13 މާރިޗު 2025 - 16:03 0
13 މާރިޗު 2025 - 16:03 0
ސުޕްރީމް ކޯޓު ހިންގޭނެ ގޮތެއް ހޯދަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑު ކުރުމުން އެ ކޯޓު ފުރިހަމައަށް މަސައްކަތް ކުރުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިނުގަންނަން ނިންމި ސަބަބެއް އެ ކޯޓުން ނުބުނެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ނިންމިކަން އެ ކޯޓުގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފަ އެވެ.
"ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރުމަކީ އެކޯޓުގައި ތަޅު އެޅުވުން. ކުއްލި ނުރައްކަލުގެ ހާލަތު މާދަމާ އިއުލާނު ކުރިއަސް، ރައްޔިތުންގެ ހައްގުތައް ގެއްލޭނެ. ގާނޫނުއަސާސީގެ ބާރު ދިޔައީ،" އެ މައްސަލަ ހުށަހެޅުއްވުމަށްފަހު ފެބްރުއަރީ 28، ގައި އިބްރާ ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި މަހާޒް އަލީ ޒާހިރާއި އަޒްމިރާލްދާ ޒާހިރެވެ. އެބޭފުޅުންގެ ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސުއޫދު އިސްތިއުފާ ދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުންނެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގަތުމުންނެވެ.
އެ މައްސަލަ ބަލައިގަތުމަށް ކޯޓުން ނިންމުމުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ބިލެއް ވެސް ފާސް ކުރި އެވެ. ޖޭއެސްސީއިން ފަނޑިޔާރު ސަސްޕެންޑު ކުރީ އެ ބިލު ފާސް ކުރި ދުވަހެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment