12 އޮކްޓޯބަރު 2024 - 09:36 0
12 އޮކްޓޯބަރު 2024 - 09:36 0
މިހާރު ކުރިއަށްދާ ގައުމީ ވޮލީ ލީގުގެ އަންހެން ޑިވިޝަންގައި ޕޮލިސް ކްލަބް އާއި ކްލަބް ވެމްކޯ އިން ކުޅުނު ތިންވަނަ މެޗުވެސް ކާމިޔާބުކޮށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.
ޕޮލިސް ކްލަބުން ތިންވަނަ މެޗުގައި ނުކުތީ ޔޫތު ނިއުޖެނެރޭޝަނާ ދެކޮޅަށެވެ. މި މެޗު އެ ޓީމުން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ދިޔައީ, 25-13, 25-16 އަދި 25-20 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބްގެ އައިމިނަތު އަރީޝާ އެވެ.
ވެމްކޯ އިން ތިންވަނަ މެޗުގައި ނުކުތީ, އަސްދިގަ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ވެސް ވެމްކޯ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް ދިޔައީ, 25-12, 25-15 އަދި 25-06 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ޔަކޮވޮލެވާ އިންނަ އެވެ.
ރޭ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކްލަބުން ވަނީ ގުޑީސް ސްޕޯޓްސް ކްލަބްގެ މައްޗަށް ސީދާ ތިން ސެޓުން ކުރިހޯދައިފަ އެވެ.
މި މެޗުގެ ސެޓުތައް ދިޔައީ, 25-11, 25-08 އަދި 25-09 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ހިންމަފުށި ވިކްޓޯރިއަސްގެ ބިދޭސީ ކުޅުންތެރިޔާ ނިރްމާނީ އެވެ.
މި ފަހަރުގެ ގައުމީ ވޮލީބޯލް ލީގުގައި ހަ ކްލަބަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ ވެމްކޯގެ އިތުރުން، ޕޮލިސް ކްލަބް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން, ގުޑީސް ސްޕޯޓްސް ކްލަބް އަދި ހިންމަފުށީ ވިކްޓޯރިއަސް ސްޕޯޓްސް ކްލަބް އެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހު 14 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ޕޮލިސް އެވެ.
މި އަހަރު ކުރީކޮޅު ބޭއްވި ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ޕޮލިސް ކްލަބް ބަލިކޮށް ހޯދީ ވެމްކޯ އިންނެވެ.
Comment