Advertisement

ނެޝަނަލް ވޮލީބޯލް ލީގު: އަސްދިގަ، ޕޮލިސް އަދި ވެމްކޯ އަށް ފަސޭހަ ފެށުމެއް

10 އޮކްޓޯބަރު 2024 - 09:34 0


ނެޝަނަލް ވޮލީބޯލް ލީގު: އަސްދިގަ، ޕޮލިސް އަދި ވެމްކޯ އަށް ފަސޭހަ ފެށުމެއް

10 އޮކްޓޯބަރު 2024 - 09:34 0

އިއްޔެ ފެށި ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަނުގައި އަސްދިގަ ސްޕޯޓްސް ކްލަބް, ޕޮލިސް ކްލަބް އަދި ކްލަބް ވެމްކޯ އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފި އެވެ.

އިއްޔެ މެންދުރު ފުރަތަމަ މެޗުގައި ބައްދަލުކުރީ އަސްދިގަ އާއި ގުޑީސް ސްޕޯޓްސް ކްލަބުންނެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ އަސްދިގަ އިންނެވެ.

މި މެޗުގެ ސެޓުތައް އަސްދިގަ އިން ގެންދިޔައީ, 25-12, 25-21 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަސްދިގައިގެ ފާތިމަތު ނާސިހާ އެވެ.

އިއްޔެ ހަވީރު ޕޮލިސް ކުލަބުން ނުކުތީ, ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. މި މެޗު ޕޮލިހުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ, 25-11, 25-02 އަދި 25-02 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެވެ.

ރޭ ވެމްކޯ އިން ނުކުތީ, ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން އާ ދެކޮޅަށެވެ. މި މެޗު ވެމްކޯ އިން ގެންދިޔައީ ސީދާ ތިން ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ދިޔައީ, 25-22, 25-07 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ, ޔަކޮވެލެވާ އިންނަ އެވެ.

ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ގައުމީ އަންހެން ވޮލީ ލީގު އިއްޔެ ފެށިއިރު, މި މުބާރާތް އެންމެ ފަހުން އޮތީ، 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން، މިވީ މުއްދަތުގައި، ދެ އަހަރެއް ވޮލީގެ އެއްވެސް ހަރަކާތެއް ނުހިނގާ ދިޔަ އެވެ. އަދި މިދިޔަ އަހަރުތަކުގައި އަންހެން ޑިވިޝަނަށް ބޭއްވީ އެސޯސިއޭޝަނާއި ގައުމީ މުބާރާތެވެ.

މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އެވެ.

ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 14 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިސް އެވެ.

މި އަހަރު ކުރީކޮޅު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ބަލިކޮށް ހޯދީ ވެމްކޯ އިންނެވެ.