Advertisement

އެމްއާރުއެމް އުވާލުމަށް އަދާ ކުރަން ޖެހޭ ދަރަންޏެއް އޮތްތޯ ބަލަނީ

އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން: މްއާރުއެމް އުވާލުމަށް އަދާ ކުރަން ޖެހޭ ދަރަންޏެއް އޮތްތޯ ބަލަން އީސީން ވަނީ ހުޅުވާލާފައި -- ފޮޓޯ: އަދަދު ފައިލް


އެމްއާރުއެމް އުވާލުމަށް އަދާ ކުރަން ޖެހޭ ދަރަންޏެއް އޮތްތޯ ބަލަނީ

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އުވާލުމަށް އަދާ ކުރަން ޖެހޭ އެއްވެސް ދަރަންޏެއް އޮތްތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްއާރްއެމްއިން އަދާ ކުރަން ޖެހޭ އެއްވެސް ދަރަންޏެއް އޮތްނަމަ، ނޮވެމްބަރު 10، ގެ ކުރިން އެކަން އެ ޕާޓީގެ އޮފީސް މއ. މާރާދައާގެ، ދެވަނަ ފަންގިފިލާއަށް ހުށަހަޅައި ނިންމުމަށް އެދޭ ކަމަށެވެ.

މިގޮތުން ދަރަންޏެއް އޮތްނަމަ އެ ޕާޓީގެ ނަންބަރު 7965444 އަށް ގުޅައިގެން ކުރިއަށް ދިޔުމަށް ވެސް އިލެކްޝަނުން ވަނީ އެދިފަ އެވެ.

އިލެކްޝަނުން ދަނީ ގާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އެމްއާރްއެމް އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނު ލާޒިމު ކުރާ އަދަދު ކަމަށްވާ 3،000 މެންބަރުން ހަމަނުވެގެން އެމްއާރްއެމް އުވާލަން އިލެކްޝަނުން ނިންމީ އޯގަސްޓް، 25 ގަ އެވެ. އެގޮތަށް އިލެކްޝަނުން ނިންމީ އަދަދު ހަމަކުރަން ދިން މުއްދަތުގައި ހަމަ ކުރެވިފައި ނުވާތީ އެވެ.

މީގެ ކުރިން ވެސް އެމްއާރްއެމް އުވާލަން އިލެކްޝަނުން ނިންމި އެވެ. ނަމަވެސް އެފަހަރު ޕާޓީ އުވާލީ ގޯސް ކަމަށް ބުނެ އެމްއާރްއެމްއިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، އެ މައްސަލަ ނިމުނީ އެމްއާރްއެމްގެ ކޮޅަށެވެ.