Advertisement

މުހައްމަދު އިސްމާއީލްގެ ރުޅިގަނޑު ފަޅައިގެން ގޮސް ދެ ފުލުހަކު ވަކިކުރަން ގޮވާލައިފި

13 މާރިޗު 2025 - 10:38 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


މުހައްމަދު އިސްމާއީލްގެ ރުޅިގަނޑު ފަޅައިގެން ގޮސް ދެ ފުލުހަކު ވަކިކުރަން ގޮވާލައިފި

13 މާރިޗު 2025 - 10:38 1

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރަން 2022 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވަން، ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ގަދަކަމުން އެތަނަށް ވަދެގަނެ، މީހުންނަށް ހަމަލާ ދީ، މުދަލަށް ގެއްލުން ދިން މައްސަލަ ތަހުގީގުކުރި ފުލުހުންގެ ދެ އޮފިސަރުން ވަގުތުން ވަޒީފާއިން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ގައި ހުންނަވާ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ގޮވާލައްވައިފި އެވެ.

"އެއީ ދެ މުޖުރިމުން،" މުހައްމަދު އިސްމާއިލް އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ. އެ ދެ އޮފިސަރުންގެ ނަން ވެސް އޭނާ ޕޯސްޓުގައިވެ އެވެ.

ޔޯގާ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން މުހައްމަދު އިސްމާއީލްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިވުމާއި، އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ޕްރޮސިކިއުޓާ ޖެނެރަލް އުފުލާފައި އެބަ އޮތެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީތެރިވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަދި އަދުލްއިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާ ހަތް މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އޭރުން އޭނާ މަޖިލީހުގެ ގޮނޑި ގެއްލޭނެ އެވެ.

ޔޯގާޑޭގެ ހަރަކާތް ކުރިއަށް ދަނިކޮށް ގަލޮޅު ދަނޑަށް ގަދަކަމުން ވަދެ، ހަމަލާ ދެނީ.


ޔޯގާ ދުވަހުގެ ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގި މީހުން ގެންގުޅުނު އާލަތްތަކަކީ ޕީޕީއެމްގެ ތަކެތި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު އިސްމާއީލްގެ ރުޅިގަނޑު ފަޅައިގެންދިޔައީ، ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަކިކޮށް، އެ ކޮމިޓީއަށް އޭނާ އައްޔަން ކުރިއިރު، ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކަމަށް އިއްޔެ އަދަދު ނޫހުގައި ރިޕޯޓުކުރުމުންނެވެ.

އަޒާން އެ ހަބަރު ރިޕޯޓްކޮށްފައިވާ ފޮޓޯއަކާއެކު އެކްސްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ ޔޯގާ ދުވަހުގައި މީހުން ހައްޔަރުކޮށް ދައުވާ އުފުލުމަކީ އެސިސްޓެންޓު ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ދީފަ އޮތް އަނިޔާއެއް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރީ ރިޔާޒު އާއި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން އަންގެވި ގޮތުގެ މަތިން ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ.

ޔޯގާޑޭ ހަރަކާތް ކުރިއަށް ދަނިކޮށް ގަދަކަމުން ގަލޮޅު ދަނޑަށް ވަނުމަށް މަސައްކަތް ކުރަނީ. -- ފޮޓޯ: އަދަދު


"ޔޯގާޑޭގަ ހައްޔަރުކުރެވިގެން ދިޔަ 21 ފަރާތަކީ ޖަލުން ނޫން ގޮތަކަށް ދުވަހަކު ވެސް ދެކުނު ބައެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.

މި މައްސަލަ ތަހުގީގު ކުރި ދެ އޮފިސަރުން ފުލުހުންގެ ހުވަޔާ ހިލާފުވެ މަގާމުގަ ދެމި އެތިބެނީ ގަސްތުގައި އެނގިހުރެ މީހަކަށް ނުހައްގުން އަނިޔާވެރިވެފައި ކަމަށް ވެސް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ޓެރަރިޒަމްގެ ދާއުވާއެއް އޮއްވާ، ފުލުހުންނާއި ސިފައިން ޖަވާބުދާރީ ކުރުވާ 241 ކޮމިޓީއަށް މުހައްމަދު އިސްމާއީލް އައްޔަން ކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި މުހައްމަދު އިސްމާއިލް ހިމެނޭހެން 18 މީހެއްގެ މައްޗަށް ޓެރަރިޒަމާއި ޓެރަރިޒަމާ ގުޅުން ހުރި ދައުވާތައް އުފުލާފައިވެ އެވެ. މި މައްސަލަތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށި ނަމަވެސް އަޑުއެހުމެއް ނުބާއްވާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ.