ގައުމީ ވޮލީބޯލް ލީގުގެ ޗެމްޕިއަން ތަށްޓާއެކު ވެމްކޯ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: ވަން އޮންލައިން
އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ކުޅުނު ގައުމީ ވޮލީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް ކްލަބް ވެމްކޯ އިން ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، މި ފަހުން އަންހެން ވޮލީބޯޅައިގެ މުބާރާތްތައް ޑޮމިނޭޓްކުރަމުން އައި ވެމްކޯ އިން ލީގު ތަށި ހޯދި ފުރަތަމަ ފަހަރެވެ. ގައުމީ ލީގުގެ އަންހެން ޑިވިޝަން މި ބޭއްވީ 2017 ގެ ފަހުން ފުރަތަމަ ފަހަރަށެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ވެމްކޯ އިން ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދީ 3-2 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ, 25-23, 17-25, 25-22, 21-25 އަދި 13-15 އިންނެވެ.
ވެމްކޯގެ ކުޅުންތެރިން މެޗުން މޮޅުވުމުން އުފާފާޅުކުރަނީ.--- ފޮޓޯ: ވަން އޮންލައިން
މި މެޗަށް ނުކުތްއިރު, ލީގުގައި ޕޮލިސް އަދި ވެމްކޯ އިން ވެސް ކުޅުނު ހުރިހާ މެޗެއް ސީދާ ތިން ސެޓުން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެހެންވެ, ލީގު ކަށަވަރުވާން އޮތީ މިރޭގެ މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ, އާމިނަތު އަރީޝާ (އަރީ) އަދި ޝަހާ ޝާމިންގެ މޮޅު ކުޅުން ފެނިގެންދިޔަ އެވެ. އެއާއެކު, މި ސެޓު ޕޮލިހުން ވަނީ 25-23 އިން ކާމިޔާބު ކޮށްފަ އެވެ.
އެކަމަކު, ޖެހިގެން އައި ދެވަނަ ސެޓުގައި ވެމްކޯ އިން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެގޮތުން ވެމްކޯގެ ޖޫޒާން ޒަރީރް އަދި އައިޝަތު މާޖިދާ (މާޖީ) ގެ މޮޅުކުޅުމާއެކު މި ސެޓު 25-17 އިން ވެމްކޯ އިން ގެންދިޔަ އެވެ.
ތިންވަނަ ސެޓުގައި ވެސް ޕޮލިހުން ވަނީ ފުރަތަމަ ސެޓުގައި އެ ޓީމުން ކުޅުނު ކުޅުން ތަކުރާރުކޮށްފަ އެވެ. އެއާއެކު މި ސެޓު ޕޮލިހުން ގެންދިޔައީ 25-22 އިންނެވެ.
ހަތަރު ވަނަ ސެޓުގެ ފަހުކޮޅު ޕޮލިސް ކްލަބަށް ހެދުނު ގޯސްތަކުގެ ފައިދާ ނަގާ އެ ސެޓު ވެމްކޯ އިން 21-25 އިން ކާމިޔާބުކުރިއިރު, ވެމްކޯ އިން ވަނީ ފަސްވަނަ ސެޓުގައި ވެސް ހަތަރުވަނަ ސެޓުގައި ކުޅުނު ކުޅުން ތަކުރާރުކޮށްފަ އެވެ.
މި އަހަރު ކުރީކޮޅު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ބަލިކޮށް ހޯދީ ވެމްކޯ އިންނެވެ.
Comment