރިވީ މީގެ 19 އަހަރު ކުރިންނެވެ. ރާއްޖެއަކީ އޮޕްކެޓް އުފެއްދުމުގައި ބައިވެރިވި ފުރަތަމަ 20 ގައުމުތަކުގެ ތެރޭގައި ހިމެނޭ އަދި އޮޕްކެޓްގައި ބައިވެރިވެފައިވާ އޭޝިއާގެ ފުރަތަމަ ސްޓޭޓް ޕާޓީއެވެ.
އެސްޕީޓީ އަކީ އދ. ގެ އެންމެ ބޮޑު އެއް ހިއުމަން ރައިޓްސް ޓްރީޓީ ބޮޑީ އެވެ. އެއީ 25 އިންޑިޕެންޑެންޓް އެކްސްޕާޓުންނާ އެކު އޮޕްކެޓްއިން އުފައްދާފައިވާ ބައިނަލްއަގުވާމީ ބޮޑީއެކެވެ.
Comment