Advertisement

ހަފުތާއެއް ވީއިރު ވެސް މުދާ ހުސްނުކުރެވިގެން އެމްއެސްސީގެ ބޯޓެއް ބަނދަރުގައި!


ހަފުތާއެއް ވީއިރު ވެސް މުދާ ހުސްނުކުރެވިގެން އެމްއެސްސީގެ ބޯޓެއް ބަނދަރުގައި!

ރާއްޖެ އައި މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ "އެމްއެސްސީ މަންސަ އެފް" ބޯޓުން ހަފްތާއެއްވީ އިރު ވެސް މުދާ ހުސް ނުކުރެވި، މާލޭ ކޮމާޝަލް ހާބަރުގައި ތާށިވެއްޖެ އެވެ.

އެމްޕީއެލްގެ އޮފިޝަލަކު "އަދަދު" އަށް ބުނީ އެ ބޯޓުން މުދާ ހުސް ނުކުރެވިގެން އުޅެނީ ޕޯޓުގައި ޖާގައިގެ ދަތިތަކަން ބޮޑުވުމުން ކަމަށާއި އެ ބޯޓުގައި ހުރި މުދާތައް ބާލައި ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި ފުރުވާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕޯޓު މިއޮތީ އެއްކޮށް އޮކިއުޕައި ވެފައި. މި އަހަރު ތެރޭގައި 600 އާއި 700 ކޮންޓެއިނަރުގެ ޖާގަ އިތުރު ކުރިން. އެތަން ވެސް އޮތީ ފުލް ވެފައި. ހުޅުމާލެ ވެސް އޮތީ ފުލްވެފައި. އަޅުގަޑުމެން ވަރަށް ވިސްނުންތެރިކަމާ އެކު ލޯޑު ކުރަމުން ބާލަމުން މިދަނީ،" އޮފިޝަލް ބުންޏެވެ.

އޮފިޝަލް ބުނީ ރާއްޖެ އަންނަ ބޯޓުތަކުގެ ތެރެއިން ބައެއް ބޯޓުތައް އަނބުރާ ފުރައިގެން ދަނީ ގިނަ މަދު ކޮންޓެއިނަރުތަކާއެކު ކަމަށާއި އޭގެ ސަބަބުން ބަނދަރުގައި ތާށިކަން ބޮޑުވާ ކަމަށެވެ.

ޕޯޓުގައި ޖާގައިގެ ދަތިތައް ހުރުމުގެ ސަބަބުން ކުރިން ހިލޭ މުދާ ބެހެއްޓޭ 10 ދުވަހުގެ މުއްދަތު ކުޑަކޮށް ރީފާ ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު ފަސް ދުވަހަށް އަދި ޑްރައި ކޮންޓެއިނަރު ބެހެއްޓޭ މުއްދަތު ހަތް ދުވަހަށް ކުޑަ ކުރަން އެމްޕީއެލް އިން ވަނީ ނިންމާފަ އެވެ.

ނަމަވެސް، މޫސުން ގޯސްވެ ދިމާވާ އެކި ކަންކަމަށް ރިއާއަތްކޮށް އެ މުއްދަތު އިތުރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލޭ ކޮމާޝަލް ހާބަރު މީގެ 39 އަހަރު ކުރިން ހެދިއިރު މަހެއްގެ މައްޗަށް ގެންނަނީ 1،000 އާއި 2،000 ޓަނާ ދެމެދުގެ އަދަދެކެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ކުރިން ވިދާޅުވީ ޕޯޓުގެ ޖާގަ މިވަގުތު ހުރި ގޮތުން އެއްފަހަރާ 2،200 ހުރިއިރު، މިހާރު އެއްފަހަރާ 4،000 ކޮންޓެއިނަރު ބަހައްޓަން ޖެހުމުން ދަތިތައް ދިމާވާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް މިހާރު އެވްރެޖުކޮށް 6،500 ކޮންޓެއިނަރު ގެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.