25 އޮކްޓޯބަރު 2024 - 07:05 0
އަތޫފް އާތިފް
25 އޮކްޓޯބަރު 2024 - 07:05 0
ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ޕޮލިސް ކްލަބްގެ މައްޗަށް 3-1 ސެޓުން ކުރިހޯދައި ކްލަބް ވެމްކޯ އިން ތަށި މިލްކުކޮށްފި އެވެ.
މި މުބާރާތުގެ ފައިނަލަށް ވެމްކޯ ދަތުރުކުރީ ފުރަތަމަ ސެމީގައި ޕޮލިސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިގެންނެވެ. ޕޮލިހުން ފައިނަލަށް ދަތުރުކުރީ ތިންވަނަ ސެމީގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްގެންނެވެ.
މިރޭގެ މެޗުގެ ސެޓުތައް ދިޔައީ, 25-23, 25-23, 12-25 އަދި 25-16 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯއިން ފަސް ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ޕޮލިހުން ވަނީ އެއް ޕޮއިންޓަށް ފަރަގުކުޑަކޮށްފަ އެވެ. އެކަމަކު ވެމްކޯގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ފައިދާ ނަގާ އެ ޓީމުން މި ސެޓު ގެންދިޔައީ 25-23 އިންނެވެ.
ދެވަނަ ސެޓުގައި ވެސް ފެނިގެންދިޔައީ ފުރަތަމަ ސެޓުގައި ފެނިގެންދިޔަ ކުޅުމެވެ. މި ސެޓުގައި ވެމްކޯގެ ތަފާތަކަށްވީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޔަކޮވެލެވާ އިންނަ އެވެ. އެއާއެކު މި ސެޓު ވެމްކޯ އިން ގެންދިޔައީ, 25-23 އިންނެވެ.
ތިންވަނަ ސެޓުގައި ވެމްކޯގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު, މި ސެޓުގައި ޕޮލިހުގެ ޝަހާ ޝާމިންގެ ބާރު އެޓޭކުތަކެއް ފެނިގެންދިޔަ އެވެ. މި ސެޓު ޕޮލިހުން ގެންދިޔައީ, 25-12 އިންނެވެ.
އެކަމަކު ހަތަރުވަނަ ސެޓުގައި ވެމްކޯ އިން ކުޅުން ރަނގަޅުކުރިއިރު, މި ސެޓުގައި ޕޮލިސް ފެންގެންދިޔައީ ދަށްކޮށެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ 25-16 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ޕޮލިހުގެ ހައްވާ ރާޝިދާ, ވެމްކޯގެ ޖޫޒާން ޒަރީރް އަދި މާޖިދާ އެވެ.
Comment