Advertisement

އުތުރު ކޮރެއާގެ 1،500 ސިފައިން ރަޝިއާއަށް ފޮނުވައިފި: ދެކުނު ކޮރެއާ

19 އޮކްޓޯބަރު 2024 - 07:54 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން އެ ގައުމުގެ ސިފައިންނާއެކު: 1،500 ސިފައިން ހަނގުރާމައިގައި ރަޝިއާއަށް އެހީވާން އެ ގައުމަށް ގޮސްފައިވާ ކަމަށް ދެކުނު ކޮރެއާއިން ވަނީ ބުނެފައި -- ފޮޓޯ: ރޮއިޓާސް


އުތުރު ކޮރެއާގެ 1،500 ސިފައިން ރަޝިއާއަށް ފޮނުވައިފި: ދެކުނު ކޮރެއާ

19 އޮކްޓޯބަރު 2024 - 07:54 0

އުތުރު ކޮރެއާގެ 1،500 ސިފައިން ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިއާއަށް އެހީތެރިކަން ފޯރުކޮށްދޭން އެ ގައުމަށް ފޮނުވާފައިވާ ކަމަށް ދެކުނު ކޮރެއާގެ ސްޕައި އެޖެންސީން ބުނެފި އެވެ.

ނެޝަނަލް އިންޓެލިޖެންސް ސާވިސް (އެންއައިއެސް) އިން ބުނީ އުތުރު ކޮރެއާގެ ސިފައިން ރަޝިއާއަށް ގެންދިޔައީ ރަޝިއާގެ ނޭވީ ޝިޕަކުން އޮކްޓޯބަރު 8، އާއި އޮކްޓޯބަރު 13، އާ ދެމެދު ކަމަށެވެ.

އެންއައިސީން ތުހުމަތު ކުރާ ގޮތުގައި އުތުރު ކޮރެއާގެ ސިފައިން ރަޝިއާއަށް ފޮނުވީ އެ ގައުމުގެ ޔުނިފޯމުގައި އައިޑެންޓިޓީ ވެސް ބަދަލުކޮށްގެންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އުތުރު ކޮރެއާގެ އިތުރު ސިފައިން ރަޝިއާއަށް ފޮނުވުމަށް ހަމަޖެހިފައި ކަމަށް އެންއައިސީން ބުނެ އެވެ.

ދެކުނު ކޮރެއާގެ ނޫސްތަކުން ރިޕޯޓްތަައް ކުރާ ގޮތުގައި އުތުރު ކޮރެއާގެ ޖުމްލަ 12،000 ސިފައިން ރަޝިއާއަށް އެހީތެރިވާން ފޮނުވުމަށް ވަނީ ނިންމައިފަ އެވެ.

ނަމަވެސް ނޭޓޯގެ ސެކެޓްރީ ޖެނެރަލް މާކް ރޫޓް ވިދާޅުވީ އުތުރު ކޮރެއާއިން ރަޝިއާއަށް ސިފައިން ފޮނުވިކަން މިހާތަނަށް ކަށަވަރު ވެފައި ނުވާ ކަމަށެވެ.

ރަޝިއާއިން ވެސް ވަނީ މީގެ ކުރިން އުތުރު ކޮރެއާގެ ސިފައިން ހަނގުރާމައިގައި ބޭނުން ކުރާކަން ދޮގު ކޮށްފަ އެވެ.