Advertisement

ރާއްޖެއިން ވޭޕް މަނާކުރަން ނިންމުމުން ޑަބްލިޔޫއެޗްއޯއިން މަރުހަބާ ކިޔައިފި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ): ރާއްޖެއިން ވޭޕް މަނާ ކުރުމުން އެ ޖަމިއްޔާއިން ވަނީ މަރުހަބާ ކިޔާފައި


ރާއްޖެއިން ވޭޕް މަނާކުރަން ނިންމުމުން ޑަބްލިޔޫއެޗްއޯއިން މަރުހަބާ ކިޔައިފި

ރާއްޖޭގައި ވޭޕް ބޭނުން ކުރުން އިތުރުވަމުންދާ ދަނޑިވަޅެއްގައި ސަރުކާރުން ވޭޕް މަނާ ކުރަން ނިންމި ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން މަރުހަބާ ކިޔައިފި އެވެ.

ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާގެ ރަސްމީ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގައި ޒުވާނުން ވޭޕް ބޭނުން ކުރާ މިންވަރު ދަނީ ކަންބޮޑުވާ ދަރަޖައަކަށް އިތުރުވަމުން ކަމަށާއި އެ ނިންމުމަށް ފުރިހަމައަށް ތާއީދުކޮށް މަރުހަބާ ކިޔާ ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުގައި 13 އަހަރާއި 15 އަހަރާއި ދެމެދުގެ 33.8 ޕަސަންޓު ކުދިން އީ-ސިނގިރޭޓް ބޭނުން ކުރާ ކަމަށާއި އޭގެ ތެރޭގައި 23.1 ޕަސަންޓަކީ ފިރިހެނުން ކަމަށެވެ. އަދި 10.7 ޕަސަންޓަކީ އަންހެނުން ކަމަށެވެ.

ދެކުނު އޭޝިއާގައި ނިކޮޓިން އަދި ދުންފަތުގެ އުފެއްދުންތައް ބޭނުން ކުރާ ޒުވާނުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާކަން ވެސް ޑަބްލިއުއެޗްއޯއިން ވަނީ ފާހަގަކޮށްފަ އެވެ.

ޑަބްލިޔޫއެޗްއޯއިން ބުނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ހުރިހާ ކަމަކީ ވެސް ކެންސަރު، ފުއްޕާމޭގެ ބަލިތައް އަދި ހިތުގެ ބަލިތަކަށް ހުށަހެޅޭ ނުރައްކާތެރި އެއްޗެއް ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ވޭޕް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކި ވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުން ނޮވެމްބަރު 15، ގައި މަނާކޮށް، އެތަކެތި ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިސްތިހާރު ކުރުމުގެ އިތުރުން ހިލޭ ބެހުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރަން ނިންމާފަ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނާއި އެކްސްޕޯޓް އިމްޕޯޓު ގާނޫނު އިސްލާހު ކޮށްގެން ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ބޭނުން ކުރާ މީހުން 5000ރ. އިން ޖޫރިމަނާ ކުރުމާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕު ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިތައް ވިއްކައިފި މީހަކު ނުވަތަ ހިލޭ ބަހައިފި މީހަކު، އެ ވިއްކި ނުވަތަ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20،000ރ. އިން ޖޫރިމަނާ ކުރަން ބިލެއް ޑްރާފްޓް ކޮށްފަ އެވެ. އަދި ކުޑަ ކުއްޖަކަށް އެފަދަ އެއްޗެއް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާކުރަން ޑްރާފްޓު ބިލްގައި ހިމަނާފައިވެ އެވެ.

ރާއްޖޭގައި ވޭޕް މަނާ ކުރަން ކުއްލި ގޮތަކަށް އެއްވެސް މަޝްވަރާއަކާއި ދިރާސާއަކާ ނުލައި ނިންމުމުން އެކަމާ ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ. ނަމަވެސް ސަރުކާރުން ވޭޕް މަނާ ކުރަން ނިންމުމުގެ ކުރިން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ދިޔައީ ވޭޕާއި ސިނގިރޭޓް ވެސް ރާއްޖެއިން މަނާ ކުރުމަށް ގޮވާލަމުންނެވެ.

ވޭޕު ކުރުމަކީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް މުޅީން މަނާ ކަމެކެވެ. އަދި، 73 ގައުމެއްގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ތަކެތި ބޭނުން ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުން ލާޒިމު ކޮށްފައިވެ އެވެ.