Advertisement

އިންޑޮނީޝިއާގެ ރައީސް ކަމުގެ ހުވާ ޕްރަބޯވޯ ކުރައްވައިފި


އިންޑޮނީޝިއާގެ ރައީސް ކަމުގެ ހުވާ ޕްރަބޯވޯ ކުރައްވައިފި

އިންޑޮނީޝިއާގެ އަށް ވަނަ ރައީސް ކަމުގެ ހުވާ، މިދިޔަ ފެބްރުއަރީ މަހު ބޭއްވި އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ އާމީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ، 72 ކުރައްވައިފި އެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ޕްރަބޯވޯ ވިދާޅުވީ އިންޑޮނީޝިއާއަކީ ފުދުންތެރި ގައުމަކަށް ހަދައި، ޑިމޮކްރަސީ އާލާކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މި ގައުމު މިނިވަން ގައުމެއް ގޮތުގައި ބާއްވަން ބޭނުން. އެ މިނިވަންކަން ރައްޔިތުންނަށް އިހުސާސްވާން ބޭނުންވޭ،" ޕްރަބޯވޯ ވިދާޅުވި އެވެ.

މިލިޓަރީ ކޮމާންޑަރެއްގެ ގޮތުގައި ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވޭ ޕްރަބޯވޯ އިންޑޮނީޝިއާގެ އިންތިހާބު ކާމިޔާބުކުރެއްވީ 59 ޕަސަންޓުގެ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 96 މިލިއަނަށްވުރެ ގިނަ ވޯޓެވެ.

ޕްރަބޯވޯއާ އެންމެ ގާތުން ވާދަކުރެއްވި އިންޑޮނީޝިއާގެ ކުރީގެ ގަވަރުނަރު އަނީސް ބެސްވަޑާންއަށް ލިބިވަޑައިގެންނެވީ 25 ޕަސަންޓު ވޯޓެވެ. އެއީ 41 މިލިއަން ވޯޓެވެ.

ޕްރޮބޯވޯ ވަނީ އިންޑޮނީޝިއާގެ ރައީސް ކަމަށް މިދިޔަ ދެ ދައުރުގައި ވެސް ކުރިމަތި ލައްވާފަ އެވެ. ނަމަވެސް މިދިޔަ ދެ ފަހަރު އިންޑޮނީޝިއާގެ ކުރީގެ ރައީސް ޖޮކޯ ވިޑޯޑޯ (ޖޮކޮވީ) ގެ މައްޗަށް އޭނާއަށް ކުރި ނުހޯއްދެވެ އެވެ.