ހުޅުމާލޭ ވޯޓާ ތީމު ޕާކާ ދިމާލުން އޮތް ފަޅުގެ ސަރަހައްދު ހިއްކަނީ

16 އޮކްޓޯބަރު 2024 - 05:42 5

އަމަން ހަލީމް

އ

ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަން ބިން ދޫކުރި ސަރަހައްދު: މިތަން ހިއްކައިގެން ކުރާ މަސައްކަތެއް އަދި ނުނިންމާ


ހުޅުމާލޭ ވޯޓާ ތީމު ޕާކާ ދިމާލުން އޮތް ފަޅުގެ ސަރަހައްދު ހިއްކަނީ

16 އޮކްޓޯބަރު 2024 - 05:42 5

ހުޅުމާލޭ އިރުމަތީ ފަރާތުގައި ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން ދީފައި އޮތް ސަރަހައްދާ ދިމާލަށް އޮތް ފަޅުގެ ސަރަހައްދު ހިއްކަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމާފައިވާ ކަމަށް "އަދަދު" އަށް މައުލޫމާތު ލިބިއްޖެ އެވެ.

އެޗްޑީސީން މިކަން ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް، ބޯޑު ފެންވަރުގައި މި ހިޔާލު ހުށަހެޅި މިކަމުގެ މަޝްވަރާތައް ކުރެވިފައިވާ ކަަމަށް އިތުބާރު ހިފޭ މަސްދަރުތަކުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ. ދާދި އަވަހަށް މި މަޝްރޫއު ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ މައުލޫމާތު ހޯދަން އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރަށް ގުޅުމުން އޭނާ މެސެޖުން ޖަވާބު ދިނީ މި ވަގުތު ވާހަކަ ދެއްކެން ނެތް ކަމަށެވެ. ފޯނަށް ޖަވާބު ނުދޭތީ މިކަން ސާފުކޮށްދޭން މެސެޖަކުން އެދުނު ނަމަވެސް ހަބަރު ޝާއިއުކުރުމާ ހަމައަށް އެ މެސެޖަށް އެއްވެސް ޖަވާބެއް ނުލިބެ އެވެ.

ވޯޓާ ތީމް ޕާކު ހަދަން ދިން ސަރަހައްދު ހިއްކަން ނިންމާފައިވާއިރު، މިއީ އެޗްޑީސީގެ ވެބްސައިޓުގައި ފެންނަން އޮތް ލޭންޑް ޔޫސް ޕްލޭނުގައި ހިއްކާ ގޮތަށް އޮތް ސަރަހައްދެއް ނޫނެވެ. މީގެ ކުރިން އެޗްޑީސީން ބުނެފައިވަނީ އެ ކުންފުނިން ގެންގުޅޭ މާސްޓާޕްލޭނަކީ ވެސް މި ބުނާ ލޭންޑް ޔޫސް ޕްލޭން ކަމަށެވެ. އެހެންކަމުން މިއީ ހުޅުމާލޭގެ އެންމެ ފަހުގެ މާސްޓާޕްލޭނުގައި ވެސް ހިއްކާ ގޮތަށް އޮތް ސަރަހައްދެއް ނޫން ކަން ފާހަގަކޮށްލެވެ އެވެ.

ބިން ހިއްކާ ކަމުގެ މައުލޫމާތު ދިން މަސްދަރުތަކުން ބުނީ ހިއްކާ ސަރަހައްދު ދެ ގޮތަކަށް ތަރައްގީކުރަން މަޝްވަރާކުރެވެމުންދާ ކަމަށެވެ. އެއް ގޮތަކީ ކުދި ގެސްޓުހައުސްތަކާއި ހޮޓާތައް އަޅާ ގޮތަށް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމެވެ. އަނެއް ގޮތަކީ މަތީ ފަންތީގެ ޓަވަރުތައް އަޅާ ގޮތަށް ރިއަލްސް އެސްޓޭޓު ކުންފުނިތަކަށް އެ ސަރަހައްދުން ބިން ދޫކުރުމެވެ. މިކަމުގައި އަދި ބޯޑުން ގޮތެއް ނުނިންމާ ކަމަށް އެ މީހުން ބުންޏެވެ.

މި ސަރަހައްދު ހިއްކަން ނިންމާފައިވާއިރު، އެ ސަރަހައްދާ އިންވެގެން އޮތް ވޯޓާ ތީމް ޕާކު ތަރައްގީކޮށް އަދިވެސް ނުނިމެ އެވެ. މިކަމާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖުމަންޓުން ވޯޓާ ތީމް ޕާކު އެޅުމުގެ އެއްބަސްވުން ބާތިލުކޮށް، އެ މަސައްކަތް ހަވާލުކުރި ވޯޓާ ފްރަންޓު އެންޑް ލެޝާ ޕްރައިވެޓު ލިމިޓެޑަށް ބިން ހަވާލުކުރަން އެންގި އެވެ.

އެޗްޑީސީގެ މި ނިންމުމަށް ތާއީދުކޮށް ސިވިލް ކޯޓުން އަމުރެއް ނެރުނު ނަމަވެސް ހައިކޯޓުން އެ އަމުރު ބާތިލުކުރި އެވެ. އެ ކުންފުނިން މި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން ވަނީ ހައިކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. ނަމަވެސް އެޗްޑީސީން މައުލޫމާތު ނުދޭތީ އެ ކުންފުންޏާ ބިން ހަވާލުކޮށްފައިވާ ކަން ކަށަވަރެއް ނުކުރެވުނެވެ.

100.00%

0.00%

0.00%

0.00%

މި ލިޔުން ކިޔާލުމުން


ފަހުބަސް

5 months ago

ތިޔަތަނުން ހިއްކަންންވީ ބުރިޖުން ސީދާ ސިދާ ދެވަނަ ފޭހަށް ދެވޭނެ ގޮތަށް މަގެއްގެޖާގަ. އޭރުން އެއްވަނަ ފޭހަށާ ދެވަނަ ފޭހަށް ވަދެ ނިކުނެވޭނެ ގިނަ ދިމާތައް ހެދި ޓްރެފިކް ފަސޭހަވެގެންދާނެ.

އާދަމް

5 months ago

ތި ތަންކޮޅުން ގާތްގަނޑަކަށް 7 ހެކްޓަރުގެ ބިން ހިއްކުމުގެ ބޭނުމެއް ނެތް. ތިހިސާބުން ފޭސްދޭއްގެ ކޮޅާއި ހަމައަށް ހިއްކަބަލަ. ފަޅެއް އޮތިއްޔާ ވާނީ ހިއްކަން. މިހާރުވެސް މާލެއަތޮޅުގައި ހުރިއްޔާހުރި ފަޅެއް އޮތިއްޔާ ހިއްކަމުންދާ އުސޫލުން.

ވާވީނޫނީ

5 months ago

ބޯޓު ޖައްސާ ހިސާބަކާ އެހާ ކައިރިން ޓަވަރުތަކެއް އެޅީމަޔޯ. އަޑުވެސް އެހާ ގަދަ ވާނޭދޯ އެ ހިސާބުގެ

ސާމީ

5 months ago

ތިތަނުންފެށިގެން 2ވަނަ ފޭސް އަށް އިތުރު މަގެއް ހަދާބަލަ، ދުވަސްކޮޅަކުން ހައިވޭ ބާރު ބޮޑުވެ ނުދުއްވޭ ހިސާބަށް ހިގައިދާނެ.

ކޮސް

5 months ago

މޮނޮރެއިލް ، ހިދުމަތް ދެވޭތޯ އުޅެންވީ. ސީނުކަރައަށް އެކަން ރަނގަޅަށް ކޮށްދެވޭނީ. އުތުރުކަރައަކަށް މިކަހަލަ ކަންކަން ކުރާކަށް ނޭނގޭނެ . މަގެއް ހަދާނެކަމެއްނެތް. ބޮޑު ގޯހެެއް އެއީ.