23 އޮކްޓޯބަރު 2024 - 11:59 0
މުހައްމަދު ޝަހްޒާން
އަހުސަން މަރާލި މައްސަލަ ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ އިބްރާހިމް ޝަހުމް އާދަމް: އޭނާއަކީ 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި ވެސް މީހަކު މަރައިލިކަން ސާބިތުވެފައިވާ މީހެއް -- ފޮޓޯ: ފުލުހުން
23 އޮކްޓޯބަރު 2024 - 11:59 0
މަޖީދީ މަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި މާޗު 16، 2011 ގައި ސ. ހިތަދޫ، ވަރުދީގޭ އަހުސަން ބަޝީރުގެ ކަރަށް ވަޅި ހަރައި މަރާލިކަން ސާބިތުވެ، ގ. ކޯޒީ އިބްރާހިް ޝަހުމް އާދަމް މަރަން ހައި ކޯޓުން ކުރި ހުކުމް ކަށަވަރު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅިތާ ދެ އަހަރުފަހުން އެ މައްސަލައިގެ އަޑު އެހުމެއް ތާވަލު ކޮށްފި އެވެ.
ޝަހުމް މަރަން ހައިކޯޓުން ކުރި ހުކުމް ކަށަވަރު ކުރަން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ ސެޕްޓެމްބަރު 4، 2022 ގަ އެވެ. އެ ދެ އަހަރު ފަހުން އެ މައްސަލައިގެ އަޑު އެހުމެއް ތާވަލު ކޮށްފައި ވަނީ އަންނަ ނޮވެމްބަރު 4، ގެ ހެނދުނު 10:00 އަށެވެ.
އަހުސަން މަރާލި މައްސަލައިގައި ޝަހުމްގެ މައްޗަށް ދައުލަތުން އުފުލީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަައިގައި ޝަހުމްގެ އިތުރުން ދެން ދައުލަތުން ދައުވާ ކުރީ މއ. ވީނަސްތަރު، ހަސަން ޝިމާޒު މުހައްމަދަށެވެ. އޭނާގެ މައްޗަށް އުފުލީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާތައް އެ ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތެއް ނުވި އެވެ. ނަމަވެސް އެ މައްސަލަތައް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އެ ދެ މީހުންގެ މައްޗަށް ވެސް އެ ދައުވާތައް ސާބިތުވާ ކަމަށެވެ.
އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ކަނޑައެޅީ މަރުމަތީގައި އަހުސަން ބުނި ބަހަށް ބިނާކޮށެވެ. އަހުސަނަށް ވަޅިން ހަމަލާދިނީ ޝަހުމް ކަމަށާއި އޭނާ ގޮވައިގެން ސައިކަލުގައި ދިޔައީ ޝިމާޒު ކަމަށް އަހުސަން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އާއި ހޮސްޕިޓަލުގައި އޮވެގެން ވެސް ބައެއް މީހުން ގާތު ބުނެފައިވާ ކަމަށް އެމީހުން ދަށު ކޯޓުގައި ހެކިބަސް ދީފައިވެ އެވެ.
އެ ހެކިތަކަށް ރިއާޔަތްކޮށް ހައިކޯޓުން ޝިމާޒުގެ މައްޗަށް ހުކުމް ކުރީ 15 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށެވެ. އަދި ޝަހުމްގެ މައްޗަށް ހައި ކޯޓުން އިއްވީ މަރަށް މަރުގެ ހުކުމެވެ.
ޝަހުމް އަކީ 2010 ވަނަ އަހަރު މާފަންނު ޔޫތު ސެންޓަރު ކައިރީގައި އޭރު އޮންނަ ބޯޅަދަނޑުގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ، މުހައްމަދު ހުސައިން މަރާލިކަމުގެ ކުށް ވެސް ސާބިތުވެފައިވާ މީހެކެވެ.
އިސްލާމީ ޝަރީއަތުގައި މަރަށް މަރު ހިފޭނީ މަރާލި މީހާގެ ވާރިސުން އެކަމަށް ބޭނުންވާނަމަ އެވެ. އެއީ, ވާރިސުންގެ ހައްގެއްގެ ގޮތަށް އޮންނައިރު އެންމެ މީހަކު އެކަމަށް ދެކޮޅު ހެދި ނަމަވެސް, މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ.
މަރަން ކުރާ ހުކުމްތައް ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެ އެވެ.
Comment