22 އޮކްޓޯބަރު 2024 - 08:35 1
ލީވާން އަލީ ނާސިރު
ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން: ޑްރޯން ބޭނުންކުރާތޯ ސާފު ކުރުމަށް މަޖިލީހަށް ހާޒިރު ކުރަން ނޯޓިސް ވަނީ ފޮނުވާފައި -- ފޮޓޯ: ރައީސް އޮފީސް
22 އޮކްޓޯބަރު 2024 - 08:35 1
ބޮޑު އަގުގައި ތުރުކީއިން ގަތް ޑްރޯންތައް ބޭނުންކުރޭތޯ ސާފު ބަލަން ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރަން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެދެފި އެވެ.
މީކާއިލް ހުށަހެޅުއްވި ނޯޓިސްގައި ސުވާލު ކުރައްވާފައި ވަނީ 570 މިލިއަން ރުފިޔާއާ ގާތްކުރާ އަގެއްގައި އެމްއެންޑީއެފްގެ އެއާ ކޯ ގެ ހިދުމަތަށް ގެނައި ޑްރޯން ބޭނުން ކުރަން ފަށާފައިވޭތޯ އެވެ.
އޭގެ އިތުރުން، ޑްރޯން މިހާތަނަށް ބޭނުން ކުރެވިފައި ވަނީ ކޮން ބޭނުމެއްގައިކަން ވެސް ޑިފެންސް މިނިސްޓަރު ސާފު ކޮށްދެއްވުމަށް ސުވާލުގައި އެދިފައިވެ އެވެ.
މީހަކު ނުވަތަ ބަޔަކު ގެއްލުނު އޮޕަރޭޝަނެއްގައި އެމްއެންޑީއެފް އިން އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ ޑްރޯންތަކުގެ ބޭނުން މިހާތަނަށް ހިފީ އެންމެ ފަހަރަކު އެވެ.
ދައުލަތުގެ ސަޕްލިމެންޓަރީ ބަޖެޓުން 37 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތުރުކީއިން ގެނައި ޑްރޯންތައް ބޭނުންކުރީ މ. ރަތްމަންދޫ ބޭރުން އެޕްރީލް 20، ގައި ގެއްލުނު ދޯންޏެއް ހޯދުމަށެވެ. އެ ބޯޓު ފެނުނީ ޑްރޯން ދުއްވަން ފެށިތާ 14 ގަޑިއިރު ފަހުން ރަތްމަންދޫ ކައިރިންނެވެ.
އޭގެ ފަހުން ހިނގި އެފަދަ ހާދިސާތަކުގައި ޑްރޯން ބޭނުން ކޮށްފައެއް ނުވެ އެވެ.
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެން ވިދާޅުވީ ރާއްޖެއަކީ، ކަނޑުގެ ސަރަހައްދާއެކު ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ގައުމެއް ކަމަށާއި މި އިންޑިއާ ކަނޑުގައި އެއް ގައުމަކަށް، އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ރާއްޖެ ވާނެ ކަމަށެވެ.
"އަޅުގަނޑު ދެންމެ މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ސާވޭލަންސް، އެ ސަރަޙައްދު އަބަދާއި އަބަދު ބެލެހެއްޓޭނެ ފެންވަރަށް އަޅުގަނޑުމެންގެ އަމިއްލަ ބާރުވެރިކަން، އަމިއްލަ ކެޕޭސިޓީ ގާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީ ގާއިމުކުރާނަން، މި ބޮޑު ސަރަޙައްދު ބެލެހެއްޓޭ ގޮތަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ޑްރޯން ބޭނުން ނުކުރާ ސަބަބު ހޯދަން އެކި ފަހަރު އެހުމުން ވެސް ސިފައިންގެއިން ރަސްމީ ޖަވާބެއް ނުދެ އެވެ.
Comment